ދިވެހިޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ ގައި ބަޔާންކޮށް، މަތިކޮށްފައިވާ މަދު މަޤާމުތަކުގެ ތެރެއިން، އެންމެ ހައިބަވެތި އެއް މަޤާމަކީ ބަންޑާރަ ނައިބު ނުވަތަ 'އެޓާނީ ޖެނެރަލް' ގެ މަޤާމެވެ. މިއީ އެ މޫރިތި ޤާނޫނު އަސާސީގެ 133 ވަނަ މާއްދާގައި ކަނޑާބިންވަޅު ނެގިފައިވާ މަތިވެރި މަޤާމެކެވެ. އެއީ ދިވެހި ދަޢުލަތުގެ ޝާނާއި ޝައުކަތު ދެމެހެއްޓުމުގައި، ސަރުކާރު ދިފާޢުކޮށް އަދި ސަރުކާރަށް ޤާނޫނީ ލަފާޔާ މަޝްވަރާ ދިނުމުގެ އެންމެ އިސް ފަރާތެވެ.
ބަންޑާރަ ނައިބުގެ މަޤާމަށް އިސްކުރެވޭ މީހަކީ 'ޤާނޫނީ ދާއިރާއިން ފާހަގަކޮށްލެވޭފަދަ ތައުލީމާއި ތަޖްރިބާ' ހުރި މީހަކަށް ވާންޖެހޭނެކަމަށް ޤާނޫނު އަސާސީ ގައި ބިންވަޅު ނެގުމުގެ މުރާދަކީ، އެ މަޤާމުގެ ހައިބަތާއި، އެ މަޤާމަކީ 'ހައްޕުނޑު' ނޫންކަން ދޭހަކޮށްދޭ އަލި ގަދަ ދަލީލެވެ.
ރައީސުލްޖުމްހޫރިއްޔާ އެކުލަވާލައްވާ ކެބިނެޓް ނުވަތަ ވަޒީރުންގެ މަޖިލީހުގައި ކިތަންމެ ނަމެއްކިޔާ، ކިތަންމެ ވަޒީރުންނެއް ތިއްބެވިޔަސް، ބަންޑާރަ ނައިބެއް ނެތި، އެމަޖިލިސް ފުރިހަމަ ނުވާނެވަރުގެ، ވަރުގަދަ މަޤާމެކެވެ.
މިވޭތުވެދިޔަ މުއްދަތުގެ ތެރޭގައި ދައުލަތުގެ ބަންޑާރަ ނައިބުގެ މަތިވެރި ޒިންމާތައް އަދާކުރައްވާފައިވަނީ މިފަދަ ތަޖުރިބާކާރު ޤާބިލް ބޭފުޅުންނެވެ. ދައުލަތް ތަމްސީލު ކުރުމުގައްޔާއި، ދައުލަތު ދިފާޢިކުރުމުގައި ދެއްކެވި އިލްމީ ހުޝިޔާރުކަމަކީ ގިނަ ބަޔަކު ފަޚުރުވެރިވީ މަސައްކަތްތަކެވެ.
ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ބަންޑާރަ ނައިބު، އަލްއުސްތާޛު އަހުމަދު އުޝާމުއަކީވެސް މިދެންނެވި ބީދައިން، 'ޤާނޫނީ ދާއިރާއިން ފާހަގަކޮށްލެވޭފަދަ ތައުލީމާއި ތަޖްރިބާ' ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ. ބަންޑާރަ ނައިބުގެ އޮފީހުގައި އެތައް ޒަމާނެއްގައި މަސައްކަތްކުރައްވާ އަދި ފަހުން ޤާނޫނުތައް ހެއްދެވުމުގައި، ރައްޔިތުންގެ މަޖިލީހުގައި ވިލިމާލެ ދާއިރާ ތަމްސީލު ކުރެއްވި އިއްޒަތްތެރި މެމްބަރެކެވެ.
އެހެނަސް، ޖުލައި 23 ވަނަ ދުވަހު، ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމެވި، އެ ކޯޓުގެ 2023 ވަނަ އަހަރުގެ 82 ނަންބަރު ޤަޟިއްޔާއިން މިވަނީ ނުސީދާ ގޮތެއްގައި، 'ބަންޑާރަ ނައިބުގެ އިތުބާރު ނެތްކަން ކަނޑައަޅުއްވާ 'އަޒުލް ކުރައްވާފަ' އެވެ. އާދެ، ކަނޑައެޅިގެން ބަންޑާރަ ނައިބުގެ އިންކޮމްޕިޓެންސީ incompetency މި ވަނީ ކޯޓު ހުކުމުގައި ކަނޑައަޅުއްވާފައެވެ. އިންކޮމްޕިޓެންސީ އަކީ އެ މީހަކު ހުރި މަޤާމެއް ގެ މަސްއޫލިއްޔަތު ފުރިހަމަ ގޮތުގައި އަދާކުރުމަށް ބޭނުންވާ ހުނަރާއި، ޤާބިލްކަމާއި، ނުވަތަ ތައުލީމީ ޤާބިލްކަން ނެތިދިޔުމަށް ބޭނުންކޮށް އުޅޭ ބަހެކެވެ.
ހައިކޯޓުގެ 3 ފަނޑިޔާރުންގެ ބެންޗަކުން މި އިއްވި 82 ނަންބަރު ޙުކުމަކީ ހަމަ ޔަޤީނުންވެސް ތަހުޒީބީ މުޖުތަމައުއެއްގައި އަޅާނުލާ ދޫކޮށްނުލެވޭވަރުގެ 'ބޮޑު' ހުކުމެކެވެ. މި ހުކުމަކީ، މުޅި ދައުލަތުގެ އެންމެ ނަޒާހަތްތެރިވާންޖެހޭ 2 މުއައްސަސާގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފެދި، ރައްޔިތުންގެ ހިތްތަކުގައި އިތުރު ވިސްނުމާއި އުދާސްކަން އުފެއްދި ހުކުމެކެވެ.
މި ހުކުމަށް ހަފްތާއެއްވެފައިވާއިރު، ނޫސްތަކުން މި ހުކުމުގެ ޚަބަރު 'އާދައިގެ ގޮތަކަށް' ކަވަރުކޮށްލުން ފިޔަވައި މާބޮޑުކަމެއް ކުރެވޭކަށްވެސް ނެތެވެ. މި ޙުކުމާމެދު އިލްމީ ނަޒަރަކުން އެއްޗެއް ވިދާޅުވި 'ފުންނާބުއުސް' ބޭފުޅަކު ނުވަތަ ޖަމާޢަތެއް ނެތެވެ. އެންމެ ބޭފުޅުން ތިއްބެވި ޗުއްޕު ވިދާޅުވެގެންނެވެ!
މި ހުކުމުގެ 14 ވަނަ ޞަފްހާގެ 33 ވަނަ ނަންބަރު "ނިންމަން ފެންނަގޮތް" ބަޔާންކޮށްފައިވާ ބައިގައި "ދަޢުލަތުން، ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކޮށްފައިވާކަމަށް ކަނޑައަޅައި" ފޫއެވެ! މިއީ ކޮންފަދަ ބިރުވެރި އަދި ނިކަމެތިކަމެއްތޯއެވެ؟ މުޅި ދިވެހި ދައުލަތުން ޝަރީއަތުގެ ނިޒާމު މިވަނީ ގަޑުބަޑު ކޮށްފައިކަމަށް، މަތީ މަރުހަލާގެ ކޯޓަކުން މިވަނީ ހުކުމް އިއްވާފައެވެ. މިއީ މީސްކޮޅު މަދު ރަށެއްގައި ހުރި މެޖިސްޓްރޭޓް ކޯޓަކުން ނިންމި ނިންމުމެއްނޫނެވެ! މިއީ އިސްތިއުނާފީ މަރުހަލާގެ 2 ވަނަ މަރުހަލާގެ ކޯޓުކަމުގައިވާ، ދިވެހިރާއްޖޭގެ ހައިކޯޓުން މުތުލަޤަށް އިއްވާފައިވާ ހުކުމެކެވެ. މި ޙުކުމުގައި 'ދައުލަތް' އެ ބަހުގެ މާނަ ނިސްބަތްވަނީ، ކުރިން މިދެންނެވި 'ޤާނޫނީ ދާއިރާއިން ފާހަގަކޮށްލެވޭފަދަ ތައުލީމާއި ތަޖްރިބާ' ލިބިވަޑައިގެން ހުންނެވި ބަންޑާރަ ނައިބަށެވެ. މި ހުތުރު ނަން، ބަންޑާރަ ނައިބަށް ނިސްބަތްވެގެން ދިޔައިރު، އެ މަޤާމުގައި މި ހުންނެވީ އަލްއުސްތާޛު އަހުމަދު އުޝާމްއެވެ.
