31 ކާާޓަން ސިގިރެޓު ގެއްލުނު މައްސަލައެއް ބަލަނީ!

އާއިޝަތު އަނާ ރަޝީދު
 
9 ދުވަސް ކުރިން

ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ރައްކާކުރެވިފައި ހުރި ޖުމްލަ 31 ކާޓަން ސިނގިރޭޓު ގެއްލިފައިވާ މައްސަލައެއް ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.

ފުލުހުން މީޑިއާތަކަށް ދިން މައުލޫމާތުގައިވާ ގޮތުން، ގާނޫނާ ޚިލާފަށް ރާއްޖެއަށް އެތެރެކޮށްފައިވާ ކަމަށް ތުހުމަތުކުރެވިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 32 ކާޓަން ސިނގިރޭޓު ވިލިމާލެ ޕޮލިސް ސްޓޭޝަންގައި ބަހައްޓާފައި ހުއްޓައި، އޭގެތެރެއިން ހަ ކާޓަން ގެއްލިފައިވާކަން ފާހަގަވިއެވެ. މި ހަ ކާޓަން ގެއްލިފައިވާކަން ފުލުހުންނަށް އެނގުނީ މިދިޔަ ހަފުތާގެ ބުދަ ދުވަހުއެވެ. މި ސިނގިރޭޓުތަކަކީ މިދިޔަ މެއި މަހުގެ 23 ވަނަ ދުވަހު ބިދޭސީއެއްގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެއްޗެވެ.

މީގެ އިތުރުން، މި މައްސަލަ ތަހުގީގު ކުރަމުން ދަނިކޮށް، ކުރީ އަހަރުގެ ޑިސެމްބަރު 23 ގައި ދެ ބިދޭސީއެއްގެ އަތުން ފުލުހުން ހިފަހައްޓާފައިވާ 25 ކާޓަން ސިނގިރޭޓު ވެސް މަދުވެފައިވާކަން ފާހަގަވެފައިވާ ކަމަށް ފުލުހުން ބުނެއެވެ. މި 25 ކާޓަން ވެސް ހުރީ ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައެވެ.

މި މައްސަލަތަކުގެ އިދާރީ ކަންކަން ބަލަމުން ގެންދަނީ ފުލުހުންގެ ސްޓޭޑާޑްސް ކޮމާންޑުންނެވެ. އަދި، މައްސަލައިގެ ޖިނާއީ ތަހުގީގު ވަކި މައްސަލައެއްގެ ގޮތުގައި ކުރިއަށް ގެންދާ ކަމަށް އެ މުއައްސަސާއިން ވަނީ ހާމަކޮށްފައެވެ.

ފާހަގަކުރެވޭ ގޮތުގައި، ސިނގިރޭޓު ވަގަށް އެތެރެކުރުމާއި، ރައްކާކުރެވިފައި ހުރި ތަކެތި ވަގަށް ނެގުމުގެ ބޮޑެތި މައްސަލަތައް ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ފެންމަތިވަމުން އަންނަކަން ފާހަގަކުރެވެއެވެ. މިސާލަކަށް، ކަސްޓަމްސްއިން އެޕްރީލް 26 ގައި ހިފެހެއްޓި ދެ ކޮންޓެއިނަރުގެ ސިނގިރޭޓު، މޯލްޑިވްސް ޕޯޓްސްގެ ހުޅުމާލެ އިންޓަނޭޝަނަލް ޓާމިނަލްގައި ހުއްޓައި ވަގަށް ނަގާފައިވާ މައްސަލައެއް ވެސް ފުލުހުން ދަނީ ބަލަމުންނެވެ. އެ މައްސަލަ ފުލުހުންނަށް ހުށަހެޅުނީ މިދިޔަ މަހުގެ 9 ވަނަ ދުވަހުއެވެ.