ދިވެހި ވަތަނީ ހިދުމަތް ނުވަތަ ރާއްޖޭގެ ނޭޝަނަލް ސާވިސްގެ ފުރަތަމަ ބުރަށް ހޮވުނު 300 އަށް ވުރެ ގިނަ ޒުވާނުން ތަމްރީނަށް ފުރައިފިއެވެ.
ކިޔަވައި ނިމޭ ތަނުން ވަޒީފާގެ މާހައުލަށް ނުވަތަ ތައުލީމު ހާސިލުކުރުމަށް ދަތިވާ ޒުވާނުން ގައުމަށް ބޭނުންތެރި ބަޔަކަށް ހަދައި ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމުގެ މަގުސަދުގައި ނެޝަނަލް ސާވިސް ޕްރޮގްރާމުގައި ބައިވެރިވުމަށް ހުޅުވާލީ މިދިޔަ މެއި މަހު އެވެ.
އެ ފުރުސަތުގައި 1،200 އަށް ވުރެ ގިނަ ޒުވާނުން ކުރިމަތިލި އެވެ. ސެލެކްޝަން ޕްރޮސެސް އަށް ފަހު ޕްރޮގްރާމަށް ހޮވުނު 343 ޒުވާނުން އިއްޔެ ތަމްރީނަށް ފުރި އިރު އޭގެ ތެރޭގައި ހިމެނެނީ107 ރަށަކުން64 އަންހެން ބައިވެރިން އަދި279 ފިރިހެން ބައިވެރިންނެވެ.
މި ޕްރޮގްރާމުގެ މަގުސަދަކީ، ރައީސް ވިދާޅުވި ގޮތުގައި ޒުވާނުންގެ މެދުގައި ގައުމިއްޔަތުގެ ރޫހާއި ފަހުރު ދިރުވާ، އާލާކޮށް އިސްލާމް ދީނަށް ލޯބިކުރާ ރައްޔިތެއް ބިނާ ކުރުމެވެ .