ކުށްކުރާ ތަންތާ ކުޑަ ފިރިހެން ކުދިން ގްރޫޕް ހެދުން އާންމުވާތީ ބެލެނިވެރިން ސަމާލުވާން އެދެފި

ނާއިފް ހަލީމް
 
3 ދުވަސް ކުރިން

އެކިއެކި ކުށްތައް ހިންގާ ސަރަހައްދުތަކުގައި 18 އަހަރު ނުފުރޭ ފިރިހެން ކުދިން ގްރޫޕް ހަަައިގެން އެއްވެ ތިބުން އިތުރުވެފައިވާކަމަށާއި، އެ ކަމަށް ބެލެނިވެރިން ސަމާލުވުމަށް ފުލުހުން މިއަދު އިލްތިމާސްކޮށްފިއެވެ.

ފުލުހުންގެ މިއަދު ނެރުނު ބަޔާނެއްގައިވަނީ، ދުވަހުން ދުވަހަށް ކުރާ އާންމު ޕެޓްރޯލިން އާއި ފުލުހުންގެ ތަފާސް ހިސާބު ތަކުން ދައްކާ ގޮތުން، ކުށް ހިންގާ ކަމަށް ފާހަގަކުރެވޭ ބައެއް ސަރަހައްދުތަކުގައި ކުޑަ ފިރިހެން ކުދިންގެ ގްރޫޕްތައް އެއްވެ ތިބޭ މިންވަރު އިތުރުވަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އެއީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށާއި އޭގެ ސަބަބުން އެ ކުދިން ގުރޫމިންގެ ޝިކާރައަކަށްވެ، ރައްކާތެރިނޫން ހާލަތްތަކާ ކުރިމަތިލާން ޖެހުމުގެ ފުރުސަތު އިތުރުވާ ކަމަށް ފުލުހުން ބުންޏެވެ.

އެގޮތުން ގާނޫނާ ޚިލާފަށް އެއްގަމު އުޅަނދު ދުއްވުމަށް ހިތްވަރު ލިބި، މައިންބަފައިންނާ ނުރުހުންވެ ފިލައިގެން ގެއިން ނުކުމެ، މަސްތުވާތަކެތީގެ ވަބާއަށް ހުށަހެޅި އެ ނޫން ވެސް ގާނޫނާ ޚިލާފު އަމަލުތަކުގައި ބައިވެރިވުމުގެ ފުރުސަތު އިތުރުވާކަމަށް ފުލުހުން ބުންޏެވެ.

"މިފަދަ ކަންކަމަށް މައިންބަފައިންނާއި ބެލެނިވެރިން އިތުރަށް ސަމާލުވެ، ކުދިން ހަރަކާތްތެރިވާ ތަންތަން ބެލުމަށާއި، އަދި ރައްކާތެރިކަމާއި ޒިންމާދާރު އުޅުމާ ބެހޭގޮތުން އެ ކުދިންނާއެކު ވާހަކަދައްކައި މަޝްވަރާތައް ކުރެއްވުމަށް އިލްތިމާސްކުރަމެވެ،" ފުލުހުންގެ ބަޔާނުގައިވެއެވެ.

ފުލުހުން ބުނީ، އެފަދަ ސަރަހައްދުތައް، ސްޕޮޓް ޗެކް ކުރުމާއި، ދުވަހުން ދުވަހަށް ކުރާ ޕެޓްރޯލިންގެ ތެރެއިން ގާތުން މޮނިޓަރުކޮށް ބަލަހައްޓާނެ ކަމަށެވެ

އަދި ކުޑަ ކުދިންގެ ރައްކާތެރިކަމާއި ދުޅަހެޔޮކަން ކަށަވަރުކުރުމަށް ޓަކައި މައިންބަފައިންނާއި، ތައުލީމީ ވުޒާރާއާއި، ދައުލަތާއި މުޖުތަމައުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާކަމަށް ވެސް ބުންޏެވެ.

އެއާއެކު ފުލުހުން ވަނީ ކުޑަ ކުދިން ހެޔޮ ގޮތުގައި ތަރުބިއްޔަތު ކޮށް، އެ ކުދިންނަކީ ޒިންމާދާރު، ހެޔޮލަފާ، ހުލްގުހެޔޮ ބައެއްގެ ގޮތުގައި މުޖުތަމައަށް ނެރުމަށް މައިންބަފައިންނާއި ބެލެނިވެރިންގެ އިތުރުން، ކަމާ ގުޅުންހުރި ދައުލަތުގެ އެންމެހައި މުއައްސަސާތަކުން ވެސް ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތްކުރުމަށް ގޮވައިލައިފައެވެ..