ފާއިތުވި ހަފްތާގެ ތެރޭގައި މާލެ ސިޓީގެ އެތެރޭގެ މަގުތަކާއި ސިނަމާލޭ ބްރިޖާއި ހައިވޭ ހިމެނޭ ސަރަހައްދުގައި ޖުމްލަ 45 އެކްސިޑެންޓް ހިނގާފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.
ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހުން ފެށިގެން 22 ވަނަ ދުވަހާ ހަމައަށް ހިނގާފައިވާ މި އެކްސިޑެންޓްތަކުގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ އެކްސިޑެންޓް (10 އެކްސިޑެންޓް) ހިނގާފައިވަނީ ނޮވެމްބަރު 20 ވަނަ ދުވަހުއެވެ. އެހެން ދުވަސްތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު، 16 ވަނަ ދުވަހު ހަ އެކްސިޑެންޓް، 17 ވަނަ ދުވަހު ފަސް އެކްސިޑެންޓް، 18 ވަނަ ދުވަހު ހަ އެކްސިޑެންޓް، 19 ވަނަ ދުވަހު ހަތަރު އެކްސިޑެންޓް، 21 ވަނަ ދުވަހު ހަ އެކްސިޑެންޓް އަދި 22 ވަނަ ދުވަހު އަށް އެކްސިޑެންޓް ހިނގާފައިވެއެވެ.
ހިނގާފައިވާ އެކްސިޑެންޓްތަކުގެ ބާވަތްތަކަށް ނަޒަރު ހިންގާލާއިރު، އެންމެ ގިނައިން ހިނގާފައިވަނީ ސައިކަލާއި ކާރާއި ޖެހިގެން ހިނގި އެކްސިޑެންޓްތަކެވެ. މިފަދަ 11 ހާދިސާ ހިނގާފައިވާއިރު، ސައިކަލާއި ސައިކަލާއި ދެމެދު ހިނގި އެކްސިޑެންޓްތަކުގެ އަދަދު ވަނީ ނުވައަށް އަރާފައެވެ.
މި ހަފްތާގައި ހިނގި އެކްސިޑެންޓްތަކުގެ ތެރެއިން ގިނަ ހާދިސާތައް ހިނގާފައިވަނީ ދުވާލުގެ ވަގުތުގައެވެ. ފުލުހުންގެ މައުލޫމާތުތައް ދައްކާ ގޮތުގައި ދުވާލު 33 އެކްސިޑެންޓް ހިނގާފައިވާއިރު، ރޭގަނޑުގެ ވަގުތުގައި ހިނގާފައިވަނީ 12 އެކްސިޑެންޓެވެ.
މި އެކްސިޑެންޓްތަކުގެ ސަބަބުން ދެ މީހަކަށް ބޮޑެތި އަނިޔާތައް ލިބިފައިވާއިރު، 43 މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވެއެވެ. އަދި މި ހަފްތާގެ އެކްސިޑެންޓްތަކުގެ ސަބަބުން ޖުމްލަ 37 އުޅަނދަކަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ.