ޒުވާން އައިޒަން ހެދި ކާރު --

އެންމެ 16 އަހަރު: ޒުވާން އައިޒަން ހެދީ އަމިއްލަ ކާރެއް!

ނާއިފް ހަލީމް
 
1 މަސް ކުރިން

ކުޑައިރު ފެށިގެން އޭނާ އަބަދު ވެސް އުޅޭނީ ކޮންމެ ވެސް ކުޅޭ އެއްޗެއް ރޫޅައިގެން އެއްޗެއް ހަދާށެވެ. ފޮށިގަނޑާއި އެކި އެއްޗެހިންނެވެ. އެކަން ނުކުރާ އިރެއް އޭނާ ހަދާނަކު ނުހުރެއެވެ. އެ ކަމަށް އޭނާގެ ހިތުގައި އޮންނަނީ މާނަ ފުން ލޯތްބެކެވެ. އެ މަސައްކަތުގެ ތެރެއިން ބޮޑުވިއިރު، އޭނާގެ ޝައުގުވެރިކަން އަތުލީ އިންޖިނިއަރިންގެ ދާއިރާއެވެ.

އެ ދާއިރާގެ ތެރެއަށް ހިތް ދޫވިއިރު ވެސް އޭނާ ދެކޭ ހުވަފެނެއް އޮވެއެވެ. އެއީ، އަމިއްލަ ކާރެއް ހެދުމެވެ.

އެ ހުވަފެން އޭނާ ދެކެން ފެށީ ގްރޭޑު އަށެއްގައި ކިޔަވަމުންނެވެ. އެ ކަމުގައި ކުލަ ޖެއްސީ ވެސް އޭނާ އަމިއްލައަށެވެ. އެހާ ތަފާތުކޮށެވެ. މިއީ، އުމުރުން 16 އަހަރުގެ އަހުމަދު އައިޒަން އަމްޖަދު އޭނާގެ ހުވަފެނުގައި ކުލަ ޖައްސަން ކުރި މަސައްކަތެވެ.

ހުވަފެނުގައި ކުލަޖައްސަން ހެދި ކާރު

ކޮންމެ މީހެއްގެ ވެސް އުންމީދުތައް ހުރެއެވެ. އެކަމަކު، އެ އުންމީދުތަކުގައި ކުލަައްސަން ކުރަން ޖެހޭ ކަންކަން ގިނައެވެ. ގިރާ ކުރަން ޖެހޭ އަޑިގުޑަންތައް ވެސް ގިނެވެފައި އުހެވެ. ނަމަވެސް، އެއިން އެއްވެސް ކަމަކާ އައިޒަން ޖެހިލުމެއް ނުވިއެވެ. ކުރިއަށް ދިޔައީ ކުޑައިރު ދުށް ހުވަފެން ކުލަކުރާށެވެ.

އޭނާ ހުރީ ސުކޫލު ދައުރު ސުކޫލު ނިންމާލި ގޮތަށް، އެކަމުގެ މަސައްކަތަށް ފަށަން އަޒުމު ކަނޑައަޅައިގެންނެވެ. އައު ވައްތަރެއްގެ ކާރެއް ތައްޔާރުކުރުމަކީ އޭނާގެ ކުޑައިރުގެ އުންމީދެކެވެ.

އެ އަޒުމުގައި މިދިޔަ ޖޫން 11 ގައި ގއ. ގެމަނަފުށީ ސުކޫލުން އޯލެވެލް ނިންމި ގޮތަށް ކާރަށް ބޭނުންވާ އެއްޗެހި ހަމަކުރަން ފެށިއެވެ. އެ ތަކެތި ހަމަކޮށްގެން ކާރުގެ އަމަލީ މަސައްކަތްތައް ފެށޭ ވަރުވީ އޭގެ ދެތިން ދުވަސް ފަހުން ޖޫން 16 ގައެވެ.

އޯލެވެލް ނިންމާފައި ބޯހަމަަޖައްސައި މަޖާކޮށްލަން އުޅުމުގެ ބަދަލުގައި އައިޒަން ރެއާ ދުވާލު އުޅުނީ އޭނާގެ ރޭސިން ކާރު ހެދުމުގެ މަސައްކަތުގައެވެ.

"ހެނދުނު 06:00 ޖަހާއިރު ތެދުވެގެން ގޮސް، ދަންވަރު 12:00 ޖަހަން ދެން ހަމަ ކާރުގެ މަސައްކަތުގައި އުޅުނީ. ބައެއް ރޭރޭ ނުވެސް ނިދާ މަސައްކަތުގައި އުޅުނީ،" އައިޒަން ކިޔައިދިނެވެ.

އައިޒަން ބުނީ، އޭނާގެ އާއިލާގެ އެއްބާރުލުމާ އެއްކޮށް، ކާރުގެ މަސައްކަތް ކުރީ އޭނާ އަމިއްލައަށް ކަމަށެވެ. އެ މަސައްކަތަށް އެންމެ ބޮޑު އެއްބާރުލުމެއް އޭނާއަށް ދިނީ މަންމައާއި ބައްޕައެވެ.