ވީއައިއޭ އާ ޓާމިނަލް -- ފޮޓޯ: އެމްއޭސީއެލް

ވީއައިއޭގެ އާ ޓާމިނަލުން މިހާތަނަށް 2,400 އަށްވުރެ ގިނަ ފަސިންޖަރުންނަށް ހިދުމަތް ދީފި

ލަމްޔާ އަލީ ހާޝިމް
 
3 ދުވަސް ކުރިން

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި އަލަށް ތަރައްގީކުރި ޓާމިނަލް 1 އިން، އޮޕަރޭޝަންތައް ފެށިތާ ހުސްވި ހަތަރު ދުވަހުގެ ތެރޭގައި 2,400 އަށްވުރެ ގިނަ ފަސިންޖަރުންނަށް ހިދުމަތް ދީފައިވާ ކަމަށް އެއާޕޯޓް އޮޕަރޭޓްކުރާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު ހާމަކޮށްފިއެވެ. 

ޓާމިނަލް 1 ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތު 26 ޖުލައި 2025 ގައި ބޭއްވިއިރު، އެއާޕޯޓްގެ އޮޕަރޭޝަންތައް ފަށާފައިވަނީ 27 ޖުލައި 2025 ވަނަ ދުވަހުއެވެ. މި އޮޕަރޭޝަންތައް ފެށީ އިންޑިއާގެ ކޮޗިން އިންޓަނޭޝަނަލް އެއާޕޯޓުން މާލެ އައި ގައުމީ އެއާލައިން، މޯލްޑިވިއަންގެ މަތިންދާބޯޓަކަށެވެ. 

އެއާޕޯޓް

27  ޖުލައި 2025 ފެށިގެން 30 ޖުލައި 2025ގެ ނިޔަލަށް ޓާމިނަލް 1 އިން މޯލްޑިވިއަންގެ ބޯޓުތަކަށް ޖުމުލަ 14 ފަހަރު ހިދުމަތް ދީފައިވެއެވެ. މި މުއްދަތުގެ ތެރޭގައި ޖުމުލަ 2,410 ފަސިންޖަރުންނަށް ހިދުމަތް ދީފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ރާއްޖެއިން ފުރި 956 ފަސިންޖަރަކާއި ރާއްޖެ އައި 1,454 ފަސިންޖަރެކެވެ. މި އަދަދުތަކުން ދައްކުވައިދެނީ އާ ޓާމިނަލުން ފުރަތަމަ ދުވަސްކޮޅުން ފެށިގެންވެސް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

ވީއައިއޭގެ ޓާމިނަލް 1 އަށް ބައިނަލްއަގުވާމީ ދަތުރުތައް ފުރިހަމައަށް ބަދަލުކުރުމަށް ހަމަޖެހިފައިވަނީ "އޮޕަރޭޝަނަލް ރެޑިނެސް އެންޑް އެއާޕޯޓް ޓްރާންސްފަރ" (އޮރާޓް) ޕްރޮސެސްގެ ތެރެއިންނެވެ. މި މަސައްކަތް ކުރިއަށް ގެންދާނީ ބައިނަލްއަގުވާމީ ކޮންސަލްޓަންޓް ފާމެއް ކަމަށްވާ މޮޑާލިސްއާ ގުޅިގެންނެވެ.

އެ ޕްރޮސެސްގެ ތެރެއިން ފަހަރަކު އެއާލައިނަކަށްފަހު އެއާލައިނެއް އާ ޓާމިނަލަށް ބަދަލުކުރަމުން ގޮސް، މި އަހަރުގެ ފަތުރުވެރިކަމުގެ މޫސުން ފެށުމުގެ ކުރިން ހުރިހާ އެއާލައިނެއްގެ ހިދުމަތް އާ ފަސިންޖަރު ޓާމިނަލަށް ބަދަލުކުރުމަކީ އެމްއޭސީއެލްގެ އަމާޒެކެވެ. މި ބަދަލުތަކާ އެކު ވީއައިއޭއިން ފަތުރުވެރިންނާއި ދަތުރުވެރިންނަށް ފަސޭހަކަމާއި ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް އިތުރު ފުރުސަތުތަކެއް ފަހިވެގެންދާނެއެވެ.