ޙައްޖު ކޯޕަރޭޝަނުގެ ހަވާލުގައި އުމްރާއަށް ދިޔަ ދިވެހި އުުމްރާވެރިން، ރާއްޖެ އައުމަށް ހަމަޖެހިފައިވާ މޯލްޑިވިއަންގެ ބޯޓު މައްސަލަޖެހި، ޖިއްދާގައި މަޑުކުރަން ޖެހިއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މައްސަލަ ޖެހުނީ މޯލްޑިވިއަންގެ ފްލައިޓް ކިއު2-6360 އަށެވެ. ސޯޝަލް މީޑިއާގައިވާ ގޮތުން، ފްލައިޓްގެ އިންޖީނަށް މައްސަލަ ދިމާވެ، ޢުމްރާވެރިންނަށް ނުފުރިފައި ތިބޭތާ ގަޑިއިރެއްހާއިރު ވެއްޖެއެވެ. އެކަމަކު ދިމާވެގެން އުޅޭ މައްސަލަ މުޅިން ސާފެއް ނޫނެވެ.
މޯލްޑިވިއަނުން ބުނީ، ސައޫދީ އަށް ފުރަން ހަމަޖެހިފައިވާ ފްލައިޓް ނައްޓާލަން ހަމަޖެހިފައިވާ ވަގުތު ލަސްވެއްޖެ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއެވެ.
މޯލްޑިވިއަންގެ ޑޮމެސްޓިކް އަދި އިންޓަނޭޝަނަލް ދަތުރުތަކަށް ބޭނުން ކުރާ ބޯޓުތަކަށް ވެސް މަދުމަދުން ޓެކްނިކަލް މައްސަލަތައް ދިމާވެ، ފުރުން ލަސްވުމުގެ ކަންކަން މީގެ ކުރިން ވެސް ހިނގައިފައިވެއެވެ.