ދާދިމިދާތަކަށް ދުވަހު، ރާއްޖޭގެ މަޝްހޫރު 2 ފަންނާނުންގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅު މަގުމަތީގެ އެކްސިޑެންޓެއްގައި ނިޔާވުމާއި ވިދިގެން، ޓްރެފިކް މައްސަލަތަކުގެ މައުޟޫތައް މިވަނީ ނޫސްތަކަށް ތިލަވެފައެވެ. މިމައުޟޫއަށް ބަހެއް ނުބުނެ މިމަޑުކޮށްލީ، އެހެން ނޫސްތަކުން މިކަމުގައި ގެންގުޅޭނެ މިންގަނޑުތައް އެއްގޮތަކަށްވެސް ވަޒަންކޮށްލަން ނޭނގޭތީއެވެ.
ބައެއް މީޑިއާތަކުން ފުލުހުންނާއި ޙަވާލާދީ ވޭތުވެދިޔަ އަހަރުތަކުގެ ތަފާސްހިސާބުތަކަށް ރިޕޯޓްތައް ގެނެސްދިންއިރު، އެހެން ނޫސްތަކުން މަސައްކަތްކުރާ އެކްސިޑެންޓްވި ސަރަހައްދާއި ގުޅޭ ރިޕޯޓްތައް ގެނެސްދިނުމަށެވެ. އެހެން ބައެއް ނޫސްތަކުން ނިޔާވި ކުއްޖާގެ އާއިލާއާއި މައިންބަފައިންނާބެހޭ ބައެއް މައުލޫމާތުތަކާއެކު، ސަމާލުކަން ހޯދައިގަތުމުގެ ރިޕޯޓްތައްވެސް ގެނެސްދީފައިވެއެވެ.
ހިތާމައަކީ މިހާދިޘާއަށް ހަފްތާއަކަށްވުރެ ގިނަ ދުވަސްވެގެންދިޔައިރު، އާދައިގެ މަތީން، މިހާދިޘާގެ މަތިންވެސް ރައްޔިތުން ހަނދުމަނެތި، އަނެއްކާވެސް މަގުތަކާއި ގޯޅިތައް ނާމާންވެއްޖެކަމެވެ. ހަޤީޤީ މައްސަލައަށް އެއްވެސް ޙައްލެއް ނުލިބި، އިހުތާޖެހުނީއެވެ.
ރަގަޅު ވާހަކައެކެވެ. މަގުތައް މައްޗަށް ފުލުހުން ނެރެފައި ތިބެއެވެ. އެކަމަކު އެއީ ކޮން ބޭނުމަކު، ކޮން މަޤްޞަދެއް ހާޞިލުކުރުމަށް ނެރެފައި ތިބި ބައެއްކަން، ޚުދު ފުލުހުންގެ އިސްވެރިންނަށް ނުވަތަ ދާޚިލީ ވުޒާރާއަށް އެނގިލައްވާތޯއެވެ؟
ފުލުހުންނަކީ ވަކި ޚާއްސަ މަސައްކަތެއްކުރާ، ނިކަން ޝަރަފުވެރި، ވަރުގަދަ، ޤާބިލް، ޖެހިލުންކުޑަ ލަޝްކަރެކެވެ. މިފަހަކަށް އައިސް މަގުތައް މައްޗަށް، ޚާއްސަކޮށް "ކަފިހިހުރަސް ރައްކާތެރިކޮށް ބެލެހެއްޓުމަށް" ނެރެފައި މިތިބެނީ އެފަދަ ލަޝްކަރެއްގެ ބައެއްތޯ ނުވަތަ އެ ލަޝްކަރުގެ 'ކޮޅުދާލިކޮޅު" ތޯ މިހާރު ސުވާލުކުރާވަރު ވެއްޖެއެވެ.
މަގުމަތީގައި ޓްރެފިކް ބެލެހެއްޓުމަކީ ވަކި ޚާއްސަ ތަމްރީނާއި ހުނަރު ލިބިގެން މެނުވީ ނުކުރެވޭނެކަމެކެވެ. ބޭރު ޤައުމުތަކުގައި ޓްރެފިކް ފުލުހުން ނިކުމެ، ތުންކަށިގަނޑާއި، ނިވިދިއްލޭ ޓޯޗުތައް ހިފައިގެން ޓްރެފިކް ކޮންޓްރޯލްކޮށް ބަލަހައްޓަނީ ވަރަށް ކުޅަދާނަކަމާ ހުޝިޔާރުކަމާއެކުގައެވެ. ދިވެހި ފުލުހުންނަށް މިފަދަ ތުންކަށިގަނޑެއް ފުމެން ނުކެރެނީތޯ ނުވަތަ ބަޖެޓުގައި ފައިސާ ނެތިގެން ހޯދައިނުދެވެނީބާވައޭވެސް ހިތަށް އަރައެވެ.
އެންމެ ގާތުން އިންޑިއާ އާއި ސްރިލަންކާގެ ޓްރެފިކް ފުލުހުންނަކީވެސް ވަރަށް ކުޅަދާނަ އަދި އެހާމެ ހުޝިޔާރު އަދި މުރާލިކަމާއެކު މަސައްކަތްކުރާ ބައެއްކަން، އެ ޤައުމުތަކަށް ޒިޔާރަތްކުރާ ދިވެހިންނަށް ފެންނާނެއެވެ. ކިތަންމެ ސިނގު ބަނޑެއް ލާފައި ހުއްޓަސް، ޓްރެފިކް ފުލުހުން އެ ދައްކާ ހުޝިޔާރުކަމަކީ ދެވަނައެއް ނެތްފަދަ ކަންކަމެވެ. ދިވެހިރާއްޖެއަށްވުރެ އެތައް ގުނައަކަށް ވެހިކަލް ގިނަ އަދި ދުއްވާ ސްޕީޑް ބާރު، މި ޤައުމުތަކުގައިވެސް ޓްރެފިކް ކޮންޓްރޯލް ނުވެ ހައްދުން ނައްޓައިގެން ނުދެއެވެ.
މިފަހަކަށް އައިސް މަގުމަތީގައި ތިބޭ "ޅަ ޒުވާން" ފުލުހުން ތިބެނީ، މަގުމަތީގައި ތިބެންޖެހޭތީވެ 'ލަދުން ބޯހަލާކު' ވެފައެވެ. ކޮންމެވެސް ގަހެއް ނުވަތަ ތަނެއްގެ ނިވަލުގައި ފޯނުން ޗެޓްކުރާށެވެ. ނުވަތަ ޓިކްޓޮކް ބަލާށެވެ. މަގުމަތީގައި ޑިޔުޓީއަށް ތިބެ، ޑިޔުޓީ ވަގުތުގައި ފޯނު ނަގައިގެން، ޓްރެފިކަށް ކުޑަވެސް ސަމާލުކަމެއް ނުދީ، ފޯނާ ކުޅުން އެއީ ހައުދަހާ ބަލަން އުނދަގޫ މަންޒަރެކެވެ. އެފަދަ ފުލުހުންގެ އަރިއަރިމަތިން، ޒޫމްޒޫމް އަޅުވާ އެދުއްވާ ބާރު ސައިކަލްތައް ހުއްޓުވުމުގެ ޤާބިލްކަމެއް ހިތްވަރެއް އެ ފުލުހުންގެ ކިބައިގައި ނެތްފަދައެވެ.
އެ ފުލުހުން އެތިބެނީ ޓްރެފިކް ބަލަންތޯ ނުވަތަ ޓްރެފިކް ބަލަހައްޓަންތޯ މިދަންނަވަނީ މިހެން ވެގެންނެވެ.
ދިވެހިރާއްޖޭގައި، ޚާއްސަކޮށް މިކުޑަކުޑަ ފުރަމާލެ އާއި އަދި ހުޅުމާލޭގައި ޓްރެފިކް މައްސަލަ ހައްދުން ނެއްޓި ކޮންޓްރޯލް ނުވެގެން މިއުޅެނީ ފުލުހުންގެ ކިބައިގައި އިޚްލާސްތެރިކަމާއި، މިކަމުގެ ފަންނުވެރިކަމާއި ވައްޓަފާޅި ނެތުމުންކަން އެއީ ދެބަސްވެގެން ނެތް ހަޤީޤަތެކެވެ.
ޓްރެފިކް ޤަވާއިދާ ޚިލާފުވާ ފަރާތްތައް ހިފަހައްޓާ، އެފަރާތްތައް ވަގުތުން ޖުރުމަނާ ކުރެވޭ އުޞޫލެއް އެކަށައަޅައިފިނަމަ ކޮންމެވެސް މިންވަރެއްގެ ލުޔެއް ލިބިދާނެކަމަށް ގިނަ ބަޔަކު އެއްބަސްވެއެވެ. އަދި އެފަރާތްތަކުގެ ޖުރުމަނާ ސަރުކާރުތަކުން މަޢާފްކޮށްނުދީ، ޖުރުމަނާ ނުދައްކައިފިނަމަ އެފަރާތެއްގެ އާމްދަނީ ނުވަތަ ބެންކު އެކައުންޓުން އެފައިސާ އުނިކުރެވޭނެ އުޞޫލެއްވެސް ޤާއިމްކުރެވިދާނެއެވެ. ބޭނުންވަނީ މިފަދަ ހަރުކަށި މަރުހަލާތަކެއް ތަޢާރަފްކޮށްގެންވެސް، އެތަކެއް ބައެއްގެ ފުރާނަ އާއި ދިރިއުޅުމާއި މުދާ ރައްކާތެރިކޮށްދިނުމެވެ.
މިފަދަ ހަރުކަށި އުޞޫލަކަށް ފާޑުކިޔާނެ ލައްކަ މީހުންވެސް ތިބޭނެއެވެ. ޒުވާނުން ޖުރުމަނާ ކުރަނީއޭ ބުނެ ނުރުހުން ފާޅުކުރާ މީހުންވެސް މަދެއްނުވާނެއެވެ. އެކަމަކު މިފަދަ ޖޯޝީ ޒުވާނުންގެ ސަބަބުން މަގުމަތީގައި އެތައް ބަޔަކަށް ބިރުވެރިކަން އުފައްދާ، އެ މަގުތައް ނާމާން ސަހަރާތަކަށް ބަދަލުވެގެން އެދަނީ މަދު ސިކުންތު ކޮޅެއްގެ ތެރޭގައެވެ. އެހެންކަމުން މިއީ ގިނަ ރައްޔިތުންގެ ހައްޤުގައި ސަރުކާރުން މިއަދު ފުންކޮށް ވިސްނަންޖެހިފައިވާ ޚައްސާސް މައްސަލައެކެވެ.
ވަޒީރުންނާއި އަމީރުން ދަތުރު ކުރައްވަނީ ހަތަރުފުރޮޅުލީ ވެހިކަލްތަކުގައި އަރާމުގައެވެ. ނިކަމެތި ރައްޔިތުން މިތިބެނީ މަގެއްމައްޗަށް ނިކުމެލަން ނުކެރިފައެވެ. މާލޭގައި އެތައް ޒަމާނެއްވީ މި ބޮޑު ވަބާއެއްފަދަ މައްސަލައަށް މިވަނީ އަވަސް ހައްލެއް ބޭނުންވެފައެވެ. ރައްޔިތުން ބޭނުންވަނީ ހަތަރު އަނގޮޅިތަކުގައި ބިލްބޯޑުތައް ހަރުކޮށް، ސްޕީކަރުތައް ނެރެގެން އަޑުހަރުކޮށް ފާޑުފާޑުގެ ބައިތުބާޒީ ކުޅޭކަށް ނޫނެވެ. ނުވަތަ ޓްރެފިކް ހަފްތާއޭ ކިޔައިގެން ކުޑަކުދިންނާއި އެކުދިންގެ މައިން ޕާކުތަކަށް ނެރެގެން، ފޭސް ޕެއިންނާއި ރޯޑް ޕެއިންޓް އުނގުޅާކަށްނޫނެވެ.
ފުލުހުންނަކީ އެއަށްވުރެ މާ ބިޒީ، ހަރުދަނާ ޕްރޮފެޝަނަލް މަސައްކަތްތަކެއްކުރާ އަދި ނަތީޖާ ނެރޭ ވަރުގަދަ މުއައްސަސާއަކަށް ބަދަލުވާންޖެހިއްޖެއެވެ. ފުލުހުންނަށް އަމާޒުވާ ނުރުހުމާއި ފާޑުކިޔުންތައް ނެތިކޮށްލުމަށް އޮތް މަގަކީ ފުލުހުންގެ ވާޖިބާއި މަޤްސަދު ހާޞިލުކުރުމަށް ހަޤީޤީ އަވަސް މަސައްކަތްތަކެއް ކުރުމެވެ. މަގުމަތީގައި ތިބެގެން ފޯނާކުޅެ ޓްރެފިކް ބަލަން ތިބުމެއްނޫނެވެ! ހުޝިޔާރުކަމާއެކު ނިކުމެ ޓްރެފިކް ބަލަހައްޓާ މަގުތައް އަމާންކޮށްދޭންވީއެވެ.