ރައްޔިތުންގެ މަޖިލީހުގެ ރައީސް: އޮނަރަބްލް އަބްދުއްރަހީމް އަބްދުﷲ ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ސުލްޙައާއި ފާގަތިކަން ގެނެވޭނީ ހިޔާލު ބަދަލުކުރުމާއިއެކު އެކުގައި މަސައްކަތްކޮށްގެން: އަބްދުއްރަހީމް

އާއިޝަތު އަނާ ރަޝީދު
 
4 ދުވަސް ކުރިން

ދުނިޔޭގެ ހިސާބުތަކަށް ދެމެހެއްޓެނިވި ތަރައްގީއާއި ހިއްސާކުރެވޭ ފާގަތިކަން ގެނެވޭނީ އެކަމަށް ބަސްބުނެ، އެކުގައި މަސައްކަތް ކޮށްގެން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ސްވިޓްޒަލޭންޑްގެ ޖެނެވާގައި މިހާރު ކުރިއަށް ހިނގަމުންދާ 6 ވަނަ ވޯލްޑް ކޮންފެރެންސް އޮފް ދަ ސްޕީކަރސް އޮފް ޕާލިމަންޓުގައި ތަޤްރީރުކުރައްވަމުން އަބްދުއްރަހީމް ވަނީ މިކޮންފެރެންސްއަށް އެއްވެ މިތިބީ ދުނިޔޭގެ އެކި ހިސާބުތަކުން ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލަމުންދާ ދަނޑިވަޅެއްގައި ކަމަށް ވިދާޅުވެފައެވެ.

އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި ކޮންފެރެންސް ގެ ތީމެއްގެ ގޮތުގައި ހަމަޖެހިފައިވަނީ މިއަދުގެ ދުނިޔޭގައި މަޝްވަރާކުރުން މުހިންމުވެފައިވާ ކަމެއްގެ ވާހަކަކަމަށާއި، ޣައްޒާއިން ފެށިގެން ޔުކްރެއިނާއި ހަމައަށް ނުވަތަ އިތުރުވަމުންދާ ތަފާތުތަކުން ފެށިގެން އުފުލެމުންދާ ކަނޑުގެ ލޮނުގަނޑާއި މެދު މީހުން ކަންބޮޑުވެފައިވާއިރު މުއައްސަސާތައް ވަނީ ބާރުގެ ދަށުގައިވުމުގެ ނަތީޖާއިން އަސަރު ކުރަނީ ދިވެހިރާއްޖެ ފަދަ ކުދި ޤައުމުތަކަށް ކަމުގައެވެ.

މިފަދަ ގޮންޖެހުންތަކުން ރައްކާތެރިވެ، ސުލްހަ ގާއިމުކުރުމަށްޓަކައި ވަރުގަދަ ގާނޫނުތައް އެކުލެވޭ ބައިނަލއަގްވާމީ ނިޒާމަކަށް ދިވެހިރާއްޖެ ބަރޯސާވާކަމަށާއި 1989 ވަނަ އަހަރު، ދިވެހިރާއްޖެއިން ކުދި ޤައުމުތަކުގެ ސަލާމަތާ ބެހޭ ޤަރާރެއް އދ. އަށް ހުށަހެޅައި ޤައުމެއްގެ ރައްކާތެރިކަން ކަށަވަރު ވެގެންދަނީ އެހެން ޤައުމުތަކުގެ ރައްކާތެރިކަން ކަށަވަރުވެގެން ކަމުގައި ދުނިޔެއަށް ހާމަކޮށްދީފައިކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. އަދި މިދިޔަ އޭޕްރިލް މަހު ބައިނަލްއަގްވާމީ މަލްޓިލޭޓަރަލިޒަމް ދުވަހު، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކޮށް މިކަމަށް ގޮވާލައި، އިންސާފަކީ އެންމެންނަށް ލިބިގެންވާ ހައްގެއް ކަމަށާއި އެއީ ބަރުވެރިންގެ އެކަނި ހައްގެއް ނޫންކަމުގައި ވެސް ފާހަގަކޮށްފައިވާ ކަމަށް މަޖިލީހުގެ ރައީސް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އެއްބައިވަންތަކަމާއި ފާގަތިކަން ދެމެހެއްޓުމަކީ ރާއްޖެއަށް އެކަނި ކުރެވޭނެ ކަމެއް ނޫންކަމުގައި ފާހަގަކުރައްވަމުން އަބްދުއްރަހީމް ވަނީ ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން އަދާހަމައަށް 25 އެހެން ގައުމެއްގެ މަޖިލީހާއި އެކު ރަހްމަތްތެރިކަމާއި ގާތްކަން ބޭއްވުމަށް މަސައްކަތްކޮށްފައިވާކަމަށް ފާހަގަކޮށްފައެވެ.

އަދި ހަމައެއިއެކު، ދިވެހިރާއްޖޭގެ ކްލައިމެޓް އިމަރޖަންސީ ޤާނޫނާއި 2030 ވަނަ އަހަރުގެ ނިޔަލަށް ނެޓް ޒީރޯ އެމިޝަންސްގެ ބޮޑު އަމާޒަށް ވާސިލުވުމަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތް، ދިވެހިރާއްޖެ ފަދަ ނާޒުކު ޤައުމުތަކަށް ބައިނަލްއަޤްވާމީ ގޮތުން ތާއިދުދިނުމަށްވެސް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ. އަދި ޣައްޒާގެ ރައްޔިތުން ތަހައްމަލްކުރަމުންދާ އަނިޔާތަކާއި ބެހޭގޮތުން ވާހަކަދައްކަމުން މަޖިލީހުގެ ރައީސްވަނީ މިއީ ބައިނަލްއަޤްވާމީ ޤާނޫނު ހަދާ މަޖިލީސްތަކުން އެއްބައިވެ މަލްޓިލެޓަރަލް ފިޔަވަޅުތަކެއް އެޅުމަށް އަވަސްވާންވީ ވަގުތުކަމުގައިވެސް ވިދާޅުވެފައެވެ.

މަނިކުފާނުގެ ވާހަކަފުޅުގައި ސުލްހަވެރިކަމާއި، އިންސާފު އަދި ފާގަތިކަމަކީ އެންމެންނަށް ލިބިދޭންޖެހޭ ހައްގެއް ކަމަށާއި، މީހުންގެ ހިޔާލު އަޑުއަހައި ދުނިޔޭގެ ނިންމުންތައް ހެޔޮގޮތުގައި ނިންމުމަށް އދ. އާއި އެކު އެއްބައިވެ މަސައްކަތްކުރުމަށް ކޮންފެރެންސްގައި ބައިވެރިވި އެހެން ގައުމުތަކަށްވެސް ގޮވާލާފައިވެއެވެ.