އަދުވާންވީ ގައުމު ދެކެ ލޯބިވާ ދަރިންނަށް، ހުއްބުލް ވަތަންގެ ރޫހު ދިރުވާ ބަޔަކަށް!

އާއިޝަތު އަނާ ރަޝީދު
 
1 މަސް ކުރިން

ފަނަރަ ސަތޭކައިގެ އަހަރުތަކުގެ ތެރޭގައި، ވެރިކަމުގެ ދަހިވެތިކަމުގައި ދިވެހި ޚާއިނުންތަކެއް ޕޯޗުގީޒުންގެ އެހީގައި ދިވެހިރާއްޖެ ހިފައި، ދިވެހިންގެ މިނިވަންކަން ނިގުޅައިގަތް ވާހަކައަކީ އަބަދުމެ އަޑުއަހާ ވާހަކައެކެވެ. ޕޯޗުގީޒުންގެ އަޅުވެތިކަމުގައި ދިވެހިން ހޭދަ ކުރި ދުވަސްތައްވެގެން ދިޔައީ ދިވެހި ޚާއިނުންތަކެއް، ވެރިކަން ހޯދުމަށްޓަކައި، ގައުމުގެ މިނިވަންކަން ގުރުބާންކޮށް، ގައުމަށް އެންމެ ނާމާންކަން ގެނައި ދުވަސްތަކަށެވެ. ވަކި އެޚާއިނުންގެ މަގްސަދު ކާމިޔާބު ކުރެވުނީއެއް ވެސް ނޫނެވެ. ވެރިކަމުގެ ދަހިވެތިކަން އެމީހުންގެ ހިތްތަކުން ފިލައިގެންދިޔައީ ޕޯޗުގީޒުންގެ އަތްތަކުން އެމީހުން ކަނޑު ފައްތާލި ހިސާބުންނެވެ.

ދެން ކުރިއަށް ދެމިގެންދިޔަ 15 އަހަރާއި 6 މަސް ދުވަސް ފާހަގަކުރެވިގެންދިޔައީ ދިވެހިން ދުށް އެންމެ ނާމާން އަދި އަނދިރި އަނދިރިންގެ ވަކި ތަކުން ދިވެހި ގައުމު އެއްކޮށް އަނދިރި ކޮށްލައިފައިވާ އަހަރުތަކެއްގެ ގޮތުގައެވެ.


މާ ބޮޑު ތަމްރީނުތަކެއް ލިބިފައި ނެތަސް، މުހިންމީ ދިވެހި ގައުމުކަން ދަނެ، މިނިވަންކަން އަނބުރާ ހޯދުމަށްޓަކައި އުތީމުގެ ތިން ބެއިން ނިކުތީ ވަރުގަދަ އަޒުމަކާއި ހިތްވަރާއި އެކުއެވެ. ގައުމަށްޓަކާ ދީނަށްޓަކާއެވެ. ކެރިގެން ޖިހާދަށެވެ.

ގިނަ ވަގުތަކެއް ތައްޔާރީތަކުގައި ހޭދަކޮށް، ވަކި އާރެއް ބާރެއް ޝަހްސިއްޔަތެއްނެތް މިތިން ބެއިން ނިކުމެ، ދިވެހި ޤައުމަށް މިނިވަންކަން ހޯދައިދެމުން ދިޔައީ ފަހަރަކު ރަށެއްހެންނެވެ. އަނދިރީގައި ހަނގުރާމަކޮށް، އަލި ވިލުމުގެ ކުރިން ނަސްރުގެ ދަންމަރު އުފުއްލައި، އެހާމެ ތަފާތުކޮށް ފަރުމާކުރެވިފައިވާ 'ކަޅުއޮށްފުއްމި' ގައި ފުރަނީ ދުޝްމަނުންގެ ވިހަ ވަކިތަކުން ދިވެހިން ސަލާމަތްކުރަމުންނެވެ. ޤައުމަށްޓަކައި ލޭ އޮހޮރުވައި ޝަހީދުވި ނަމަވެސް، މި ހިތްވަރުގަދަ ދިވެހި ޒުވާނުންގެ ސަބަބުން ދިވެހި ޤައުމަށް މިނިވަން ދިދައެއްގެ ހިޔާވެހިކަން ލިބިގެންދިޔައީ މީލާދީ ސަނަތުން 1573 ވަނަ އަހަރުއެވެ.