މިއަދުގެ މިހާތަނަށް އެ ޙުކުމް އިސްތިއުނާފް ކުރެއްވި ވާހަކަ ނުވަތަ އެފަދަ ތުހުމަތަކުން ބަރީޢަވެ ހުންނެވިކަން ބަންޑާރަ ނައިބު އުޝާމު ވިދާޅުވެފައެއްނުވެއެވެ. އެމަނިކުފާނު ހަނު ހުންނެވުމުމަށް އިޚްތިޔާރު ކުރެއްވި ކޮންފަދަ މަޤްސޫދެއްގައިކަމެއް ނޭނގެއެވެ. އެނގޭހާވެސް އެއްޗަކީ އަދި ރައްޔިތުންގެ ލޮލަށް ފެންނަން އޮތް އެއްޗަކީ، ހައިކޯޓުގެ ތަފްޞީލީ ހުކުމެވެ. އެޙުކުމުގައި ކަޅާއި ހުދުން ލިޔުއްވާފައިވަނީ ބަންޑާރަ ނައިބު ތަމްސީލު ކުރެއްވި "ދަޢުލަތުން، ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކޮށްފައިވާކަމަށް ކަނޑައަޅައި" ކަމެވެ!
ހަމަ މި ހުކުމުގައި، ދިވެހި ރައްޔިތުން 'ރައްކާތެރިކޮށް ޚިދުމަތްދިނުމަށް' ހުވާކޮށްގެން ތިއްބެވި ފުލުހުން، ޝަރުއީ ނިންމުންތަކުގެ އިތުބާރު ގެއްލި އިޙްތިރާމް ކުޑަވާގޮތަށް އަމަލުކޮށްފައިވާކަމަށް މިވަނީ ހުކުމް ކުރައްވާފައެވެ. މިގޮތުން އެ ހުކުމުގެ 11 ވަނަ ސަފްޙާގެ 25 ވަނަ ނަންބަރު "ޝަރުއީ ނިންމުންތަކުގެ އިތުބާރު ގެއްލި އިހްތިރާމް ކުޑަވާގޮތަށް" ދިވެހި ފުލުހުން އަމަލުކޮށްފައިވާކަމަށް ބަޔާން ކުރައްވަމުން "ދަށުކޯޓުގެ ހުކުމް ރަގަޅު ނޫންކަމަށް ބުނެ، އެ ހުކުމް އިސްތިއުނާފްކޮށްފައިވާއިރު، އަދި ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރެއް ހޯދާފައިވާއިރު، އެ ހުކުމް އެއްބަޔަކާމެދު ތަންފީޒުވެގެން ދާގޮތަށް އަމަލުކުރުމަށް އިޚްތިޔާރުކުރުމުންވެސް، އެކަމަށް ބެލުމެއްނެތި އިސްތިއުނާފްކުރިއަށް ގެންދާނަމަ، އެކަމުގެ ސަބަބުން ދަށުކޯޓާއި އިސްތިއުނާފީ ކޯޓުގެ ނިންމުންތަކުގެ އިތުބާރު ގެއްލި އިޙްތިރާމް ކުޑަވެގެންދާނެ" ކަން ވަރަށް ސާފު އިބާރާތުން ބަޔާންކޮށްފައިވެއެވެ. މިވަރުގަދަ ނިންމުމާމެދުވެސް ފުލުހުން ދެކޭ ގޮތެއް ހާމަނުކުރައްވާ، ނުވަތަ މިކަމުން ބަރީޢަވުމަށް އިސްތިއުނާފް ނުކުރައްވާ، އިޚްތިޔާރު ކުރެއްވީ ހަނު ތިބުމަށެވެ. މިއީ ވަކި ކުޑަކަމެއްތޯއެވެ؟
