ކާޑެއްދޫ އެއާޕޯޓް

ކާޑެއްދޫ އެއާޕޯޓް އިންޓަނޭޝަނަލްކޮށް، ތިނަދޫ އާއި ކާޑެއްދޫ ބްރިޖަކުން ގުޅާލަނީ

މަރިޔަމް ސަމްހާ
 
3 މަސް ކުރިން

ގދ. ތިނަދު އާއި ގދ. ކާޑެއްދޫ ބްރިޖަކުން ގުޅާލައި، ކާޑެއްދޫ އެއާޕޯޓް އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީކުރަން ނިންމައިފި އެވެ. 

ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ބޭއްވެވި ޕްރެސް ކޮންފަރެންސްގައި ދެއްވި ޕްރެޒެންޓޭޝަންގައި ވިދާޅުވީ ތިނަދު އާއި ކާޑެއްދޫއާ ދެމެދުގައި ބްރިޖެއް އަޅަން ނިންމައި، އެ މަޝްރޫއުގެ ޓެކްނިކަލް ޕްރޮޕޯސަލް ހެދުމަށް ބަޔަކާ ހަވާލުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

"ގދ. ކާޑެއްދޫގައި ފެންވަރު ރަނގަޅު އިންޓަނޭޝަނަލް އެއާޕޯޓެއް އަޅައި ބްރިޖަކުން ތިނަދުއާ ގުޅާލުން އެއީ އަޅުގަނޑުމެން ކުރިއަށް ގެންދަން ނިންމާފައި އޮތް ކަމެއް،" ރައީސް ވިދާޅުވިއެވެ. 

ތިނަދޫ އާއި ކާޑެއްދޫ ގުޅާލުމަށް 3.7 ކިލޯމީޓަރުގެ ބްރިޖެއް އަޅަން ޖެހެ އެވެ.

"އެކަމަކު އެތަނުގައި، ތިނަދޫގެ ބަދަލުގައި ކާޑެއްދޫ އެއާޕޯޓް އިންޓަނޭޝަނަލްއެއް ގޮތަށް، މުޅިން އާ އެއާޕޯޓެއް ގޮތަށް ޑިވެލޮޕްކުރުމާ އެއްކޮށް، ބްރިޖަކުން ތިނަދޫއާ ގުޅުވާލުން އެއީ އަސްލު އަޅުގަނޑު ވީ ވައުދަކީ ވެސް،" ރައީސް ވިދާޅުވި އެވެ.

ކާޑެއްދޫ އެއާޕޯޓް އިންޓަނޭޝަނަލް ކުރަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއިރު، ރާއްޖޭގެ ވައިގެ ދަތުރުފަތުރު ހިދުމަތުގެ ތަސައްވަރު ކިލަނބުވާ ދަރަޖައަށް ކާޑެއްދޫ އެއާޕޯޓުގެ ފެންވަރު ދަށްވެފައިވާ ކަމަށް ވިދާޅުވެ، ވިލާ އެއާގެ އަތުން އެ އެއާޕޯޓު އަތުލަން ރައްޔިތުންގެ މަޖިލީހުގެ އިގުތިސާދީ ކޮމިޓީގެ ބައެއް މެމްބަރުން މިދިޔަ ފެބްރުއަރީ މަހު ވަނީ ގޮވާލައިފަ އެވެ.

ވިލާ އެއާއާ ކާޑެއްދޫ އެއާޕޯޓް އެންމެ ފުރަތަމަ ހަވާލުކުރީ 2013 ވަނަ އަހަރު 50 އަހަރު ދުވަހުގެ މުއްދަތަށް ކަމަށްވާއިރު، ޖެނުއަރީ 2017 ގައި އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވަނީ އެތަނުގެ އެއްބަސްވުން ބާތިލްކޮށް، އެއާޕޯޓް އަތުލައިފަ އެވެ. އެކަމަކު، އެ އެއާޕޯޓް ވިލާއަށް އަނބުރާ ދޭން ސިވިލް ކޯޓުން 2018 ވަނަ އަހަރު ވަނީ ހުކުމްކޮށްފަ އެވެ. އަދި އެ ހުކުމަށް ހައި ކޯޓާއި ސުޕްރީމް ކޯޓުން ވެސް ވަނީ ތާއީދުކޮށްފަ އެވެ. އެހެންކަމުން އެ އެއާޕޯޓު ވިލާ އެއާއާ އަލުން ހަވާލުކޮށްފައިވަނީ މާޗް، 2022 ގަ އެވެ

ނަމަވެސް، އޭގެ ފަހުން އެއާޕޯޓުގެ ފެންވަރު ވަރަށް ބޮޑަށް ދަށްވެ، އެ މައްސަލަ ވަނީ މަޖިލީހުގެ އިގުތިސާދީ ކޮމިޓީން ވެސް ބަލަން ފަށައިފަ އެވެ. ވިލާ އެއާ އިން 2022 ގައި ކާޑެއްދޫ އެއާޕޯޓު ހިންގުމާ ހަވާލުވުމަށް ފަހު، ހަތް އަހަރު ދުވަހުގެ ތެރޭގައި އެތަން އިންޓަނޭޝަނަލް އެއާޕޯޓެއްގެ ފެންވަރަށް ތަރައްގީކުރަން ވެސް އޮތީ ނިންމައިފަ އެވެ.