ބިދޭސީއެއްގެ އަތުން ފައިސާ ނެގިމައްސަލައިގައިހައްޔަރުކުރި މީހުން-- ފޮޓޯ: ގޫގުލް

ޝައްމާނާއެކު ހައްޔަރުކުރި ލައްސާނަށް އެއްބަސްވުމެއްގެ ދަށުން ލުއި އަދަބެއް ދީފި

ލަމްޔާ އަލީ ހާޝިމް
 
1 ދުވަސް ކުރިން

މިދިޔަ ރޯދަ މަހު ބިދޭސީއެއްގެ އަތުން ފައިސާ ނަގައި ބަންދުން ދޫކޮށްލި ކަމަށް ތުހުމަތުކުރާ މައްސަލައިގައި އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި ޝައްމާން ވަހީދާއެކު ހައްޔަރުކުރި މީހުންގެ ތެރެއިން އެކަކަށް ލުއި އަދަބެއް ދީ، އޭނާގެ މައްސަލަ ނިންމާލައިފިއެވެ. ލުއި އަދަބެއް ދީފައިވަނީ ދައުލަތާ އެކު އިއުތިރާފުގެ އެއްބަސްވުމެއް ހެދުމުންނެވެ.

މިމައްސަލަ ހިނގާފައިވަނީ މިދިޔަ ރޯދަ މަހުއެވެ. ފުލުހުން ތުހުމަތުކުރާ ގޮތުގައި، އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށް ފަހު، އެ އިދާރާގެ މުވައްޒަފުންތަކަކާ ގުޅިގެން އެމީހާގެ އަތުން 500,000 އަށް ވުރެ ގިނަ ރުފިޔާ ހޯދާފައިވެއެވެ. މިމައްސަލައާ ގުޅިގެން އޭރުގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝައްމާން ވަހީދު ހިމެނޭހެން ފަސް މީހުން ވަނީ ހައްޔަރުކޮށްފައެވެ.

ހައްޔަރުކުރެވުނު މީހުންނަކ ޝައްމާންގެ އިތުރުން؛

 ތ.ބުރުނީ، މޫނިމާގެ، މުހައްމަދު އަލްސަން އިސްމާއިލް، 21

 ގ.ހެޕީސައިޑު، އިބްރާހިމް އަހުމަދު، 37

 ގ.ހެޕީސައިޑު، އަހުމަދު ސަހެޝަން، 47

 މ.ހަޒާރީވިލާ، އަހުމަދު ލައްސާން، 40

މި މީހުންގެ ތެރެއިން ލުއި އަދަބަކާ އެކު މައްސަލަ ނިންމާލާފައިވަނީ އަހްމަދު ލައްސާންގެއެވެ. ލައްސާންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާއަކާއި ފޭރުމުގެ ކުށުގެ ދައުވާއެކެވެ.

ލައްސާން ވަނީ މި ދެ ދައުވާއަށް ވެސް އިއުތިރާފުވެ، ދައުލަތާ އެކު އިއުތިރާފުގެ އެއްބަސްވުން ހަދާފައެވެ. މި ސަބަބަށްޓަކައި، ލައްސާނަށް މި މައްސަލައިގައި ލުއި އަދަބެއް ދީފައިވެއެވެ.

ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ މައްސަލަ ސާބިތުވުމުން، ލައްސާނަށް އިއްވީ ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމަކާއެކު 14,400 ރުފިޔާގެ ޖޫރިމަނާއެކެވެ. މި ޖޫރިމަނާ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި ދައްކަން ޖެހެއެވެ. ފޭރުމުގެ މައްސަލައިގެ ކުށް ސާބިތުވުމުން ލައްސާންގެ މައްޗަށް އިއްވީ ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމަކާ އެކު 14,400 ރުފިޔާގެ ޖޫރިމަނާއެކެވެ.

މިމައްސަލާގައި ހައްޔަރުކުރި އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރު ޝައްމާން ވަހީދު މިހާރު ވެސް ހުރީ ޝަރީއަތް ނިމެންދެން ބަންދުގައެވެ.