އެޗްޑީސީއިން ހުޅުމާލޭގައި ތަރައްގީ ކުރި ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓުގެ އިމާރާތް މިއަދު ހުޅުވައިފިއެވެ. ޖަސްޓިސް ބިލްޑިން އެނެކްސް ނަމުގައި މިއިމާރާތް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އެވެ.
ހުޅުމާލެ ފޭސް އެކެއް، ޓްރީޓޮޕް ހޮސްޕިޓަލުގެ ކައިރީގައި ތަރައްޤީކޮށްފައިވާ މި އިމާރާތުގައި ދެ ކޯޓެއް ޝަރީޢަތްތައް ކުރިއަށް ގެންދަން ވަސީލަތްތައް ވަނީ ޤާއިމްކޮށްފައެވެ. ޖަސްޓިސް ބިލްޑިންގް އެނެކްސްއެއް ގޮތުގައި ހުޅުމާލޭގައި ހުޅުވި މި އިމާރާތުގައި ހިންގާނީ ޑްރަގް ކޯޓާއި ކްރިމިނަލް ކޯޓެވެ.
މިތަނުގައި 15 ކޯޓު ރޫމް ޤާއިމްކޮށްފައިވެއެވެ. މިތަނުގައި 17 ފަނޑިޔާރުން ތިއްބަވާއިރު، އޭގެ ތެރެއިން 5 ފަންޑިޔާރުންނަކީ ކްރިމިނަލް ކޯޓުގެ ފަންޑިޔާރުންނެވެ. ބާކީ 12 ފަނޑިޔާރުންނަކީ ޑްރަގް ކޯޓުގެ ފަނޑިޔާރުންނެވެ. މިތަނުގައި ފަނޑިޔާރުންނަށް ހާއްސަ ބިއުރޯއެއް ޤާއިމްކޮށްފައިވާއިރު އިތުރު ސެކްޝަންތައްވެސް މިތަނުގައި ހިންގާނެއެވެ. އަދި ދައުލަތުގެ ވަކީލުންނާއި ދިފާޢީ ވަކީލުންނަށް ހާއްސަ ރޫމްތަކެއް މިތަނުގައި ޤާއިމްކުރެވިފައިވާނެއެވެ. މީގެ އިތުރުންވެސް ޝަރީޢަތް ހިންގުމަށް ބޭނުންވާ އެކި ވަސީލަތްތައް ވަނީ ޤާއިމްކޮށްފައެވެ.
މިތަނުގައި ފުރަތަމަ ޝަރީޢަތް ތާވަލްކޮށްފައިވަނީ މިއަދު 4:30 ގައި ކުރިއަށް ގެންދާ ގޮތަށެވެ. އެއީ ބަނދާއި މެދު ގޮތެއް ނިންމުމުގެ މައްސަލައެކެވެ.
ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓުގެ އައު އިމާރާތުގެ މަސައްކަތް ފަށާފައިވަނީ އެ 2 ކޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށެވެ. މިމަސައްކަތް ކޮށްފައިވަނީ ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީންނެވެ.'