ޤައުމީ ބަތަލު، އަލް ސުލްތާނުލް ޢާޒީ މުހައްމަދު ތަކުރުފާނުލް އައުޒަމް ސިރީ ސަވާދީއްތަ ކައްތިރި ބަވަނަ މަހާރަދުންގެ ތޫނުފިލި ކަމާއި، ގައުމީ ގައުމަށް އިޖާބަ ދޭން ކެރިގެން ނިކުތް ކަމީ އަދުގެ ޒުވާނުން އެކަމުން އިބްރަތް ހާސިލް ކުރަންޖެހޭ ކަމެކެވެ.

މާ ގިނަ ވަސީލަތްތަކެއް، މާ ބޮޑު ބިމެއް، ނުވަތަ މާބޮޑު ހަތިޔާރުތަކެއް ނެތެއްކަމަކު، ގައުމެއްގެ މިނިވަންކަން ދެމެހެއްޓޭނީ އެބައެއްގެ ހިތުގައި އޮތް ހުއްބުލް ވަތަނުގެ މަތިވެރި ރޫހާ، ދިވެހި ޤައުމިއްޔަތު މިނިވަންކަންމަތީ ތާއަބަދަށް ދެމެހެއްޓުމުގެ ޝުއޫރު އޮވެގެން ކަން ކަށަވަރެވެ. ބޮޑު ތަކުރުފާނު ދިވެހި ތާރިޚުގައި "ސުޕަރ ހީރޯ" އެއްގެ ގޮތުގައި ނަން ފެވިފައިވަނީ އެމަނިކުފާނުގެ މި އިހުސާސްތައް އެންމެ ފުރިހަމަ ގޮތުގައި ދައްމައިގެންކަން ޔަގީނެވެ.

ޝައްކެއް ނެތެވެ. އޭރު ގޯއާ އަށް ވަޑައިގެން އެމީހުންގެ މަދަދަށް އެދި، މުޅި ދުނިޔޭގެ ކަނޑުގެ ބާޒު ގޮވައިގެން އައިސް ކުރެވުނު ހަނގުރާމައިގައި އަލީ ރަސްގެނފާނު ޝަހީދުވުމާއި އެކު، ވެހުނުހާ ވާރޭއެއްގައި ނިކުމެ ވަޑައިގެން ބޮޑު ތަކުރުފާނު ޤައުމު ސަލާމަތްކުރެއްވި ވާހަކައާއި، 1887 ވަނަ އަހަރު، އިނގިރޭސިންގެ ދަގަނޑު ވަކިތަކުގެ ދަށުގައި ދިވެހިން ބަނދެތިބި ހާދިސާއަސް ފަހު، ދިވެހި ޤައުމުދެކެ ލޯބިވާ ދަރިންތަކެއް ނިކުމެ ދިވެހިރާއްޖެއަށް މިނިވަންކަން ހޯދައިދިން ވާހަކައާއި، ނޮވެމްބަރު 3 ގެ ހާދިސާގައި، ހަމުގެ ބޭރަށް އޮހޭކަށް އިތުރު ލެޔެއްނެތި، ކަމަރުގައި ނަގާކަށް އިތުރު ވަޒަނެއްނެތި، ނަމަވެސް އިތުރު ވާނީ މަގޭ ހިތްމަތަށް ގޮވަމުން ޝަހީދު ހުސެއިން އާދަމް ވެދެއްވި ޖިހާދުގެ ވާހަކައިންވެސް އަދުގެ ޒުވާނުންނަށް ލިބިދޭން ޖެހެނީ އެންމެ ފިލާވަޅެކެވެ.

އެއީ ގައުމަށް ވަފާތެރިވުމަށެވެ. ގައުމު ދެކެ، މި ފަސްގަނޑު ދެކެ ލޯބި ވުމަށެވެ. މި ފަސްގަނޑަކީ އަމިއްލަ ފަސްގަނޑުކަން ދެނެ، ޤައުމިއްޔަތުގެ ވިންދު ހިތުގައި ޖެހުމަށް ފުރުސަތު ދިނުމެވެ.


ނަމަވެސް ހިތާމައަކީ އަދުގެ ދިވެހި ޒުވާނުން ގައުމާ މެދު، ގައުމީވަންތަކަމާއި މެދު، އަދި ޤައުމިއްޔަތާއި މެދު ދެކޭ ގޮތް ތަފާތުވުމެވެ. އަދުގެ ދިވެހި ޖީލުގެ ދަރިންގެ ހިތްތަކުގައި ޖަހަމުންދަނީ ގައުމާއި ދުރު، ގައުމީ އިހުސާސްތަކާއި ދުރު، ކާބަފައިން ކޮށައި މަގު ދައްކަވައިދިން ދިވެހި ކަނޑުތަކާއި ދިވެހި ރަށްތަކުގެ ފަސްގަނޑާއި ގުޅިފައިވާ ޤައުމިއްޔަތުގެ ލޭގެ އިހުސާސްތަކާއި ޚިލާފު ވިންދުތަކެކެވެ. އަދު ފެނިގެންދަނީ ހުޅަނގުގެ ތަހުޒީބާއި ބޭރު ކަރަކަރައިގެ އިހުސާސްތައް މިއަދު ރާއްޖޭގެ ރާއްޖެވަންތަކަމަށްވުރެ ބޮޑަށް ފެނިގެންދާ މަންޒަރެވެ. މަދު މަދުން ނަމަވެސް، މަޑު މަޑުން ނަމަވެސް، ހައްގުތަކާއި ޒިންމާތަކުގެ ނަމުގައިއާއި ރީތި ނުވަތަ ސަޅި ކަންކަމުގެ ނަމުގައިވެސް ހުޅަނގުގެ މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅި ފެނިގެންދާ ކަމީ، މިދިވެހިރާއްޖޭގެ ދޮންވެލި ތުނޑިތަކުގައި މި އިހުސާސްތައް ބީއްސަމުންދާ ކަމުގެ ހެއްކެކެވެ.

ނަމަވެސް ހަގީގަތަށް ބަލާއިރު، ކޮންމެ ދިވެއްސަކުވެސް ވާންޖެހޭނީ މިހައްގުތަކާއި މި ފެޝަންތަކުގެ ނަމުގައި ނުވަތަ ޒިންމާތަކުގެ ނަމުގައި ދިވެހި ދޮންވެލިގަނޑުގައި ބީއްސަމުންމިދާ މުންކަރާތްތައް ނަހީކުރާ ބަޔަކަށެވެ. އެއްޖިންސުން ގުޅުން ހިންގުމާއި، ޒުވާ ކުޅުމާއި އިސްލާމްދީން ނަހީކުރާ އެކިއެކި ދައުލަތްތަކަށް ތަރުހީބު ދިނުމާއި، މަސްތުގެ ވަބާ އަކީ ސަޅިކަމަކަށް އަދުގެ ޒުވާން ޖީލުތަކަށްވެގެންދާއިރު، މިފަދަ އަޑުތަކާއި މަންޒަރުތައް ދިވެހި މުޖުތަމައު އިން ފެންނަމުންދާ ކަމީ ހިތާމަ ކުރަންޖެހޭ ކަމެކެވެ.

