ކޮމިޓީ ސިއްރުކުރުމުން ނޫސްވެރިން މަޖިލިސް ދޮށުގައި އިހުތިޖާޖުކުރަނީ--

މީޑިއާ ބިލު ދިރާސާކުރާ ކޮމިޓީ ސިއްރުކޮށްފި, ނޫސްވެރިން އިހުތިޖާޖަށް

ނާއިފް ހަލީމް
 
7 ގަޑިއިރު ކުރިން

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި އޮތް މީޑިއާތައް 'ކޮންޓްރޯލް'ކުރާ ބިލުގެ ދިރާސާކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ބޭއްވި ބައްދަލިުވުން ސިއްރުކޮށްފިއެވެ.

ސަރުކާރާ ގުޅުން ބޮޑު، ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހައްނާން އަބޫބަކުރު ވަނީ މީޑިއާ 'ކޮންޓްރޯލް' ބިލެއް ހުށަހަޅާފައެވެ. މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އެ ބިލުގެ މަސައްކަތް ފަށާފައިވާއިރު، މިހާރު ވަނީ މީޑިއާތަކާ ބައްދަލުކޮށްފައެވެ.

އަދި ކޮމިޓީއަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި، މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ މެންބަރުން ހާޒިރުކޮށް ޚިޔާލު ހޯދައިފައިވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އެ ކޮމިޓީގައި ވާހަކަދެއްކި ހުރިހާ މީޑިއާއަކުން ވަނީ ބިލަށް ދެކޮޅު ހަދާފައެވެ. އަދި ބްރޯޑްކޮމާއި، އެމްއެމްސީއިން ވެސް ވަނީ ބިލު އިތުރަށް ދިރާސާކޮށް، ރަނގަޅުކުރަން ޖެހޭކަމަށް ބުނެފައެވެ.

އެއާއެކު މިއަދު ބޭއްވި ކޮމިޓީގައި މި ބިލު ދިރާސާކުރުމުގެ މަސައްކަތް ފެށުމުގެ ކުރިން ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމް ވަނީ ކޮމިޓީ ސިއްރުކުރަން ހުށަހަޅައިފައެވެ. ކޮމިޓީ ސިއްރުކުރަން ހުށަހެޅުއްވީ މި ބިލަށް ވަރަށް ގިނަ ބައެއްގެ ކޮމެންޓު ލިބިފައިވާތީ، އެ ފަދަ ކޮމެންޓުތައް ބަލައި ދިރާސާކުރާއިރު މީހުންގެ ޒާތީ މައުލޫމާތު ވެސް ހާމަވާނެތީ ކަމަށް ނަސީމް ފާހަގަކުރެއްވިއެވެ. އެހެންވެ މިވަގުތަށް އެންމެ މަސްލަހަތު ހުރި ގޮތަކީ ކޮމިޓީ ސިއްރުކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންވެ ކޮމިޓީ ސިއްރުކުރަން މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.

އެއާއެކު ނޫސްވެރިން ވަނީ މަޖިލިސް ކޮމިޓީގައި ވެސް، ކޮމިޓީ ސިއްރުކުރުމުން ނުރުހުން ފާޅުކޮށްފައެވެ. އަދި މަޖިލިސް ދޮށުގައި ނޫސްވެރިން ގެންދަނީ އިހުތިޖާޖު ވެސް ކުރަމުންނެވެ. މި އިހުތިޖާޖު ކުރިއަށް ދާތީ ފުލުހުން ވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ.