މާލޭސިޓީގެ މަގުމަތީގައި ވީއްލިގެން އުޅޭ ބުޅާތައް މަރާކަމުގެ ޝަކުވާތައް ލިބެމުންދާކަމަށް މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލަފެއާއިން ބުނެފިއެވެ.
އެމިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، މިހާރަކަށް އައިސް މާލޭސިޓީގެ މަގުމަތީގައި ވީއްލިގެން އުޅޭ ބުޅާތަކަށް ބައެއް ފަރާތްތަކުން ގޯނާކޮށް، ހާނިއްކަކުރުމުގެ އިތުރުން އެސޮރުމެން މަރާކަމުގެ ޝަކުވާތައް ލިބެމުންދާކަމަށެވެ. މިއީ، ޖަނަވާރުގެ ދުޅަހެޔޮކަމުގެ މިންގަނޑުތަކާ ހިލާފު އަމަލަކަށްވާތީ، އެކަން ނުކުރުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.
ރާއްޖޭން ބައިވެރިވެފައިވާ، ދުނިޔޭގެ ޖަނަވާރުގެ ސިއްހަތާބެހޭ ޖަމްއިއްޔާގެ އެނިމަލް ހެލްތު ކޯޑުގައި ޖަނަވާރުގެ ދުޅަހެޔޮކަމަށް ހާއްސަ އަހައްމިއްޔަތުކަމެއް ދީފައިވެއެވެ. އެގޮތުން، ދަނޑުވެރިކަމަށާއި، މުނިފޫހިފިލުވަމަށާއި، އިލްމީ ދިރާސާކުރުމަށާއި، މިނޫންވެސް ބޭނުންތަކަށް ޖަނަވާރު ގެންގުޅުމުގައި ޖަނަވާރުގެ ދުޅަހެޔޮކަން ކަށަވަރުކުރަންޖެހެއެވެ.