ލ. މާވަށުގައި ވަޅިން ހަމަލާދީ މަރާލި ޢުމުރުން 29 އަހަރުގެ މޫސާ އިބްރާހިމްގެ ހަށިގަނޑުގެ އޮޓޮޕްސީ ހެދުމަށް ނިންމައިފިއެވެ.
މި މާރާމާރީ ހިނގާފައިވަނީ މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލައެއްގައި ހިނގި ދެބަސްވުމެއްގެ ތެރެއިންނެވެ.
ފުލުހުން ވިދާޅުވީ، މޫސާ އިބްރާހިމްގެ ހަށިގަނޑުގެ އޮޓޮޕްސީ ހެދުމަށް ތަހުގީގުން ނިންމައި، ރާއްޖޭން ބޭރަށް ފޮނުވުމަށް ކުރަން ޖެހޭ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
މި މާރާމާރީގައި މޫސާއަށް ވަޅިން ހަމަލާދީ މަރާލާފައިވަނީ ހދ. ނޮޅިވަރަމް، އަސަރީމަންޒިލް، މުހައްމަދު އިބްރާހިމް، ޢުމުރުން 29 އަހަރުގެ މީހެކެވެ. މި މައްސަލައާ ގުޅިގެން މުހައްމަދު އިބްރާހިމް ވަނީ ހައްޔަރުކޮށް، ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައެވެ.