ޕީއެންސީ ޕީޖީ ލީޑަރު ފަލާހު --

ފުރަތަމަ ކޮންޓްރޯލުކުރަންވީ އަމިއްލަ ޖަޒުބާތު، މަރަން ގޮވައިގެން ތިހެދީ ބޮޑު ގޯހެއް!

ނާއިފް ހަލީމް
 
1 މަސް ކުރިން

މިފަދަ ތަހުޒީބީ ޒަމާނެއްގައި، ޚުދުމުހުތާރު، މުޑުދާރު ވިސްނުންތައް ބޭރުކުރެވެނީ އެ ވިސްނުން ހިތުން ރުހުމުން ގަބޫލުކުރާ، ނާތަހުޒީބު ވިސްނުމުގެ ވެރިއަކަށް ވީމާ ކަމަށް ވެދާނެއެވެ. އިއްޔެ އެ ފަދަ މަޅިއެއްގައި ޖެހިވަޑައިގަތީ ރައްޔިތުންގެ މަޖިލީހުގައި މި ވަގުތު ހުންނެވި އެންމެ ނުފޫޒު ގަދަ އެއް މެންބަރު ކަމަށްވާ، ވެރިކަންކުރާ ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހެވެ.

ސޯޝަލް މީޑިއާގައި މީގެ ދެތިން އަހަރު ކުރިން އޭނާއަށް ކުރެވުނު ތުހުމަތުތަކެއްގެ ވާހަކަ، ނިކަން ޖަޒުބާތާއެކު ހިއްސާކުރައްވަމުން ގެންދެވިއެވެ.

"އަޅުގަނޑާ ވައްތަރު މީހެއްގެ ފޮޓޯ ޖަހައިގެން އަޅުގަނޑަކީ އެއް ޖިއްސުން ގުޅުން ހިންގާ މީހަކަށް ހެދީ. އަޅުގަނޑުގެ ވެސް ތިބޭ އަނބިދަރިން ވެސް. ބޮޑެތި ވެފައި ތިބި ދަރިން ވެސް އެބަތިބި. ކުދި ދަރިން ވެސް އެބަތިބި. މީތޯ މީޑިއާ މަސައްކަތް ކުރާ ގޮތަކީ އިއްޒަތްތެރި ރައީސް؟،" ފަލާހު ވިދާޅުވިއެވެ.

އޭނާއަށް ތުހުމަތުކުރެވުނު އަމަލަކީ ނުވެސް ކުރާ ކަމެއް ކަން ދެއްކުމަށް ޓަކައި ﷲ ގަންދީ ހުވާ ވެސް ކުރެއްވިއެވެ. އަދި އެއީ ދިވެހިރާއްޖޭގެ ނޫސްވެރިންނާ މެދު އޭނާގެ ހިތްޕުޅުގައި ބަރުކަމެއް އޮތް ސަބަބު ކަން ވެސް ވަރަށް ރަނގަޅަށް ހާމަވިއެވެ. އަދި އެއީ ނޫސްވެރިން އުލު ބައިންދަންޖެހޭ ފަދަ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ސަރުކާރުން މީޑިއާ ކޮންޓްރޯލުކުރާ ބިލު ކޮންމެހެން ވެސް ފާސްކުރަން އޭނާ ތާއީދުކުރައްވާ ސަބަބު ކަމަށް ވިދާޅުވިއެވެ.

" މި ލެވެލްގައި މަސައްކަތް ކުރީމައި މީޑިއާ ގެންގޮސް ޖަލަކަށް ނޫން ލާންވީ. އުލު ބައިދަންވީ. އިނގޭތޯ ރައީސް"

މި އިއްޒަތްތެރި މެންބަރަށް އެނގިވަޑައި ނުގަންނަވަނީ، ސޯޝަލް މީޑިއާއާއި ނޫސް މީޑިއާތަކުގެ ތަފާތެވެ. މެއިންސްޓްރީމް ނޫސްތަކާއި، ރަޖިސްޓްރީނުކޮށް، ވަކިވަކި މީހުން ސިޔާސީ ފާޑުކިޔުންތައް ލިޔަން ސައިޓު ތައް ވެސް ހިންގާ ކަމެވެ. އެ ކަން ރަނގަޅަށް އެނގިވަޑައިނުގެން ގޮވައިލެއްވީ ރާއްޖޭގެ ނޫސްވެރިން މަރާށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މިފަދަ ޒިންމާދާރުކަން ކުޑަ ވާހަކަތައް ދެއްކުމަކީ ބޮޑު ގޯހެކެވެ. އެއީ ރައްޔިތުންގެ ކުރިމަތީ އިންތިޚާބީ އާންމު ބޮޑު މަގާމެއްގައި ހުންނަވާ މީހަކު ވެއްޓިގެން ވާނެ ދަރަޖައެއް ނޫނެވެ. ފިޔަވަޅު ވެސް އެޅެން ޖެހޭ ކަމެކެވެ.

