ލޯންގް ރޭންޖް އެކުއެސްޓިކް ޑިވައިސް (އެލްއާރްއޭޑީ): މިއީ ފުލުހުން ބޭނުންކުރި އަޑުގަދަކުރާ --

މުޒާހަރާގައި ފުލުހުން ބޭނުންކުރި ތޫނު އަޑުއިއްވި "އަޑުގަދަކުރާ" އަކީ ކޯންޗެއް؟

ނާއިފް ހަލީމް
 
2 ދުވަސް ކުރިން

މިދިޔަ ހުކުރު ދުވަހުގެ ރޭ، ދިވެހި ފުލުހުން ވަނީ މުޒާހަރާއެއް ރޫޅާލުމަށް މީގެ ކުރިން ބޭނުން ނުކުރާ މުޅިން އާ ކަމެއް ކޮށްފައެވެ. އެއީ އެ ސަރަހައްދުގައި އެއްވެ ތިބި މީހުންނަށް ކެތްނުވާ ވަރުގެ ތޫނު އަޑެއްް، ވަރަށް ބާރަށް ފޮނުވުމެވެ. މިއީ ކޮންޗެއްތޯ ބަލައިލުން މުހިންމެވެ.

ލޯންގް ރޭންޖް އެކޮސްޓިކް ޑިވައިސް ނުވަަތަ ކުރުކޮށް، އެލްއާރުއޭޑީ އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަސްކަރީ ބޭނުންތަކުން ފެށިގެން ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ބޭނުންތަކަށް ޚާއްސަ ހައިޓެކް ސައުންޑް ސިސްޓަމެކެވެ. 

އެންމެ ފުރަތަމަ އެލްއާރްއޭޑީ ބޭނުންކުރެވުނީ ކަނޑުފޭރޭ މީހުން ހުއްޓުވައި ބޯޓުތައް ހިމާޔަތް ކުރުމަށް ޓަކައެވެ. ނަމަވެސް  ވަރަށް ދުރަށް ވެސް ސާފުކަމާއެކު މެސެޖުތައް ބްރޯޑްކާސްޓް ކުރުމަށާއި، އެއްވުންތަކާއި މުޒާހަރާތައް ރޫޅާލުމަށް ކަންފަތަށް ތޫނު އަޑު ބާރަށް ޖެހުމަށް ޓަކައި ވެސް މި ވަސީލަތް މިހާރަކަށް އައިސް އަންނަނީ ބޭނުންކުރަމުންނެވެ.

މިއީ ނޮން ލީތަލް ނުވަތަ ބަޔަކަށް އަނިޔާއެއް ނުލިބޭހެން އެއްވުންތައް ރޫޅައިލަން ބޭނުންކުރަން ރަނގަޅު އެއްޗެއްކަމަށް އެއްބަޔަކު ބުނާއިރު އަނެއް ބަޔަކު ބުނާ ގޮތުގައި މިއީ ސިއްހީ ގޮތުން ބޮޑެތި ނުރައްކާތަކެއް ކުރިމަތި ކުރުވާ ކަމެކެވެ.

އެލްއާރްޑީ މަސައްކަތް ކުރަނީ ކިހިނެއް؟

އެލްއާރުއޭޑީ އަކީ ސްޕޮޓްލައިޓުން އަލި ވަކި ދިމާލަކަށް ފޯރާހެން ފޯކަސް ކުރާ ފަދައިން ވަކި ދިމާއަކަށް އަޑު ޕްރޮޖެކްޓް ކުރުމަށް ފަރުމާކޮށްފައިވާ އެކޮސްޓިކް ނުވަތަ ސައުންޑް ޑިވައިސްއެކެވެ. މިއީ 160 ޑެސިބަލް (ޑީބީ) އާއި ހަމައަށް ވޮލިއުމް އުފައްދާ އެއްޗަކަށް ވާއިރު، މިއީ އިންސާނެއްގެ ކަންފަތުގައި ރިއްސައި އެކި އަނިޔާތައް ނުރައްކާ މިންވަރަށް ފޯރުވާ ބޮޑު އަދަދެކެވެ. 

އަޑު  ފަތުރާ އާދައިގެ ސްޕީކަރުތަކާ ހިލާފަށް އެލްއާރުއޭޑީގައި ވަކި ދިމާއަކަށް ފޯކަސްކޮށް ހަނި ބީމްއެއް އުފައްދައި، ވަކި ސަރަހައްދުތަކަށް އަމާޒުކޮށް، އެ ތަނެއްގައި ތިބޭ ބަޔަކަށް އަސަރު ކުރާ ވަރު، ކޑަ ނުވަތަ ބޮޑުކުރެވެއެވެ.

