ނޭޕާލުގެ ވެރިކަމާ ދެކޮޅަށް ޒުވާނުން ކުރަމުންދާ އިހުތިޖާޖުތައް މިއަދު އިތުރަށް ފުޅާވެއްޖެއެވެ.
އެގޮތުން ޕާލިމެންޓު އިމާރާތާއި، މިއަދު މަޤާމުން ވަކިވި ބޮޑުވަޒީރު ކޭޕީ ޝަރްމާ އޮލީގެ ގެއާއި އެހެނިހެން ސިޔާސީ ފަރާތްތަކުގެ ގޭގެއަށް އަލިފާން ރޯކުރަމުންދެއެވެ.
އެންމެ ފުރަތަމަ ސޯޝަލް މީޑިއާ ހުއްޓުވާލުމާ ގުޅިގެން ފެށުނު މުޒާހަރާތައް މިހާރު ބަދަލުވެފައިވަނީ ޤައުމުގައި އަށަގެންފައިވާ ކޮރަޕްޝަނާއި، ވަކި ބަޔަކަށް ޚާއްޞަ އިނާޔަތްތައް ދިނުމާއި، ވަޒީފާގެ ދަތިކަން ފަދަ އިޖުތިމާޢީ މައްސަލަތަކާ ދެކޮޅަށެވެ.
އިއްޔެ ފެށުނު މުޒާހަރާތައް މުޅި ޤައުމަށް ފެތުރި، ހުރިހާ އުމުރުފުރައެއްގެ މީހުން ބައިވެރިވަމުންދާއިރު، ސިޔާސީ ލީޑަރުންގެ ގެދޮރަށް ވަދެ އަލިފާން ރޯކޮށް، ޕާޓީ އޮފީސްތަކަށް ގެއްލުންދެމުންދެއެވެ. މި ހަލަބޮލިކަމުގެ ތެރޭގައި ބޮޑުވަޒީރާއި ގިނަ އަދަދެއްގެ ވަޒީރުން ވަނީ އިސްތިއުފާ ދީފައެވެ.
އިއްޔެ މުޒާހަރާ ކޮންޓްރޯލްކުރުމަށް ފުލުހުން ބާރުގެ ބޭނުންކުރުމުގެ ސަބަބުން 19 މީހަކު މަރުވެފައިވާއިރު، މިއަދުގެ މުޒާހަރާ ފެށިގެން ދިޔައީ ކަތުމަންޑޫގެ ޕާލިމެންޓު އިމާރާތަށް މުޒާހަރާކުރާ ފަރާތްތައް ވަނުމާ އެކުގައެވެ. މަގުމަތީގައި ޓަޔަރު އަންދައި، މަގުތައް ބަންދުކުރަމުންދާއިރު، ފުލުހުން ދަނީ ކަރުނަގޭސް ބޭނުންކޮށްގެން ހާލަތު ކޮންޓްރޯލްކުރަން މަސައްކަތްކުރަމުންނެވެ.
ޕާލިމެންޓުގެ ސެކްރެޓޭރިއެޓްގެ ޚަބަރު ފަތުރާ ފަރާތް، އެކްރަމް ގިރީ އޭއެފްޕީއަށް މަޢުލޫމާތު ދެއްވިގޮތުގައި، ސަތޭކަ އަދަދެއްގެ މީހުން ޕާލިމެންޓު އިމާރާތަށް ވަދެ، މައި އިމާރާތުގައި އަލިފާން ރޯކޮށްފައިވެއެވެ.
މި ހަމަނުޖެހުންތަކާ ގުޅިގެން ކަތުމަންޑޫގެ ޓްރިބުވާން އިންޓަނޭޝަނަލް އެއަރޕޯޓުގެ ދަތުރުތައް ވަނީ ވަގުތީގޮތުން ހުއްޓާލާފައިކަމަށް ނޭޕާލްގެ މީޑިއާތަކުން ރިޕޯޓުކުރި ނަމަވެސް، އެއަރޕޯޓުގެ ހާލަތު އަދި ވަނީ ކަށަވަރު ނުކުރެވިއެވެ.