އެމްޑީޕީން 'ރަން ރީނދޫ' ދުވުން -- ފޮޓޯ: އެމްޑީޕީ އެކްސް

އިދިކޮޅު އެމްޑީޕީން 'ރަން ރީނދޫ' ދުވުން ބާއްވައިފި

ލަމްޔާ އަލީ ހާޝިމް
 
1 ދުވަސް ކުރިން

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން، "ރަން ރީނދޫ"ގެ ނަމުގައި ބޮޑު ދުވުމެއް މިއަދު ހުޅުމާލޭގައި ބާއްވައިފިއެވެ. 

މި ހަރަކާތުގައި ޕާޓީގެ އިސްވެރިންނާއި ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ވެސް ހިމެނިވަޑައިގަންނަވާ ގޮތަށް 300 އަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވެއެވެ.

މިއަދު ހަވީރު 05:00 ހާއިރު ފެށި މި ދުވުން ކުރިއަށް ގެންދިޔައީ ހުޅުމާލެ ސެންޓްރަލް ޕާކު ވަށައިގެން އޮންނަ މަގުގެ އެއް ލޭނުގައެވެ. މި ހަރަކާތް ކުރިއަށް ދިޔައިރު އެ ސަރަހައްދުގެ އަމާންކަން ބެލެހެއްޓުމަށް ފުލުހުން ހަރަކާތްތެރިވިކަމަށް ފާހަގަކުރެވެއެވެ.

މި ހަރަކާތުގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާއި އެޕާޓީގެ ޕީޖީ ލީޑަރު އިބްރާހީމް ނާޒިލް ހިމެނޭހެން ޕާޓީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި ކުރީގެ ނައިބުރައީސް ފައިސަލް ނަސީމް ވެސް މި ހަރަކާތުގައި ބައިވެރިވެވަޑައިގެންފައިވެއެވެ.

އެމްޑީޕީގެ އިސްވެރިން

ގާތްގަނޑަކަށް 25 މިނެޓަށް ކުރިއަށް ގެންދިޔަ މި ދުވުމަށްފަހު ވާހަކަ ދައްކަވަމުން ޕީޖީ ލީޑަރު އިބްރާހީމް ނާޒިލް ވިދާޅުވީ، މިދިޔަ 20 އަހަރު ތެރޭ ޕާޓީ ދެމިއޮތީ އެމްޑީޕީގެ އާންމު މެންބަރުންގެ ބުރަ މަސައްކަތާއެކީގައި ކަމަށެވެ. އަދި އުންމީދަކީ ކުރިއަށް އޮތްތަނުގައި ޕާޓީއަށް ހީނަރުކަމެއް ނައުން ކަމަށާއި އާންމު މެންބަރުންގެ މަސައްކަތުން ޕާޓީއަށް އިތުރު ކުރިއެރުންތަކެއް ހޯދޭނެކަމަށް ގަބޫލުކުރައްވާ ކަމަށް ނާޒިލް ވިދާޅުވިއެވެ.

އެމްޑީޕީން 'ރަން ރީނދޫ' ދުވުން

މީގެ އިތުރުން މި ހަރަކާތުގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވީ، އެންމެ ވަރުގަދަ އަމާޒަކީ ޕާޓީ ވަރުގަދަކުރުން ކަމަށާއި މިހާލަތުގައި ސިޔާސީ ހަރަކާތްތައް ކުރިއަށްގެންދާނީ ތަފާތު ގޮތްތަކަށް ކަމަށެވެ. 

އެމްޑީޕީގެ ބްރޭންޑު މިހާރަށްވުރެ ހަރުދަނާކުރުމުގެ މަސައްކަތުގެ ތެރެއިން ލޯކަލް ކައުންސިލް އިންތިޚާބާއި އެހެނިހެން އިންތިޚާބުތައް ކާމިޔާބުކުރުމަށް މަސައްކަތްކުރާނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އަދި ޕާޓީގެ އެތެރެއާއި ބޭރުގައި ހަރަކާތްތައް ހިނގާއިރު، މެންބަރުން ސާބިތުވެ ތިބުމަށް އެދިވަޑައިގެންނެވިއެވެ. ރައްޔިތުންގެ ބާރުވެރިކަން ހިފަހައްޓައި، ދެމެހެޓެނިވި ގޮތެއްގައި އެމްޑީޕީގެ ލީޑަރޝިޕުން ކުރާ މަސައްކަތްތަކުގައި ޕާޓީގެ މެންބަރުން ބައިވެރިވުމަށް ވެސް ފައްޔާޒް ގޮވާލެއްވިއެވެ.