ޤަތަރުގެ ވެރިރަށް ދޯހާއަށް އިސްރާއީލުން ދިން ހަމަލާ ރައީސް މުޙައްމަދު މުއިއްޒު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފިއެވެ.
މިކަމާ ގުޅިގެން ރައީސް މުއިއްޒު ވިދާޅުވީ މިފަދަ ފިނޑި ޢަމަލުތަކަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު، އަދި މިނިވަން ޤައުމެއްގެ ސިޔާދަތާއި ސަރަޙައްދީ ސަލާމަތަށް ކުރާ ހަރުކަށި އަރައިގަތުމެއް ކަމުގައެވެ.
ރައީސް މުއިއްޒު އިތުރަށް ފާހަގަކުރެއްވި ގޮތުގައި ދިވެހިރާއްޖެ ދަނީ ޤަޠަރު ދައުލަތާއެކު އެއް އަޑަކުން ވާހަކަ ދައްކަމުންނެވެ. އަދި މި މައްސަލައިގައި ޤަތަރަށް ފުރިހަމަ އެއްބާރުލުން ދިވެހިރާއްޖެއިން ދޭނެކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.
މީގެއިތުރުން، ރައީސް މުއިއްޒު ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ގޮވާލައްވާފައިވަނީ، އިސްރާއީލުން ބައިނަލްއަޤްވާމީ އުސޫލުތަކާއި ހަމަތަކާ ޚިލާފަށް ކުރަމުންދާ ގިނަގުނަ ކަންތައްތަކަށް ޖަވާބުދާރީ ކުރުވުމަށް އަވަސް އަދި އެއްބައިވަންތަ ފިޔަވަޅުތަކެއް އެޅުމަށެވެ.
މި ހަމަލާއަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އުސޫލުތަކާ ސީދާ ޚިލާފު ޢަމަލެއްކަމަށް ފާހަގަކުރައްވައި، މިފަދަ ކަންކަން ހުއްޓުވުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭކަން ރައީސް މުއިއްޒު ފާހަގަކުރެއްވިއެވެ.
ދިވެހިރާއްޖެއިން މިހާރުވެސް ދަނީ މި މައްސަލައިގައި ކަމާބެހޭ ބައިނަލްއަޤްވާމީ ފަރާތްތަކާއެކު މަޝްވަރާކުރަމުންނެވެ. އަދި ޤަތަރުގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާފަދަ އެއްވެސް ޢަމަލެއް ކުށްވެރިކުރާނެކަމަށް ރައީސް މުއިއްޒު ވަނީ ހާމަކުރައްވާފައެވެ.