ފޮރިން މިނިސްޓަރު ޑރ. އަބްދުالله ޚަލީލް ސީދާ ސުވާލަށް ޖަވާބު ނުދެއްވާ ކަމަށް ވިދާޅުވެ، ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ހިތްހަމަނުޖެހުން ފާޅުކުރައްވައި އަޑުގަދަކުރެއްވުމުގެ ސަބަބުން ނަން އިއްވައި ތަޅުމުން ބޭރުކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފުރަތަމަ އެޖެންޑާކޮށްފައި އޮތީ މީކާއީލް, ޚަލީލާ ކުރައްވާ ސުވާލެވެ. މީކާއީލްގެ ސުވާލަކީ ސައޫދީގެ ޝާހީ އާއިލާއަށް ނިސްބަތްވާ ބޭފުޅެއް ކަމަށް ބުނެ، މިދިޔަ މޭ މަހުގެ ކުރީކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރެއްވި ޕްރިންސް ފަހަދް ސައުސު އަލްޝަލަން އަކީ ސައޫދީގެ ޝާހީ އާއިލާގެ ބޭފުޅެއްތޯ އާއި އެ ބައްދަލުވުމުގައި ސައޫދީގެ އެމްބަސީން ބައިވެރިނުވީ ކީއްވެތޯއާއި، ސައޫދީގެ ގުޅުމަށް އެއްވެސް އަސަރެއް ކޮށްފައިވޭތޯއެވެ.
އޭގެ ފަހުން މީކާއީލް ވަނީ 'ޕްރިންސް'ގެ ޚަބަރު ރައީސް އޮފީހުގެ ވެބްސައިޓުން ނެގިކަން ފާހަގަކުރައްވައި ސަރުކާރުން އެކަން ކުރީ ގޯސްކޮށް ކަމަށްތޯ ސުވާލުކުރައްވައިފައެވެ.
ޖަވާބުގައި ޚަލީލް ވިދާޅުވީ، އިދިކޮޅުން ބޭރުގެ ބައެއް އިންވެސްޓަރުންގެ އަގު ވައްޓާލަން މަސައްކަތްކުރާ ކަމަށެވެ. ނުސީދާކޮށް ޚަލީލް މީކާއީލަށް ވިދާޅުވީ، ޒިންމާދާރު މަގާމުތަކުގައި ތިއްބަވާ ބޭފުޅުން އިންވެސްޓަރުންގެ އަގު ވެއްޓޭ ފަދަ ވާހަކަ ދެއްކެވުން ރަނގަޅު ނޫން ކަމަށެވެ.
"އެހެންވީމާ ވަރަށް ޚާއްސަ ސަމާލުކަމެއް އަޅުގަނޑުމެން ދޭންވާނެ، ރާއްޖެއަށް އިންވެސްޓަރުން ގެނެވޭނެ، ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުން ތަނަވަސްކުރެވޭނެ ގޮތްގޮތަށް ކުރިއަށް ގެންދިއުން،" ޚަލީލް ޖަވާބުގައި ވިދާޅުވިއެވެ.
ޚަލީލް މިހެން ވިދާޅުވުމާއެކު، މީކާއީލްގެ ސުވާލަށް ޖަވާބު ނުލިބޭ ކަމަށް ވިދާޅުވެ، ހިތްހަމަނުޖެހުން ފާޅުކުރައްވަން ފެށްޓެވިއެވެ. އެއާއެކު، ނިޒާމީ ނުކުތާއެއް ނަންގަވައި މީކާއީލް ވިދާޅުވީ، ޚަލީލާ ކުރެއްވި ސުވާލަށް ޖަވާބު ނުދެއްވާ ކަމަށެވެ.
ނަމަވެސް ރިޔާސަތުގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވީ ރިޔާސަތުން ގަބޫލުކުރަނީ ޚަލީލް ޖަވާބު ދެއްވި ކަމަށެވެ.
އޭގެ ފަހުން ވެސް މީކާއީލް އަޑުގަދަކުރައްވަމުން ގެންދެވުމުން، ތަކުރާރުކޮށް ނަސޭހަތްތެރިވެވަޑައިގަތުމަށް ފަހު އަބްދުއްރަހީމް ވަނީ މީކާއީލްގެ ނަން އެންމެ ފަހުން އިއްވައިފައެވެ.