އެލްއާރްޑީ ބޭނުންކުރި ބަޔަކު އުޅޭތަ؟

އެމެރިކާ ފަދަ ގައުމުތަކުގެ ފުލުހުންގެ ބާރުތަކުން ވަނީ 2009 ވަނަ އަހަރު ޕިޓްސްބާގުގައި ބޭއްވި ޖީ20 ސަމިޓާއި، 2014 ވަނަ އަހަރު ފާގަސަން ހަމަނުޖެހުންތަކާއި، 2020 ވަނަ އަހަރު ބްލެކް ލައިވްސް މެޓާ މުޒާހަރާތަކުގައި އެލްއާރުއޭޑީ  ބޭނުންކޮށްފައެވެ. އަދި ގުދުރަތީ ކާރިސާތަކުގެ ތެރޭގައި ދުރު ހިސާބުތަކަށް އިންޒާރު ދިނުމަށް ނުވަތަ ޖަނަވާރުތަކަށް ގެއްލުމެއް ނުލިބި ހުއްޓުވުމަށް ވަލު ޖަނަވާރުތައް ބެލެހެއްޓުމުގައި ވެސް ކުއްލި މުއާމަލާތްތަކަށް ވެސް ބޭނުން ކުރެއެވެ. މި ޑިވައިސް ބޭނުންކުރަން ވަކާލާތުކުރާ ބައެއް މީހުން ބާރުއަޅަނީ ޖިސްމާނީ ބާރުގެ ބޭނުން ކުރުމުގެ ކުރިން ސާފު އިރުޝާދުތައް ދިނުމުން ހާލަތްތައް ޑީ-އެސްކޭލޭޓް ކުރުމުގައި މި މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ.

ރާއްޖޭގައި އެލްއާރްޑީ ބޭނުން މި ކުރީ އަލަށް؟

މީގެ ކުރީގެ އެއްވެސް އެއްވުމެއްގައި ރާއްޖޭގައި އަދި އެލްއާރްޑީ ބޭނުން ނުކުރެއެވެ. ފުރަތަމަ ފަހަރަށް ވެސް ބޭނުންކުރީ ހުކުރު ދުވަހުގެ ރޭގެ އިހުތިޖާޖުގައެވެ. އެހެންވެ އެމްޑީޕީން މިވަނީ މިކަން ކުށްވެރިކޮށްފައެވެ. އަދި މިއީ ގާނޫނާ ޚިލާފަށް ކުރި ކަމެއް ކަމަށް ވެސް ވަނީ ބުނެފައެވެ. 

ނަމަވެސް ފުލުހުން ވަނީ އެ ކަން ދިފާއުކޮށްފައެވެ. އަދި އެއީ ގާނޫނީ އިމުގެ ތެރެއިން ކުރި ކަމެއް ކަމަށް ވެސް ބުންޏެވެ. ނަމަވެސް މިހާރު އަންނަނީ މި ކަން ކުރުމާއެކު އެ ކަމާ ދެކޮޅަށް މައްސަލަ ބަލަން ގޮވައިލައި ޕެޓިޝަނެއްގައި ސޮއިކުރަމުންނެވެ.

އެމްޑީޕީގެ އެއްވުމުގައި ތިބި ބައެއް މީހުންނާ ހަވާލާދީ އެ ޕެޓިޝަންގައި ފާހަގަކޮށްފައިވާ ގޮތުގައި، އެ އެއްވުމުގައި 30 މިނެޓާއި 45 މިނެޓާ ދެމެދުގެ ވަގުތަކަށް އެލްއާރުއޭޑީ ބޭނުންކުރުމުގެ ސަބަބުން ގިނަ މީހުންގެ އަޑުއިވުމަށް އަސަރުކޮށް، ދިގުދެމިގެންދާ ގެއްލުން ބައެއް މީހުންނަށް ލިބިފައިވެއެވެ.

ޕެޓިޝަންގައި އިތުރަށް ބުނީ، އެލްއާރުއޭޑީއޭގެ ސަބަބުން މީހުންގެ އަޑުއިވުމަށް ދާއިމަށް އަސަރުކޮށް، ބޯއެނބުރުމާއި ނަފްސާނީ ގެއްލުން ލިބެއެވެ. އަދި ވަކިން ޚާއްސަކޮށް އެއާ ކައިރީގައި ތިބޭ މީހުންނަށް ލިބޭ ގެއްލުން ބޮޑު ކަމަށްވެސް ޕެޓިޝަންގައި ބުނެފައިވެއެވެ.

އަޑުއިވުމަށް ލިބޭ ގެއްލުމުގެ އިތުރުން އެލްއާރުޑީއޭ ބޭނުންކުރުމުން ރާއްޖޭގެ ގާނޫނުއަސާސީއާއި ގާނޫނާއި ގަވައިދުތަކުގެ އިތުރުން ރާއްޖޭން ބައިވެރިވެފައިވާ އެކި މުއާހަދާތަކުން ކަށަވަރުކޮށްދީފައިވާ އެއްވެއުޅުމުގެ ހައްގު ނިގުޅައިގަންނަ ކަމަށް ވެސް އެ ޕެޓިޝަންގައިވެއެވެ.