އައްޑޫ ސިޓީ ހިތަދޫ ފެނަކަ ބްރާންޗް - - ފޮޓޯ: އައްޑޫލައިވް

ދަންވަރު 2 ގަޑިއިރެއްހާއިރަށް ކަރަންޓު ކެނޑި އައްޑޫ ރައްޔިތުން ރަތަށް!

އާއިޝަތު އަނާ ރަޝީދު
 
3 ދުވަސް ކުރިން

‎ރޭ ދަންވަރު 3 ހާއިރު އައްޑޫ ސިޓީއިން  2 ގަޑިއިރެއްހާއިރަށް ކަރަންޓު ކެނޑި އާންމު ރައްޔިތުން އަނެއްކާ ވެސް ނުރުހުން ވެއްޖެއެވެ. 

‎މި ހާދިސާ ހިނގާފައިވަނީ ފޭދޫ ކުރީގެ ބޯޅަދަނޑުގައި ހުރި ބޮޑެތި ލައިޓްތަކުގެ ކޭބަލްތައް ވަގަށް ނެގުމަށް މީހަކު ކުރި މަސައްކަތެއްގެ ތެރޭގައެވެ. 

އައްޑޫގެ ފެނަކަ ގޮފިން ބުނެފައިވާ ގޮތުގައި ވައްކަން ކުރުމަށް  މަސައްކަތްކުރުމުގެ ތެރޭގައި ޓާމިނޭޝަން ކަނޑާލައި، އެޗް.ވީ ކޭބަލް އެއް ނަގުމަށް ވަނީ މަސައްކަތްކޮށްފައެވެެ.  އެމީހާއަށް ވަނީ ފުރާނައަށް ގެއްލޭފަދަ  ބޮޑެތި އަނިޔާތަކެއްް ލިބިފައި ކަން ވެސް ފާހަގަކޮށްލެވެއެވެ. 

‎ކަރަންޓު ކެނޑުމާ ގުޅިގެން އާންމު ރައްޔިތުން ވަނީ ބޮޑަށް ކަންބޮޑުވެފައެވެ. އައްޑޫ ސިޓީއަކީ އާންމުކޮށް ކޮންމެ ދުވަހަކުހެން ކަރަންޓު ކެނޑޭ ތަނެއް ކަމަށާއި، މިކަމާ ގުޅިގެން އާންމުންގެ އިންތިހާއަށް ޝަކުވާ އޮތް ނަމަވެސް އެއްވެސް ހައްލެއް ލިބިފައިނުވާ ކަމަށް ރައްޔިތުން ފާހަގަކުރެއެވެ.

‎މި މައްސަލައާ ގުޅޭގޮތުން ފޭދޫ އުތުރު ދާއިރާގެ މެންބަރު އަހުމަދު ނިޒާރު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. 

"އައްޑޫ ސިޓީއަށް ފޯރުކޮށްދޭންޖެހޭ ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް ފެނަކައިގެ އިސްވެރިންނާއި އެކު ވަރަށް ވާހަކަ ދެކެވިއްޖެެ.. ވަރަށް ގިނަ ތާރިހުތަކެއްވެސް ދެވިއްޖެ، ނަމަވެސް އެއްވެސް އަމަލީ ސިފައެއް ނާދޭ،" ނިޒާރު ވިދާޅުވިއެވެ.

https://www.facebook.com/share/p/16xzwiWLd8/?mibextid=wwXIfr

‎އެމްޕީ ނިޒާރު އިތުރަށް ވިދާޅުވީ މިކަން ހައްލު ކުރުމަށް ފެނަކައަށް ގިނަ ދުވަހުގެ މުއްދަތުތަކާއި ފުރުސަތުތައް ދެވިފައިވާ ކަމަށާއި، ފެނަކައިން މިކަމަށް ޖަވާބުދާރީވުން މުހިންމު ކަމަށެވެ.

‎އައްޑޫ ސިޓީގެ ކަރަންޓުގެ ޚިދުމަތަކީ ގިނަ ދުވަސްތަކެއް ވަންދެން ރައްޔިތުން ޝަކުވާ ކުރަމުންދާ މައްސަލައެކެވެ. ނަމަވެސް މިހާތަނަށް މި މައްސަލައަށް ދާއިމީ ހައްލެއް ލިބިފައެއް ނުވެއެވެ.