ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހްމަދު އަޒާން -- ފޮޓޯ: މަޖްލިސް

ވެރިކަމުގައި އަބަދު ތިބޭނެ ކަމަށް ބަލައި ގާނޫނު ހެދުން ގޯސް: އަޒާން

މުހައްމަދު ހަމީޒް
 
13 ދުވަސް ކުރިން

މީޑިއާ ރެގިއުލޭޓުކުރުމާ ބެހޭ ބިލު އޮތީ މިނިވަން ހިޔާލާއި މިނިވަން ފިކުރާ ދެކޮޅަށް ކަމަށާއި ވެރިކަމުގައި އަބަދު ތިބެވޭނެ ކަމަށް ބަލައިގެން ގާނޫނުތައް ހެދުން ބުއްދިވެރި ނޫން ކަމަށް މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު އަޒާން މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ދައުރުން ބޭރުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މީޑިއާ ރެގިއުލޭޓު ކުރުމަށް ހުށަހަޅާފައިވާ ބިލަށް ވާހަކަ ދައްކަމުން އަޒާން ވިދާޅުވީ، ދައުލަތުގެ ތިން ބާރު ވެސް ހިނގަނީ ގާނޫނުއަސާސީން ހުދޫދެއް ކަނޑައަޅައިގެން، މިންތަކެއްގެ ތެރެއިން ކަމުން، ހަތަރުވަނަ ބާރު ކަމުގައި ދެކޭ މީޑިއާ ވެސް ހިންގަންޖެހޭނީ މިންތަކެއް ކަނޑައަޅައިގެން، ހުދޫދެއްގެ ތެރެއިން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް މިހާރު ހުށަހަޅާފައިވާ ބިލުގައި ކަންބޮޑުވާންޖެހޭ ކަންތައްތަކެއް އެބަހުރިކަން ފާހަގަކުރައްވައި އަޒާން ވިދާޅުވީ މިހާރު އޮތް ގޮތަށް ބިލު ފާސްކުރަން ނުފެންނަ ކަމަށެވެ.

"މިދިޔަ ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި ހަތަރު ފަހަރު ފުލުހަށް ހާޒިރުކުރި؛ އެއީ މީޑިއާއާ ގުޅޭ ޓުވީޓުތަކާއި ލިޔުނު އެކި ކަހަަލަ ހަބަރުތަކާ ގުޅިގެން" އަޒާން ވިދާޅުވި އެވެ.

މީގެ އިތުރުން، އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަނަކުން ގޯތި ދެއްވާނެ ކަމަށް ވިދާޅުވެގެން ގޯތިތައް ހުރި ތަން ބަލަން ދިއުމުން ޓެރަރިޒަމްގެ ތުހުމަތުކޮށް ފުލުހަށް މައްސަލަ ހުށަހެޅި ކަމަށާއި އެތައް އެކުވެރިންނެއް ޓުވީޓުކޮށްގެން ވަޒީފާއިން ވަކިކުރިކަމަށް ވިދާޅުވެ، މިފަދަ ކަންބޮޑުވުންތައް ހުރުމުން އަބަދު ވެރިކަމުގައި ތިބޭނެ ކަމަށް ވިސްނައިގެން މިފަދަ ގާނޫނުތައް ހެދުމަކީ ގޯހެއް ކަމަށް އަޒާން ވިދާޅުވިއެވެ.

"މި ބިލާ މެދު ގޮތެއް ނިންމެވުމުގެ ކުރިން އަޅުގަނޑަށް ފެންނަނީ ވީހާ ވެސް ފުޅާ ދާއިރާއެއްގައި މީޑިއާގެ ބޭފުޅުންނާއި ކަމާ ބެހޭ ތަޖުރިބާކާރުންނާ އަދި އަޅުގަނޑުމެން އަމިއްލައަށް ވެސް ތަންކޮޅެއް ދުރު މުސްތަގުބަލަކަށް ވިސްނައިގެން މަޝްވަރާކުރުމަށް ފަހު ގޮތެއް ނިންމަން." އަޒާން ވިދާޅުވިއެވެ.