ރައްޔިތުންގެ މަޖިލީހުގެ ރައީސް، އޮނަރަބްލް އަބްދުއްރަހީމް އަބްދުﷲ ފޮޓޯ: މަޖިލިސް

މަޖިލީހުގެ ރައީސް ވޯލްޑް ކޮންފެރެންސްގައި ބައިވެރިވުމަށްފަހު ރާއްޖެ ވަޑައިގެންފި

އާއިޝަތު އަނާ ރަޝީދު
 
15 ގަޑިއިރު ކުރިން

ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ ސްވިޓްޒަލޭންޑްގެ ޖެނެވާގައި ކުރިއަށްދާ ހަވަނަ ވޯލްޑް ކޮންފެރެންސް އޮފް ދަ ސްޕީކާސް އޮފް ޕާލިމަންޓްގައި ބައިވެރިވުމަށްފަހު ރާއްޖެ ވަޑައިގެންފިއެވެ.

ހަވަނަ ވޯލްޑް ކޮންފެރެންސް އޮފް ދަ ސްޕީކާސް އޮފް ޕާލިމަންޓްގައި ތަޤްރީރުކުރައްވަމުން އަބްދުއްރަހީމްވަނީ ކޮންފެރެންސްގެ ތީމެއްގެ ގޮތުގައި ހަމަޖެހިފައިވަނީ މިއަދުގެ ދުނިޔޭގައި މަޝްވަރާކުރުން މުހިންމުވެފައިވާ ކަމެއްގެ ވާހަކަކަމަށާއި، ޣައްޒާއިން ފެށިގެން ޔުކްރެއިނާއި ހަމައަށާއި، އިތުރުވަމުންދާ ތަފާތުތަކުން ފެށިގެން އުފުލެމުންދާ ކަނޑުގެ ލޮނުގަނޑާއި މެދު މީހުން ކަންބޮޑުވެފައިވާ ކަމަށް ވިދާޅުވިއެވެ. ނަމަވެސް މުއައްސަސާތައް ވަނީ ބާރުގެ ދަށުގައި ކަމަށްވުމުން  އަސަރު ކުރަނީ ދިވެހިރާއްޖެ ފަދަ ކުދި ޤައުމުތަކަށް ކަމުގައި ވިދާޅުވިއެވެ.

މިކޮންފެރެންސްގައި ބައިވެރިވުމަށް މަޖިލީހުގެ ރައީސް ކުރެއްވި ދަތުރުގައި އެމަނިކުފާނު ވަނީ ޕާކިސްތާނުގެ ނެޝަނަލް އެސެމްބްލީގެ ސްޕީކަރު އަޔާޒް ސާދިޤާ ބައްދަލުކުރައްވާފައެވެ. 

މި ބައްދަލުވުމުގައި އެމަނިކުފާނުވަނީ ދިވެހިރާއްޖެއާއި ޕާކިސްތާނާއި ދެމެދު އޮތް ގުޅުމާއި މެދު މަޝްވަރާކޮށް، ޕާލިމެންޓަރީ އެއްބާރުލުންދިނުމާއި ދެޤައުމުގެ ގުޅުންވެސް އިތުރަށް ހަރުދަނާކުރުމަށް މަޝްވަރާކޮށްފައެވެ.

ހަމައެއާއިއެކު، އަބްދުއްރަހީމް ވަނީ އައި.ޕީ.ޔޫގެ ސެކްރެޓަރީ ޖެނެރަލް، މާޓިން ޗަންގޮންގާއާއި ބައްދަލުކުރައްވައި ދިވެހިރާއްޖޭގެ ސިޔާސީ މައިދާނުގައި އަންހެނުންނާއި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމާއި ގުޅޭގޮތުން ބިނާކުރުވަނިވި މަޝްވަރާކުރައްވާފައެވެ.

އަދި މިހާރު ހުރި ގޮންޖެހުންތަކަށް އަލިއަޅުވާލައްވައި، އައި.ޕީ.ޔޫ އިން ދެވިދާނެ އެހީތެރިކަމާ ބެހޭގޮތުން ވެސް ވާހަކަދައްކަވާފައިވެއެވެ.

މިކޮންފެރެންސްގައި މަޖިލީހުގެ ރައީސާއެކު މަޖިލީހުގެ އެހެން މެންބަރުން ހިމެނޭ ވަފުދެއްވަނީ ބައިވެރިވެފައެވެ.