ރައީސްއަށް މަރުހަބާ ދެންނެވުމުގެ ތެރެއިން - - ފޮޓޯ: ރައީސް އޮފީސް

ޗައިނާއިން ރައީސް މުއިއްޒުއަށް ހޫނު މަރުހަބާއެއް ކިޔައިފި

އާއިޝަތު އަނާ ރަޝީދު
 
7 ދުވަސް ކުރިން

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަށް ޗައިނާއިން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

މި ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް، ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ގެ މަތީ ފެންވަރުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. ޗައިނާއަށް ވަޑައިގަތުމުން ރައީސަށް މަރުހަބާ ދެންނެވީ އެޤައުމުގެ އެމަޖެންސީ މެނޭޖްމަންޓް ވުޒާރާގެ ވަޒީރު ވާންގް ޒިޔާންގްޒީއެވެ. މި ރަސްމިއްޔާތުގައި ދެ ޤައުމުގެ ސަފީރުން ކަމުގައިވާ ޑރ. ފަޒީލް ނަޖީބާއި ކޮންގް ޝަންގްހުވާ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

https://x.com/presidencymv/status/1961718455721423284?s=46

ރައީސް އޮފީހުން ހާމަކުރެއްވި ގޮތުގައި މި ދަތުރުފުޅުގައި ރައީސް މުއިއްޒު، ޗައިނާގެ ރައީސް ޝީ ޖިންޕިންގެ އިތުރުން އެހެނިހެން ޤައުމުތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާނެއެވެ.

އެސްސީއޯ ސަމިޓުގެ އިސް ފެންވަރުގެ ބައްދަލުވުންތަކުގައި ރައީސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން އިތުރަށް ހާމަކުރެއްވިއެވެ. ޚާއްޞަކޮށް، އެސްސީއޯ ޕްލަސް ބައްދަލުވުމުގައި ރައީސް ދެއްވާ ބަޔާނުގައި، މޫސުމީ ބަދަލުތަކާއި، އިޤްތިޞާދީ ގޮންޖެހުންތަކާއި، ޖިއޯޕޮލިޓިކަލް ހަމަނުޖެހުންތަކަށް ހައްލު ހޯދުމުގައި ބައިނަލްއަޤްވާމީ އެއްބާރުލުމުގެ މުހިންމުކަން ފާހަގަކުރައްވާނެ ކަމަށްވެސް ވަނީ ހާމަކުރައްވާފައެވެ.