ވީދިގެންދާ އިޖްތިމާއީ ފޭރާން ރައްކާކުރަން ރެގިއުލޭޓް ކުރަންވީ ޓިކްޓޮކް

އާއިޝަތު އަނާ ރަޝީދު
 
1 މަސް ކުރިން

ޒަމާނީ ޓެކްނޮލޮޖީއާ މެދު ދިވެހިންގެ ޝައުޤުވެރިކަމަކީ ފާހަގަކޮށްލެވޭ ކަމެކެވެ. އެގޮތުން ބަލާއިރު އާބާދީގެ ގޮތުން ކުޑަ މި ޤައުމުގައި، އެންމެ ފަހުގެ ޓެކްނޮލޮޖީއާއި އައު ޓްރެންޑްތަކަށް ހޭލުންތެރި އަދި ޝައުޤުވެރިވާ މީހުން ގިނައެވެ. މި ގޮތުން ފަހަކަށް އައިސް އެންމެ މަޤްބޫލު އެއް ޕްލެޓްފޯމަކަށް ވެފައިވަނީ 'ޓިކްޓޮކް' އެވެ. މި އެޕްލިކޭޝަން ތަޢާރަފުވުމާއެކު، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގިނަ ބަޔަކު އެ ބޭނުންކުރަން ފަށައިފިއެވެ.

އެހެން ސޯޝަލް މީޑިއާ ވަސީލަތްތަކާ އަޅާބަލާއިރު، ޓިކްޓޮކްގެ މަޤްބޫލުކަން އަވަސް ސްޕީޑެއްގައި އިތުރުވެގެން ގޮސްފައިވެއެވެ. ޚާއްޞަކޮށް ސްކޫލް ދަރިވަރުންނާއި ޒުވާނުންގެ މެދުގައި މި އެޕްލިކޭޝަން ވަނީ ވަރަށް މަޤްބޫލުވެފައިވާއިރު މި ޕްލެޓްފޯމްގެ ސަބަބުން ފިލްމީ ދާއިރާއަށް ނުކުމެ، ކުރިއަރަމުންދާ ޒުވާން ހުނަރުވެރިން ވެސް މަދެއް ނޫނެވެ. ގިނަ ބަޔަކު މި ޕްލެޓްފޯމް ދެކެނީ ޒުވާން ޓެލެންޓުތަކަށް ފުރުޞަތު ހުޅުވިގެން ދިޔަ ދޮރެއްގެ ގޮތުގައެވެ.

ޓިކްޓޮކް ބޭނުންކުރާ މީހުންގެ ތެރޭގައި ހަމައެކަނި ބަލާ މީހުންނާއި، ކޮންޓެންޓް އުފައްދާ މީހުން ހިމެނެއެވެ. މި ޕްލެޓްފޯމްގައި ހިއްވަރުދޭ މެސެޖުތަކާއި، ހަޤީޤީ ވާޤިޢާތަކާއި، އިސްލާމީ މަޢުލޫމާތުގެ އިތުރުން ހޭލުންތެރިކަން އިތުރުކުރުމުގެ މެސެޖުތައް ހިއްސާކުރެވެއެވެ. މިހާރު ސަރުކާރުގެ އިދާރާތަކާއި ރައްޔިތުންގެ މަޖިލިސް ފަދަ މުއައްސަސާތަކުން ވެސް ޒުވާނުންނާ ހަމައަށް މަޢުލޫމާތު ފޯރުކޮށްދިނުމަށް މި ޕްލެޓްފޯމް ބޭނުންކުރަމުންދެއެވެ.

ނަމަވެސް، ބައެއް މީހުން މި އެޕް ބޭނުންކުރަމުންދަނީ އިސްލާމީ އަދި ދިވެހި މުޖުތަމަޢުގެ އަޚްލާޤީ މިންގަނޑުތަކާ ޚިލާފަށެވެ. މީގެ ތެރޭގައި ހުތުރުބަހުގެ ބޭނުންކުރުމާއި، ޖިންސު ބަދަލުކޮށްގެން ކުޅޭ ވީޑިއޯތަކާއި، އަބުރާބެހުމާއި ފުރައްސާރަކުރުން ހިމެނެއެވެ. މިއީ ހަމައެކަނި ދިވެހިރާއްޖެއަށް ދިމާވެފައިވާ މައްސަލައެއް ނޫނެވެ. ޕާކިސްތާން ފަދަ ޤައުމުތަކުން މިފަދަ ސަބަބުތަކާހުރެ ޓިކްޓޮކް ބޭނުންކުރުން މަނާކޮށްފައިވެއެވެ..

