މަސްތުވާތަކެތި-- ފޮޓޯ: ގޫގުލް

މާމެންދޫގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދައިފި

ލަމްޔާ އަލީ ހާޝިމް
 
1 ދުވަސް ކުރިން

ލ. މާމެންދޫއަށް މަސްތުވާތަކެތި ގެންދާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދައި، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

މި އޮޕަރޭޝަން ހިންގާފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ. ޖުލައި 31 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި، ލ. މާމެންދޫއަށް ދަތުރުކުރަމުންދިޔަ ބޯޓެއް އެ ރަށު ބަނދަރާ ގާތްކުރުމާއެކު ފުލުހުން ވަނީ ބޯޓު ބަލައިފާސްކޮށްފައެވެ.

ބޯޓު ބަލައިފާސްކުރިއިރު، މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި 115 ސެލޯފިންކޮޅު ވަނީ ފެނިފައެވެ. މި ތަކެތި ފެނިފައިވަނީ ބޯޓުގައި ހުރި ފޮށިގަނޑެއްގެ ތެރެއިންނެވެ. ފުލުހުން ބުނާގޮތުން މި ތަކެތީގެ ވަގުތީ ބަރުދަނަކީ 82 ގުރާމެވެ.

މި އޮޕަރޭޝަން ހިންގާފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި މާމެންދޫ ފުލުހުން ގުޅިގެންނެވެ. ނަމަވެސް، މި އޮޕަރޭޝަނާ ގުޅިގެން މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

މި މައްސަލަ ފުލުހުން މިހާރު ގެންދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.