ދިވެހިރާއްޖޭގެ މުސްތަޤުބަލު އުޖާލާކުރުމުގައި އިންޖިނޭރުންގެ ރޯލު އަގުހުރި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިކަން އެމަނިކުފާނު ފާހަގަކުރެއްވީ އިންޖިނޭރުންގެ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
އިންޖިނޭރުންގެ ދުވަހުގެ މުނާސަބަތުގައި، މިދާއިރާގައި މަސައްކަތްކުރާ އެންމެހާ ދިވެހި އިންޖިނޭރުންނަށް ތަހުނިޔާ ދެންނެވުމާއެކު، އިންޖިނޭރުކަމަކީ އާދައިގެ ވަޒީފާއަކަށްވުރެ މާ މަތީ މަޤާމެއްކަން ރައީސް ފާހަގަކުރެއްވިއެވެ. އެއީ ޤައުމު ތަރައްޤީކޮށް، އިންސާނިއްޔަތަށް ޚިދުމަތްކުރުމުގެ މަތިވެރި މަސައްކަތެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އިންޖިނޭރުކަމަކީ ޢިލްމާއި، ޙިކުމަތްތެރިކަމާއި، ދުރުވިސްނުން ބޭނުންވާ ޚާއްޞަ ހުނަރެއްކަން ފާހަގަކުރައްވައި، މި ދާއިރާގެ މުހިންމުކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. ކޮންމެ އަހަރެއްގެ ޖޫން 15 ވަނަ ދުވަހަކީ އިންޖިނޭރުންގެ ދުވަސްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑައަޅުއްވާފައެވެ.