ތުހުމަތުގައި ހައްޔަރުކުރި ތިން މީހުން --

އަބްދުއްރަހްމާންގެ މަރު: 'ހީ ވެސް ނުކުރާ' ތިން މީހަކު ހައްޔަރުކޮށްފި

ނާއިފް ހަލީމް
 
17 ގަޑިއިރު ކުރިން

އއ. މާޅޮހުގައި އަނިޔާވެރި ގޮތަކަށް މަރާލި އުމުރުން 65 އަހަރުގެ އަބްދުއްރަހުމާން އާދަމްގެ މަރުގެ މައްސަލައިގައި ހީ ވެސް ނުކުރާ ތިން މީހުން ހައްޔަރުކޮށްފިއެވެ.

ދިރިއުޅޭ ގޭގައި ނިދަން އޮއްވައި އަބްދުއްރަހްމާނަށް ހަމަލާދީ، މަރާލީ ޖުލައި 13 ވަނަ ދުވަހެވެ.

އެ މައްސަލައިގައި ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، އަބްދުއްރަހްމާންގެ މަރުގެ މައްސަލައާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. 

އެ މައްސަލައިގައި ހައްޔަރުކުރީ އެ ރަށުގެ ތިން ޒުވާނެކެވެ. އެއީ:

  • މުހައްމަދު ވިސާމް، ލިލީފެހި، އއ. މާޅޮސް (23އ)
  • އަހުމަދު ފާރިސް، ފިނިވާގެ، އއ. މާޅޮސް (28އ)
  • އަހުމަދު އާޝިދު، ފިޔަ، އއ. މާޅޮސް (28އ)

އެހެންނަމަވެސް، އެ ތިން މީހުންނަކީ ވެސް އަބްދުއްރަހްމާނާއި މައްސަލައެއް ޖެހިފައިވާ ބައެއް ނޫން ކަމަށާއި އެ ތިން މީހުންނަކީ ވެސް ރަށުން ފެންނައިރު ވެސް ވާހަކަދައްކާ އުޅޭ ބައެއް ކަމަށް އެ ރަށު މީހުން ބުނެއެވެ.

އެ ތިން ޒުވާނުންނަކީ ވެސް ސަރުކާރު ވަޒީފާތަކުގައި އުޅޭ ޒިންމާދާރު ބައެކެވެ. އަދި، އޭގެ ތެރެއިން ވިސާމަކީ ރައީސުލްޖުމްޙޫރިއްޔާ އައްޔަނުކުރައްވާފައިވާ ސިޔާސީ މަގާމެއްކަމަށްވާ ޔޫތު އެސޯސިއޭޓްގެ މަގާމުގައި ހުރި ޒުވާނެކެވެ. އަދި، ފާރިސަކީ އެ ރަށު ސްޓެލްކޯގައި މަސައްކަތްކުރާ ޒުވާނެކެވެ. އާޝިދަކީ މާލޭގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ ވަޒީފާއެއްގައި އުޅޭ ޒުވާނެކެވެ.