ރައީސް މުހައްމަދު މުއިއްޒު - -

ރައީސް އޮފީހުގެ ޔޫޓިއުބް ޗެނަލް އަދިވެސް ރިކަވާ ނުކުރެވޭ

އާއިޝަތު އަނާ ރަޝީދު
 
2 ދުވަސް ކުރިން

ފާއިތުވި ދެ ހަފުތާގެ ތެރޭގައި ރައީސް އޮފީހުގެ ޔޫޓިއުބް ޗެނަލް ހެކްކޮށް، އެހެން ފަރާތްތަކުގެ މަލްޓިމީޑިއާ ކޮންޓެންޓް އަޕްލޯޑްކުރުމާ ގުޅިގެން އުވާލެވުނު އެ ޗެނަލް، މިހާތަނަށްވެސް ރިކަވަރ ކުރުމުގެ މަސައްކަތް ކާމިޔާބުވެފައެއް ނުވެއެވެ.

ސެޕްޓެމްބަރު 23 ވަނަ ދުވަހު ޔޫޓިއުބުން އެ ޗެނަލް އުވާލިއިރު، ރައީސް މުހައްމަދު މުއިއްޒު އިންނެވީ މުލަކަތޮޅަށް ކުރައްވަމުންދިޔަ ރަސްމީ ދަތުރުފުޅެއްގައެވެ.

 މިކަމާ ގުޅޭގޮތުން މިއަދު ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލް ވަނީ އަދިވެސް ޗެނަލް އަނބުރާ ހޯދުމަށް ކާމިޔާބުވެފައިނުވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް މިކަން ލަސްވަމުންދާ ސަބަބު ސާފުކޮށްދެއްވަން އިންކާރުކުރެއްވިއެވެ.

ޗެނަލް އުވާލެވުނު ދުވަހު ހަލީލު ވިދާޅުވެފައިވަނީ، މިކަން ދިމާވި ގޮތް ބެލުމަށް ސައިބަރ ސެކިއުރިޓީގެ ފަންނީ މާހިރުން މަސައްކަތްކުރަމުންދާ ކަމަށާއި، އެ މަސައްކަތް ނިމުމުން މެނުވީ ދިމާވި ސަބަބު ނޭނގޭނެ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ ތަޤްރީރުތަކާއި އެތައް އަހަރެއްގެ ވީޑިއޯ ރެކޯޑިންގްތައް ހިމެނޭ މި ޗެނަލް އުވާލެވުނު ސަބަބެއްގެ ގޮތުގައި ޔޫޓިއުބުން ފުރަތަމަ ބަޔާންކޮށްފައިވަނީ އެ ޕްލެޓްފޯމްގެ ކޮމިއުނިޓީ މިންގަނޑުތަކާ ޚިލާފުވުމެވެ.

އިތުރަށް ތަޙުޤީޤުކުރެވުނު އިރު އެނގުނު ގޮތުގައި، ޗެނަލަށް ނުރަނގަޅު ގޮތެއްގައި ވަދެ، ކްރިޕްޓޯ ކަރަންސީ އާއި ވިޔަފާރިއާ ގުޅުންހުރި ވީޑިއޯތަކެއް އަޕްލޯޑްކޮށްފައިވެއެވެ. ދައުލަތުގެ އެންމެ އިސް އިދާރާގެ ރަސްމީ ޗެނަލެއް މިފަދަ ގޮތަކަށް ހެކްކުރެވި، ނެތިދިޔަ ނަމަވެސް، މިހާތަނަށް ސަރުކާރުގެ އެއްވެސް ކަމާބެހޭ އިދާރާއަކުން މިކަމާ ގުޅޭގޮތުން ރަސްމީ ބަޔާނެއް ނެރެފައެއް ނުވެއެވެ.