ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު މައުރޫފް ޖަމީލް މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ކޮންސްޓްރަކްޝަން މިނިސްޓަރުކަން ކުރެއްވި, އަދި އެޗްޑީސީގެ ފުރަތަމަ އުފައްދައިގެން އިސްކޮށް އުޅުއްވި މައުރޫފާ މި ސަރުކާރުން އެ ކުންފުނި ހަވާލުކުރެއްވީ މިދިޔަ ޑިސެންބަރު މަހުގެ 22 ވަނަ ދުވަހެވެ.
"ޖުމްލަ" ނޫހަށް އެނގިފައިވާ ގޮތުގައި މައުރޫފް އިސްތިއުފާ ދެއްވީ މިއަދު ހެނދުނެވެ.
މަގާމާ ހަވާލުވިތާ ހަ މަސް ފަހުން ރިޓަޔާކުރައްވަން ނިންމެވިކަން ނޫސްތަކަށް އެރީ މި މަހު ހަތްވަނަ ދުވަހެވެ. އެ ދުވަހު އެ ވާހަކަ ނޫސްތަކުގައި ރިޕޯޓުކުރުމުން ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މައުރޫފް ވިދާޅުވީ، މަގާމާ ހަވާލުވީ ގިނަ ދުވަހު މަސައްކަތްކުރުމުގެ ވިސްނުމުގައި ނޫން ކަމަށާއި އެކަމަކު މަސައްކަތަށް އޮތް ޝައުގަކާއި ހާސިލުކުރަން ބޭނުންވާ ކަންތައްތަކެއް ހުރުމުން ހަވާލުވީ ކަމަށެވެ.