ގަވާއިދާ ޚިލާފަށް އެތެރެކުރުމުން ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގައި ހުރި 13 މިލިއަން ސިނގިރޭޓު ވަގަށް ނެގި މައްސަލާގައި ބަންދުކުރި ވިޔަފާރިވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އާއި ވިޔަފާރިވެރިޔާ އަހުމަދު އާރިފް (އާއްޓޭ) މިއަދު ބަންދުން ދޫކޮށްލައިފިއެވެ.
މި މައްސަލަ ފެންމަތިވުމާ އެކު، 10 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ލޮޓަސްގެ ވެރިޔާ އާރިފާއި އެޕޯލޯ ހޯލްޑިންސްގެ ވެރިޔާ ދިގަލި ހައްޔަރުކުރީ އެކަމަށް ފަންޑް ކުރުމުގެ ތުހުމަތުގައެވެ.
އެ އެންމެންގެ މައްޗަށް ވެސް ދައުވާކޮށްދޭން އެދި ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީސް (ޕީޖީ އޮފީސް) އަށް ފުލުހުން ފޮނުވާފައިވާ ނަމަވެސް މިހާތަނަށް ދައުވާކުރުމާ މެދު ޕީޖީން ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ. ޕީޖީ އޮފީހުން ބުނީ ގާނޫނުގައި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ދައުވާކޮށް މައްސަލަ ކޯޓަށް ހުށަހަޅާނެ ކަމަށެވެ.
މި މައްސަލާގައި ތަހުގީގު ނިމި، ދައުވާ ކޮށްދޭން އެދި ފުލުހުން ޕީޖީ އޮފީހަށް ފޮނުވާފައިވާތީ އާރިފާއި ދިގަލި އަދި ކޮންޓެއިނާ ވަގަށް ނަގައިގެން ގެންދިޔަ ތިލަފުށީ ސައިޓާ ހަވާލުވެގެން ހުރި ހަސަން ކ. ތުލުސްދޫ، ލިންކް ހައުސް، އަބްދުއްރަހްމާން ބަންދުން ދޫކޮށްލުމަށް ޕީޖީ އޮފީހުން ވަނީ ކްރިމިނަލް ކޯޓުގައި އެދިފައެވެ.
ޕީޖީން ބުނީ އެމީހުން ބަންދުން ދޫކުރަން އެދުނީ، އެމީހުންގެ މައްޗަށް ކުރެވޭ ތުހުމަތަކީ މި ކުށް ކުރުމަށް ރޭވުން ކަމަށް ވާއިރު، މި ވައްކަން ކުރުމުގައި އަމަލީ ގޮތުން ބައިވެރިވެފައިވާކަމުގެ ހެކި ލިބިފައި ނުވާތީ ކަމަށެވެ. އަދި ހަސަން އަބްދުއްރަހްމާން ޝަރުތުކޮށްފައި ބަންދުން ދޫކޮށްލުމަށް ނިންމާފައިވާނީ އޭނާއަކީ މި ވައްކަން ކުރުމުގައި އަމަލީ ގޮތުން ބައިވެރިވެފައިވާ ކަމަށް ތުހުމަތު ކުރެވޭ މީހަކަށް ނުވާތީ ކަމަށް ޕީޖީން ވަނީ ބުނެފައެވެ.ޕީޖީގެ ހުށަހެޅުމާ އެއްގޮތަށް އެ ތިން މީހުން މިއަދު ވަނީ ދޫކޮށްލާފައެވެ.
އެމީހުން ދޫކޮށްލި ނަމަވެސް އެ މައްސަލާގައި ދެން ހިމެނޭ މީހުން ބަންދުން ދުލެއް ނުކުރެއެވެ.