އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު -- ފޮޓޯ: ޕިއެންސީ

ނޫސްވެރިން އުލުބައިންދަން ފަލާހް ގޮވާލި މައްސަލަ ފުލުހަށް

މުހައްމަދު ހަމީޒް
 
8 މަސް ކުރިން

ނޫސްވެރިން ލާންވީ ޖަލަށް ނޫން ކަމަށާއި އެ މީހުން "އުލުބައިންދަންވީ" ކަމަށް ވިދާޅުވެ ޕީއެންސީގެ ޕީޖީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ގޮވާލެއްވި މައްސަލަ ނޫސްވެރިންގެ ޖަމިއްޔާ (އެމްޖޭއޭ) އިން ފުލުހަށް ހުށަހަޅައިފި އެވެ.

މިކަމާއި ގުޅިގެން އެމްޖޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ފަލާހު ދެއްކެވި ވާހަކަ އަކީ ސިދާ އިސްލާމްދީނުގެ އަސާސްތަކާއި ހިލަފު ވަހަކައެއް ކަމަށެވެ.

މީގެ އިތުރުން، ފަލާހުގެ ވާހަކަ އަކީ ނޫސްވެރިންނާއި މީޑިއާތަކުގައި މަސައްކަތްކުރާ މީހުންނަށް އެކަމުގެ ސަބަބުން ބިރުވެރިކަމުގެ ތެރެއަށް ވެއްޓޭ ކަމަށާއި އެއީ މުޖުތަމައުގެ އަމަންއަމާންކަން ގެއްލި ހަމަނުޖެހުމަށް ގައުމު ވެއްޓިގެން ހިނގައިދާނެ ފަދަ ވާހަކަތަކެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އެހެންވެ، އެމްޖޭއޭއިން ވަނީ ފަލާހްގެ މައްސަލަ ތަހުގީގުކޮށް، ފިޔަވަޅު އަޅައިދޭން އެދިފަ އެވެ.