މިފަދަ ނޭދެވޭ ކަންކަން ރާއްޖޭގައި ހިނގަމުންދާއިރު، އެކަންކަމަށް ފިޔަވަޅު އަޅަންޖެހޭ އިދާރާތަކުން އެއްވެސް ސަމާލުކަމެއް ނުދިނުމަކީ ހިތާމަހުރި ކަމެކެވެ. އެކި ބާވަތުގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ މުއައްސަސާތަކާއި، އެކަންކަން ތަންފީޒުކުރުމުގެ ޒިންމާ އުފުލަންޖެހޭ އިސްވެރިން ތިބި ނަމަވެސް، މިއިން އެއްވެސް ފަރާތަކުން މިކަމަށް އަޅާލާފައެއް ނުވެއެވެ.

ޚާއްޞަކޮށް ކުޑަކުދިންނާއި ޒުވާނުންގެ މެދުގައި މިފަދަ ނޭދެވޭ އަމަލުތައް އިތުރުވަމުންދާއިރު، މިކަމުގެ ސަބަބުން ކުރިމަތިވެދާނެ އިޖްތިމާޢީ އަދި ނަފްސާނީ ގެއްލުންތަކަށް އެއްވެސް ފަރާތަކުން ރިޢާޔަތް ނުކުރެވެއެވެ. ޓިކްޓޮކް މެދުވެރިކޮށް ފެތުރޭ ނޭދެވޭ މެސެޖުތަކާއި، އަޚްލާޤީ މިންގަނޑުތަކާ ޚިލާފު ކޮންޓެންޓްތަކުގެ ސަބަބުން ދިވެހި މުޖުތަމަޢުގެ އަގުހުރި އާދަކާދަތަކާއި އިސްލާމީ އަޤީދާއަށް ވެސް ނޭދެވޭ އަސަރުތަކެއް ކުރަމުންދެއެވެ. ވީދިގެންދަނީވެސް ދިވެހި ޤައުމުގެ އިޖްތިމާއީ ފޭރާމެވެ.

މީގެ އިތުރުން، ޓިކްޓޮކް މެދުވެރިކޮށް ހިންގޭ އޮންލައިން ފުރައްސާރަކުރުމާއި، ސައިބަރ ބުލީކުރުމުގެ އަމަލުތައް އިތުރުވަމުންދާއިރު، މިކަމުގެ ޝިކާރައަކަށްވާ ފަރާތްތަކަށް ލިބެންޖެހޭ ޤާނޫނީ ރައްކާތެރިކަން ވެސް ނުލިބެއެވެ. ސައިބަރ ކުށްތަކާ ގުޅޭ ޤާނޫނުތައް ހުރި ނަމަވެސް، އޭގެ ތަންފީޒީ ބާރު ވަރަށް ބޮޑަށް ދަށްވެފައިވާކަން ފާހަގަކުރެވެއެވެ.

އަދި މިފަދަ މައްސަލަތައް ރިޕޯޓުކުރުމަށް ޚާއްޞަ ނިޒާމެއް ނެތުމާއި، ރިޕޯޓުކުރެވޭ މައްސަލަތަކަށް އެކަށީގެންވާ ފިޔަވަޅު ނޭޅުމަކީ މިކަން އިތުރަށް ގޯސްވެގެން ދިއުމަށް މަގުފަހިވާ ކަމެކެވެ. މުއައްސަސާތަކުގެ މެދުގައި އޮންނަންޖެހޭ ވިލަރެސްކުރުމާއި މަޢުލޫމާތު ޙިއްޞާކުރުން ވެސް ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ.

އެހެންކަމުން، މިއަދު އަޅުގަނޑުމެންގެ ތެރެއިން ޖީލެއް ހަލާކުވެގެންދާއިރު، ކަމާބެހޭ މުއައްސަސާތައް ތިބީ ހޭލާނުލައި ނިދީގައެވެ. މިއީ މުޅި ޤައުމުގެ ފެއިލިއަރއެކެވެ. މިކަމަށް އަވަސް ޙައްލެއް ނުގެނެވިއްޖެނަމަ، އަންނަން އޮތް ޖީލުތަކަށް މީގެ ނޭދެވޭ އަސަރުތައް ކުރާނެކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. އެހެންކަމުން، މިހާރުން މިހާރަށް ވެސް ސަރުކާރާއި ކަމާބެހޭ މުއައްސަސާތަކުން މިކަމަށް ޚާއްޞަ ސަމާލުކަމެއް ދީ، އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހިފައިވެއެވެ.