ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިންތިޚާބުގައި ވެވަޑައިގެންނެވި ވަޢުދެއް ކަމުގައިވާ، ދިވެހިރާއްޖޭގެ 20 އަހަރުގެ ތަރައްޤީގެ ޤައުމީ މާސްޓަރ ޕްލޭން، ކުރިއަށް އޮތް އަހަރުގެ ފުރަތަމަ މަސްތަކުގައި ތަޢާރަފުކުރުމަށް މަސައްކަތްތައް ކުރިއަށްދާ ކަމުގައި "ވިލުންތެރި ރާއްޖެ" ޓީމުން މިއަދު ހާމަކޮށްފިއެވެ.
ޕްރޮޖެކްޓް ލީޑް މުޙައްމަދު ނަޒީފް ހާމަކުރެއްވި ގޮތުގައި، މި ޕްލޭން ތަޢާރަފްކުރެވޭނީ ކުރިއަށް އޮތް ޖެނުއަރީ މަހުގެ ނިޔަލަށެވެ. މި މުހިންމު ޤައުމީ ތަރައްޤީގެ ޕްލޭން އެކުލަވާލަން ފެށުމަށް ވަޒީރުންގެ މަޖިލީހުން ނިންމާފައިވަނީ ވޭތުވެދިޔަ އަހަރުގެ ފަހު ދުވަސްތަކުގައެވެ.
މިހާރު ވަނީ މި ޕްލޭނާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދަން ފަށާފައެވެ. މި މަސައްކަތް ޙަވާލުކޮށްފައިވާ ނެކްސިއާ މޯލްޑިވްސްގެ 10 ޓީމުން، މި އަހަރު ނިމުމުގެ ކުރިން، މީހުން ދިރިއުޅޭ 186 ރަށަށް ޒިޔާރަތްކޮށް، އާންމު ރައްޔިތުންނާއި، ކަމާގުޅުންހުރި ފަރާތްތަކާއި، ވިޔަފާރިވެރިންގެ ޚިޔާލު ހޯދުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުރިން ފާހަގަކުރައްވާފައިވާ ގޮތުގައި، މި ޤައުމީ ތަރައްޤީގެ ޕްލޭނަށް ޤާނޫނީ ބާރު ދިނުމަށް އިޞްލާޙުތަކެއް ގެނެވޭނެއެވެ. މީގެ ތެރޭގައި މޮނިޓަރިންގ އޮނިގަނޑަކާއި، މާލީ ޕްލޭނަކާއި، ތަންފީޒުކުރުމުގެ އޮނިގަނޑެއް އެކުލަވާލެވޭނެއެވެ. ނަޒީފް ވިދާޅުވި ގޮތުގައި މި ޕްލޭން އެކުލަވާލުމުގެ މަރުޙަލާތައް ފުރިހަމަވާނީ އަންނަ އަހަރުގެ ޖޫން މަހާ ހަމައަށެވެ. އަދި އޭގެ ކުރިން ރައްޔިތުންގެ ތާއީދު އޮތްކަން ޔަޤީންކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ކުރިއަށް އޮތް 20 އަހަރަށް އަމާޒުކޮށް "ޤައުމީ ތަރައްޤީގެ ޕްލޭން" އެކުލަވާލުމުގެ މަސައްކަތް ފެށިގެންދާއިރު، "އެދޭ ރާއްޖެ" ގެ ނަމުގައި އައު ހަރަކާތެއް ފަށައި، ޤައުމީ މަޝްވަރާއަކަށް ގޮވާލާފައިވެއެވެ. މި މަޝްވަރާގެ މަޤްޞަދަކީ ޤައުމުގެ މިސްރާބު އެއް އަމާޒަކަށް ގެންދިއުމެވެ.
ޤައުމުގެ ތަރައްޤީއަށް ކުރެވޭ ޚަރަދާ އެއްވަރުގެ ކުރިއެރުމެއް ނުލިބި، ދަރަނި އިތުރުވަމުންދާ މައްސަލައަށް ޙައްލެއް ހޯދަން ޖެހެއެވެ. މިކަން ޙައްލުކުރެވޭނީ ޤައުމުގެ މުސްތަޤުބަލާމެދު ސާފު ތަޞައްވުރެއް އެކުލަވާލައިގެންނެވެ. މިއީ ވަކި ފަރުދެއް ނުވަތަ ވަކި ޕާޓީއެއްގެ މަސައްކަތަކަށް ވެގެން ނުވާނެއެވެ. މިއީ ހުރިހާ ފިކުރެއްގެ މީހުންނާއި، ތަޖުރިބާކާރުންނާއި، އިލްމީ ދިރާސާތަކުގެ އަލީގައި ކުރިއަށް ގެންދަންޖެހޭ މަސައްކަތެކެވެ.