ރައީސް ބ. ދޮންފަނުގައި --

ހަނިފަރު ހަލާކުވުމުގެ ކަންބޮޑުވުންތަކާއެކު ދޮންފަނުގެ ބިން ނުހިއްކަން ނިންމަވައިފި

ނާއިފް ހަލީމް
 
10 ގަޑިއިރު ކުރިން

ބ. ދޮންފަނު ބިން ހިއްކައިފި ނަމަ ހަނިފަރު ބޭއަށް ގެއްލުންވާނެތީ، އެ ތަނުގެ ހިމާޔަތުގައި އެތައް ހާސް ބަޔަކު ތެދުވުމުން، ބިން ނުހިއްކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފިއެވެ.

ބ. އަތޮޅު ބަޔޮސްފިއާ ރިޒާވް ސަރަހައްދުގައި އޮންނަ ދޮންފަނު ބިން ހިއްކުމުގެ މަޝްރޫއު ރައީސް އިއުލާނު ކުރެއްވީ ބ. އަތޮޅަށް މިދިޔަ މަހު ކުރެއްވި ދަތުރުފުޅުގައި ދޮންފަނު ރައްޔިތުންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

 އެ މަޝްރޫއުގެ ސަބަބުން ބަޔޮސްފިއާ ރިޒާވްގެ ދިރުންތަކަށް ގެއްލުން ލިބި ރާއްޖޭގެ ޓޫރިޒަމަށް ވެސް އޭގެ ނުރަނގަޅު އަސަރު ކުރާނެ ކަމަށް ބުނެ އާންމުންނާއި ތިމާވެއްޓާ ގުޅުން ހުރި މަސައްކަތްކުރާ ޖަމްއިއްޔާތަކުން އަންނަނީ މަޝްރޫއު ހުއްޓާލުމަށް ގޮޮވާލަމުންނެވެ.

ރައީސް މިއަދު ؛އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާލުވީ ރަށްރަށުގައި ކުރިއަށް ގެންދާނެ މަސައްކަތްތަކާ ބހޭ ވައުދުތައް ވެ ވަޑައިގަންނަވަނީ ރައްޔިތުން އެކަންތަކަށް އެ މަނިކުފާނު އަރިހުން އެދުމުން ކަމަށެވެ.

"ރައްޔިތުން ބޭނުން ނުވާ ކަމެއް އެ ރަށެއްގައި މި ސަރުކާރުން ނުކުރާނެ. މީ ރައްޔިތުންނާ ގާތުން މަސައްކަތްކުރާ، ރައްޔިތުން އެދޭ އަމާޒަށް މަސައްކަތް ކުރާ ސަރުކާރެއް،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ބ.ދޮންފަނުގެ ރައްޔިތުންގެ އެދުމުގެ މަތީން އެ ރަށުގައި ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދަން ވައުދުވެ ވަޑައިގެންނެވި ކަމަށާއި އެ ވައުދު ފުއްދުމަށް އެގްރީމެންޓް ގައި ސޮއި ކޮށްފައިވާ ކަމަށެވެ.

"ނަމަވެސް، ރައްޔިތުން އެކަން މިހާރު ބޭނުން ނުވާ ކަމަށް އަޅުގަނޑަށް ރައްޔިތުންގެ ފަރާތުން މައުލޫމާތު ލިބިފައިވަނީ. އެހެން ކަމުން، އެރަށުގެ ބިން ހިއްކުން ސަރުކާރުން ކުރިޔަށް ނުގެންދާނެ ވާހަކަ ދަންނަވަން،" ރައީސް ވިދާޅުވިއެވެ.