"މިހާރު ޕަބްލިކް ސާވިސްއަށް ނުކުންނަ މީހާއަށް އެނގެން ވާނެ، އެ މީހަކު އެ ކުރާ ކޮންމެ ކަމަކީ ރައްޔިތުން ބަލާނެ ކަންކަން. ސުވާލުކުރާނެ ކަންކަން. އަދި ފާޑުކިޔުމާއި އެކި ކަންކަމުގެ ތުހުމަތުތައް ވެސް ރައްދުވާނެ ކަން. އެހެންވީމާ އެ ކަން ދަނެގެން އުޅެވޭނީ. މާ ބޮޑު އަބުރުފުޅެއް އޮތްނަމަ ގޭގައި އޮތީމާ ނިމުނީ ނޫންތޯ. ކޮންމެހެން އާންމު ޚިދުމަތަށް ނުނިކުމެ،" ސިޔާސީ ދާއިރާގެ އިސް ބޭފުޅަކު ޖުމްލައާ ވާހަކަދައްކަވަމުން ވިދާޅުވިއެވެ.

ދައުލަތުގެ ތިން ބާރު ޖަވާބުދާރީ ކުރުވުމުގެ އެންމެ މުހިންމު މަސައްކަތް ކުރަނީ ޑިމޮކްރަސީގައި ހަތަރުވަނަ ބާރުކަމަށް ބަލާ ނޫސް މީޑިއާތަކެވެ. ނޫސްވެރިންނެވެ. އެ މީހުންނަކީ ތަހުގީގީ ނަޒަރަކުން ކަންކަން ބަލައި، މަސްދަރުތަކުން މައުލޫމާތު އެއްކޮށްފައި ނޫނީ، ޚަބަރު ފަތުރާ ބައެއް ނޫނެވެ. މިއީ ނޫސްވެރިކަމުގެ އެންމެ އަސާސީ މިންގަނޑު ނުވަތަ ހަމަ ވެސް މެއެވެ. ބޮޑެތި ވައްކަންތަކާއި، ގޯސްތައް ފަޅައި އަރުވަނީ ވެސް ހަމަ މީޑިއާއިންނެވެ. އެއްބަޔަކަށް މި ކަން ވަނީ ދޮގަށެވެ. ފިތުނައަށެވެ. ސަބަބަކީ މަސްލަހަތު އެކުލެވޭނަމަ ދިފާއުގައި ނުކުންނަން މަޖުބޫރުވާތީއެވެ.

މި މޭރުމުން ބަލައިނަމަ އެ ފަދަ ބޭފުޅުންނަށް މީޑިއާ ކޮންމެހެން ވެސް ކޮންޓްރޯލް ކުރަން ޖެހެއެވެ.

"އޭރުންތާ އެ މީހުންގެ ވައްކަންތަކާއި ގޯސްތައް ފޮރުވޭނީ. އެ ކަންކަން ހާމަވީމާ އެ ބުނާ ފިތުނައަކަށް ތާ ވަނީ،" މިއީ މިހާރު މި ބިލު ފާސްކުރަން ވަކާލާތުކުރައްވާ ގިނަ ސިޔާސީ ބޭފުޅުން ތާއީދުކުރައްވާ ސަބަބުކަން ފާހަގަކުރައްވައި، ކުރިން މައުލޫމާތު ދެއްވި ބޭފުޅާ ވިދާޅުވިއެވެ.

ގަބޫލުކުރަންޖެހޭ ހަގީގަތަކީ ތިން ބާރު ވަކިވެފައި އޮންނަ ނިޒާމެއް މި ރާއްޖޭގައި ހިނގަނީ ހަމައެކަނި ކަރުދާހުގައިކަން އެކަނި ކަމެވެ. ކޮންމެ ފަސް އަހަރަކުން ތަކުރާރުވާ ހަގީގަތަކީ، ތިން ބާރު ކޮންމެ ވެސް ފިކުރެއްގެ ތެރެއަށް ވައްދާ ކޮންޓްރޯލުކުރާ ކަމެވެ.

މިފަހަރު ވެރިކަމުގެ ބާރުގައި ހުންނެވި ޕީއެންސީ ފިކުރު ރައީސްއަށް، މަޖިލިސް ކޮންޓްރޯލު އެބައޮތެވެ. އެ މަޖިލީހުން ބޭނުންވާ ގޮތަކަށް ޖުޑިޝަރީ އެބަ ކޮންޓްރޯލުކުރެއެވެ. ދެން މި އުޅެނީ މީޑިއާ ވެސް ހަމަ މިހެން ކޮންޓްރޯލުކުރާށެވެ.

ބޭނުން ގޮތަކަށް ވެރިކަން ކުރަން ފަހިވާހެން ތިޔަހެން ގާނޫނު ހަދަން މަސައްކަތްކުރާއިރު އެނގެންޖެހޭ ކަމަކީ އަބަދު ވެރިކަމުގައި ނުތިބޭނެ ކަމެވެ. އޭރުން މީޑިއާތައް ވެސް މާ މުހިންމު ބަޔަކަށް އަލުން ވާނެ ކަމެވެ.

އަނދަގޮނޑީގައި ބޭންދިއަސް، އުލުބޭންދިއަސް ނޫސްވެރިންގެ އަނގަ ބަންދެއް ނުކުރެވޭނެއެވެ.