ދިވެހިންނަކީ ތާއަބަދުމެ އިސްލާމީ ވަންތަކަމަކީ ދިވެހި ގައުމިއްޔަތުގެ މުހިންމު ބަހާއެއް ކަމުގައި ބަލައިގަންނަ ބަޔަކަށްވާއިރު، މިއަދު މި ދިވެހިން ވާންޖެހޭނީ، ބޮދު ތަކުރުފާނާއި ދޮން ބަންޑާރައިން ފަދަ ނުވަތަ ދެ ހާޖީންނާއި އަލިރަސްގެފާނާއި ނުވަތަ ޝަހީދު ހުސެއިން އާދަމް ފަދަ ގައުމު ދެކެ ލޯބިވާ ކުދިބަޔަކަށް ކަން ކަށަވަރެވެ. ތުއްތު ކުދިންނަށް އަދު ދަސްކޮށް ދޭންޖެހެނީ ފަޚުރާ ޝަރަފަކީ ހުއްބުލް ވަތަނުގެ ބާރުކަމެވެ. އަދި އާރުލާ ލޯތްބަކީ މި ގައުމު ދެކެ ވެވޭ ލޯބިކަމުގައިވެސް ކިޔައި ދޭން ޖެހެއެވެ.

ކުރިއަރަމުންދާ ތަހުޒީބު މިޒަމާނުގައި ގައުމީ ލޯބި ފަނޑު ކުރުމަށްޓަކައި ދެވޭ ހަމަލާއަކީ ކަނޑިއަކުން ނުވަތަ އޭކޭ47 އަކުން ދެވޭ ހަމަލާއަކަށް ނުވެދާނެއެވެ. ގައުމުގެ މިނިވަންކަމާ އިސްތިގުލާލު ނިގުޅައި ގަތުމަށްޓަކައި ކަނޑިޔާ ބަޑި ހިފައިގެން ގައުމަށް ނޭރިއެއްކަމަކު، ފިކުރީ އޮއެވަރުގެ ހަނގުރާމައިގައި ދިވެހި ޅަ ޖީލު ޖެހިގެންދާތަން ފެނުމަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ.


ގައުމީ ދުވަސްފަދަ ގައުމިއްޔަތުގެ ޝުއޫރު އާކޮށްދޭ ކޮންމެ ދުވަހަކު ކިޔައިދޭންވީ އެންމެ ޝަރަފުވެރި، އެންމެ ގަދަރުވެރި ލޯތްބަކީ މިގައުމު ދެކެ ލޯބިވުންކަމެވެ. އަދި ވަފާތެރިވާންވީ މިހިތްގައިމު ވަތަނަށް ކަމާއި ހެޔޮ އެދެންވީވެސް މިހިތްގައިމު ވަތަނަށް ކަމަށެވެ.

ދިވެހި ޅަ ޖީލުގެ ކުދިންނަށް މިދިވެހި ބަހުން ވާހަކަ ދެއްކުން ލަދުހުތުރުކަމަކަށްވި ނަމަވެސް، ނުވަތަ ކަޓު ކަމަކަށްވި ނަމަވެސް، އަދުގެ ކުދިންނަށް ދަސްކޮށްދޭން ޖެހެނީ މި ބަސް އުފެއްދީ، ވަސީލަތްތައް މަދު، ރަށްތައް ވަކިން ވަކިން އޮތް ނަމަވެސް އުފެއްދުންތެރި އީޖާދީ ވިސްނުން ބޭނުންކޮށްގެން ކަމެވެ. އަދި މި އުފެއްދުންތެރި ހިޔާލު އުފެއްދީ ކަނޑުތަކުގައި ދަތުރުކޮށްގެން ކަމާއި އެއްދުވަހެއްގައި ރޯދަ ހިފައި އެއް ވަގުތެއްގައި ނަމާދުކޮށް ހަޟާރަތެއް ބިނާކުރުމަށް އެގާރަ ސަތޭކަ ފަންސާސް ތިންވަނަ އަހަރު ގެނައި އިސްލާމީ އުސޫލުތައް ދަމަހައްޓަމުން، މި އިހުސާސްތަކުގެ ތެރެއިން ކަމެވެ.

