ރައީސަށް ފޭސްބުކް މެދުވެރިކޮށް މަރުގެ އިންޒާރު ދިން މީހާ-- ފޮޓޯ: ފުލުހުން

ރައީސަށް މަރުގެ އިންޒާރު ދިން މީހާގެ ބަންދަށް 10 ދުވަސް އިތުރުކޮށްފި

ލަމްޔާ އަލީ ހާޝިމް
 
19 ގަޑިއިރު ކުރިން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒަށް ފޭސްބުކް މެދުވެރިކޮށް މަރުގެ އިންޒާރު ދިން މައްސަލައާ ގުޅިގެން ރޭ ހައްޔަރުކުރި މީހާގެ ބަންދަށް، ކޯޓުން މިއަދު 10 ދުވަސް އިތުރުކޮށްފިއެވެ. މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ ތަޙްޤީޤު ކުރަމުންނެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ތ. ތިމަރަފުށި، މަލަސް، މަސީޙު މޫސާ އެވެ. އޭނާ ހައްޔަރުކުރީ ރޭގައެވެ. އޭނާގެ ބަންދަށް 10 ދުވަސް އިތުރުކުރުމަށް ކޯޓުން ނިންމީ މިއަދުގެ ވަގުތެއްގައެވެ. މި މައްސަލަަޔާ ގުޅިގެން އޭނާގެ ފޯނުވެސް ވަަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މަސީޙު މޫސާ ރައީސް މުޢިއްޒަށް މަރުގެ އިންޒާރު ދީފައިވަނީ، މަސްތުވާތަކެތި އެތެރެކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާ މީހުންނަށް މަރުގެ އަދަބު ހިމެނޭހެން ބޮޑެތި އަދަބުތައް ދިނުމަށް ރައީސް މުޢިއްޒު ބޭނުންފުޅުވާކަން ރޭ ހާމަކުރެއްވުމާ ގުޅިގެންނެވެ. މި ޚަބަރު ފޭސްބުކްގައި ޝެއާކުރަމުން މަސީޙު ވަނީ އެންމެ ފުރަތަމަ މަރާލަން ޖެހޭނީ ރައީސް މުއިއްޒު ކަމަށް ބުނެ ޕޯސްޓެއް ކޮށްފައެވެ.

މަސްތުވާތަކެތީގެ މައްސަލަތަކުގައި ބޮޑެތި އަދަބުތައް ދިނުމާ ގުޅޭގޮތުން ރައީސް މުއިއްޒު މީގެކުރިން އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މަސްތުވާތަކެތި އެތެރެކުރުމުގެ ނުވަތަ ވިޔަފާފިކުރުމުގެ ކުށް ސާބިތުވާ މީހުންނާ މެދު ބައެއް އެހެން ގައުމުތަކުގައި ވެސް އަމަލުކުރާ ގޮތަށް، މަރުގެ އަދަބު ހިމެނޭހެން ބޮޑެތި އަދަބުތައް ރާއްޖޭގައި ކަނޑައަޅަން ބޭނުންފުޅުވާ ކަމަށެވެ.