"އަދަދު" ނޫހުގެ 'ސިޔާސީ ކާޓޫން' ސެގްމެންޓުގައި ޝާއިއުކުރި ކާޓޫނެއް އެއްވެސް މީޑިއާއަކުން ދައުރު ނުކުރަން މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން އެދިއްޖެ އެވެ.
އެ ކޮމިޝަނުން ނެރުނު އިއުލާނެއްގައި ބުނީ މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނު 9:00 އާއި 9:50 އާ ދެމެދު އަދަދު ނޫހުން ޝާއިއުކުރި ކާޓޫނަކީ ކޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ނެގުމަށް އަންގާފައިވާ ކާޓޫނަކަށްވާތީ، އެ ކާޓޫނު އެއްވެސް މީޑިއާއަކުން ދައުރު ނުކުރުމަށް އަންގާ ކަމަށެވެ.
މިދިޔަ ބުރާސްފަތި ދުވަހު މީޑިއާ ކޮމިޝަނުން "އަދަދު" ނޫހުގެ އެޑިޓަރު ހުސައިން ފިޔާޒު މޫސާއަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ "އަދަދު" ނޫހުގެ އެ ސެގްމަންޓުގައި އިސްލާމްދީނުގެ އެންމެ މަތިވެރިވެގެންވާ އަޅުކަން ކަމަށްވާ ނަމާދުގެ ރުކުނެއް ކަމަށްވާ ސަޖިދަ، މަކަރާއި ހީލަތް ގުޅުވޭހެން ދޭހަވާ ގޮތަށް ޝާއިއުކޮށްފައިވާ ކޮންޓެންޓަކީ އިސްލާމްދީނުގެ އަސާސްތަކަށް ފުށޫއަރާ ކަންތައްތަކެއް ހުރި ކަމަށް ތުހުމަތު ކުރެވޭތީ އެ މައްސަލަ ބަލަމުންދާ ކަމަށެވެ.
މީޑިއާ ކޮމިޝަނުން ބަލަމުންގެންދާ އެ މައްސަލަ ނިމެންދެން އެ ސެގްމަންޓުގައި ހިމެނޭ ޕޯސްޓު ނަގައި، ސެގްމަންޓުގެ ހިދުމަތް ވަގުތީ ގޮތުން މިހާރުން މިހާރަށް މެދުކަނޑާލުމަށް ވަނީ އެދިފަ އެވެ.
މީޑަިއާ ކޮމީޝަނުގެ މި އެންގުމާ ގުޅިގެން "އަދަދު" ނޫހުން ވަނީ ކޮމިޝަނަށް ޖަވާބުދާރީ ވެސް ވެފަ އެވެ. އެ ނޫހުން އެދިފައިވަނީ، އެ ކާޓޫނަކީ އިސްލާމްދީނުގެ އަސްލަކާ ހިލާފު އެއްޗެއް ކަމަށް 'ތުހުމަތު ކުރެވި' އެގޮތަށް ނިންމި ގާނޫނީ ސަބަބުތައް ސާފުކޮށްދިނުމަށެވެ. އަދި ކޮންޓެންޓު ނެގުމާ މެދު ގޮތެއް ނިންމާނީ އެ ސަބަބުތައް ސާފުވުމުން ކަމަށްވެސް އެ ނޫހުން ބުނެފައިވެ އެވެ.
މިއީ އާ ގާނޫނުގެ ދަށުން ނޫހެއްގެ ކޮންޓެންޓެއް ނަގަން ކޮމިޝަނުން އެންގި ފުރަތަމަ ފަހަރެވެ.