ނޭޕާލުގެ ވެރިކަމާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތައް އިތުރަށް ހަލަބޮލިވެ، އެޤައުމުގައި ތިބި ދިވެހިންގެ ހާލާމެދު ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.
މިއަދު އެޤައުމުގެ ޒުވާނުން ކުރި މުޒާހަރާތަކުގައި ޕާލިމެންޓު އިމާރާތާއި އެހެނިހެން ސިޔާސީ ފަރާތްތަކުގެ ގޭގެއަށް އަލިފާން ރޯކޮށްފައިވެއެވެ.
މުޒާހަރާތައް މިހާ ބޮޑަށް ހަލަބޮލިވެފައިވަނީ މިއަދު ބޮޑުވަޒީރު ކޭޕީ ޝަރްމާ އޮލީ މަޤާމުން އިސްތިއުފާ ދިނުމާ ގުޅިގެންނެވެ. މުޒާހަރާކުރާ ފަރާތްތަކުން ވަނީ އޭނާގެ ގެކޮޅުގައި ވެސް އަލިފާން ރޯކޮށްފައެވެ.
ނަމަވެސް މި ނާޒުކު ހާލަތުގައި ނޭޕާލުގައި ތިބި ދިވެހިންގެ ރައްކާތެރިކަމާމެދު ކަންބޮޑުވުން ފާޅުކުރެވެމުންދާއިރު، ސަރުކާރުގެ ފަރާތުން އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައި ނުވާކަން ފާހަގަކުރެވެއެވެ. އަދި އެކަމާ ގުޅޭގޮތުން އެއްވެސް ޖަވާބެއް ލިބިފައިނުވާކަން ވެސް ފާހަގަކުރެވެއެވެ.
ނޭޕާލުގައި ދިރިއުޅޭ ދިވެހިންނާއި، އެޤައުމަށް ޒިޔާރަތްކޮށްފައިވާ ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގިނަ ފަރާތްތަކުން ވަނީ ގޮވާލާފައެވެ.
މި ހަލަބޮލިކަމުގެ ތެރޭގައި ނޭޕާލުގެ ސަލާމަތީ ބާރުތަކުން ވަނީ އިތުރު ސަލާމަތީ ފިޔަވަޅުތަކެއް އަޅާފައެވެ. އަދި ހާލަތު އާންމު ހާލަތަށް އަނބުރާ ގެނައުމަށް މަސައްކަތްތަކެއް ކުރަމުންދާކަމަށް އެޤައުމުގެ އިސްވެރިން މައުލޫމާތު ދެއެވެ.