ދިވެހިރާއްޖޭގެ ހައިކޯޓުން މި ނިންމެވި ވަރުގަދަ ނިންމުން، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުން ބާތިލް ނުކުރާހާ ހިނދަކު، އެ ހުކުމަށް މުޅި ދައުލަތް އިޙްތިރާމްކުރުން، ޤާނޫނު އަސާސީން ލާޒިމްވެގެންވެއެވެ. ހަމަ ޔަޤީނުންވެސް ހައިކޯޓުގެ 82 ނަންބަރު ޙުކުމް ސުޕްރީމްކޯޓުން ބާތިލް ނުކުރާހާ ހިނދަކު، ބަންޑާރަ ނައިބު އަލްއުސްތާޛު އަހުމަދު އުޝާމް އާއި ދިވެހި ފުލުހުންގެ މުއައްސަސާ މިވަނީ، ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 141 ވަނަ މާއްދާގެ (ނ) އަދި (ރ) އާއި ޚިލާފުވެ، އެ ޤާނޫނު އަސާސީގެ ބާރު ކަނޑުވާލުމުގެ އަމަލެއް ހިންގާފައެވެ.
ހަމަ ޔަޤީނުންވެސް މިއީ ރައްޔިތުންގެ މަޖިލީހުންވެސް އަވަސް ފިޔަވަޅެއް އަޅުއްވަންޖެހޭވަރުގެ ޤާނޫނީ މައްސަލައެކެވެ. ދިވެހި މުޖުތަމަޢުގެ ތެރޭގައި ޝަރުޢީ ކޯޓުތަކަށް އޮންނަ އިތުބާރާއި ޤަދަރު ކުޑަވެގެން އަންނަނީ މިފަދަ ޚައްސާސީ މައްސަލަތަކުގައި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން ބީރު ކަންފަތެއް ދެއްވައިގެން، މިއީ ވަރަށް އާދައިގެ ކުދިކުދި ކަންކަންކަމަށް ދެކިގެން، އެއްވެސް ހަރުދަނާ ފިޔަވަޅެއް ނާޅުއްވާ ތިއްބެވުމުގެ ސަބަބުންނެވެ. މިއީ ދުނިޔޭގެ ތަހުޒީބީ މުޖުތަމައުއެއްގައި ހިނގިކަމެއްނަމަ، ވަގުތުން ވަގުތަށް ބަންޑާރަ ނައިބު މަޤާމުން އިސްތިއުފާ ދެއްވާނެއެވެ. އަދި ފުލުހުންގެ އިސް އޮފިސަރުން މަޤާމުން ދުރުކުރައްވާނެކަން އެއީ ޔަޤީން ކަށަވަރު ކަމެކެވެ.
ހިތާމައަކީ އަޅުގަނޑުމެންގެ މިކުޑަކުޑަ ދިވެހިރާއްޖޭގައި މިފަދަ ކަންކަމަކީ އެއްވެސް ލަދުވެތިކަމެއްނެތް ވަރަށް އާދައިގެ ކަންކަމަށްވެފައިވާތީއެވެ.