ކަނާއަތުން ވާއަތަށް ލިޔައި އަކުރެއް އުފައްދައި އެކި ޒަމާންތަކަށް ފައްކާކުރަމުން، އެވޭލާ އަކުރުން ދިވެސް އަކުރަށް ބަދަލުކޮށް، ދިވެސް އަކުރުން ތާނަ އަކުރަށް ބަދަލުކޮށްގެންކަމާއި، އެއަކުރުން އަޑުތަކެއް އުފައްދައި، އެހަނދާންތަކުން ޝުއޫރުތަކެއް އުފައްދާ، ގައުމިއްޔަތު ބިނާކުރުންމަތީ ސާބިތުކަމާއި އެކީ ދިވެހިން ތިބިކަންވެސް ކިޔއި ދިނުން މުހިންމެވެ.

މިގައުމުގެ ތާރީޚަށް ބަލައިލި ނަމަވެސް ތާރިޚުން ބުނެދެނީ ދިވެހިންނަކީ އަމިއްލަ ގައުމިއްޔަތެއް ބިނާކުރި ބައެއް ކަމެވެ. އަމިއްލަވަންތަ ގޮތްތަކާއި އުސޫލުތަކެއްގެ މަތިން ސިލްމާއި ސަލާމަތްކަންމަތީ މިނިވަން ގައުމެއްގެ ގޮތުގައި އުފެދި ދެމި އޮތް ކަމާއި، އަދި ބޭރުން އަންނަ ކަރަކަރައަށް މިތުރުވެރިކަމާއި އެކު މުއާމަލާތްކޮށް، އަމިއްލަ ހައިސިއްޔަތުގައި ހަމަ އިސްކޮޅަށް ތެދުވެ ތިބިކަން ތާރީޚުން ހެކިދެއެވެ.

ގަބޫލުކުރާ ގޮތުގައި ގައުމީ ދުވަސް ފަދަ ގައުމިއްޔަތު ހޭލައްވާލަދޭ ދުވަހެއްގައި ދިވެހި ތާރިޚުގައި ލިޔެފައިވާ މި ޒިކުރާތައް އާކުރަންޖެހެއެވެ.


ގައުމީ ދުވަސް ހާއްސަ ކުރެވިފައިވާ ގައުމީ ބަތަލު ކަމުގައިވާ ބޮޑު ތަކުރުފާނުގެ ގައުމީ ޖިހާދުން ގައުމިއްޔަތުގެ ދަންމަރު ހިތްތަކުގައި ދިއްލުވާލަދެއެވެ. ދިވެހި ތާރިޚުން ހެކިދޭ މިފަދަ ކޮންމެ ހާދިސާއަކުން، މަޖްދާދުންނާއި އަބްތާލުން ކޮށްދެއްވި މަސައްކަތަށް ޝުކުރުގެ ޖިޒީތައް ރައްދުކުރަންޖެހެއެވެ. އެބޭފުޅުން އެހިތްވަރު ހޯއްދެއްވި ގޮތާއި، ދަތުރުފަތުރުގެ ދަތި ޒަމާނުގައި ގައުމުގެ ގައުމިއްޔަތާއި ނަގުމާ ހޯއްދެވި ގޮތާއި ދުޝްމަނުން ބަލިކުރުމަށްފަހު އައުދާނަ އެދިދަ ވިހުރުވާލި ގޮތް ދިވެހި ޅަ ކުދިންގެ ސިކުންޑިތަކަށް ކިޔާ ދިނުމަކީ މުހިންމު ކަމެއްކަން ފާހަގަކުރަން ޖެހެއެވެ.

ކޮންމެ އަހަރެއްގެވެސް ރަބިއުލްއައްވަލް މަހުގެ 1 ވަނަ ދުވަސް، ދިވެހިރާއްޖޭގެ ގައުމީ ދުވަހުގެ ގޮތުގައި ފާހަގަކުރަމުންދާއިރު، މިދުވަހުގެ މުނާސަބާގައި އާލާކުރަންވީ ގައުމީ މި އިހުސާސްތަކެވެ. މާދަމާގެ ދަރިން ފަޚުރުވެރިވާ ފަދަ ގައުމެއް ބިނާކުރުމަށް އަދުގެ ދަރީންގެ ހިތްތަކުގައި ދިވެހި ގައުމަށް ލޯބި ޖެއްސުމަށްޓަކައެވެ.