މޯލްޑިވިއަން އިން ގެނަ ފަސްވަނަ އޭޓީއާރަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާކިޔުން.

މޯލްޑިވިއަންގެ ފަސްވަނަ އޭޓީއާރު ގެނެސްފި

މަރިޔަމް ސަމްހާ
 
29 ދުވަސް ކުރިން

ދިވެހިރާއްޖޭގެ ޤައުމީ އެއަރލައިން، މޯލްޑިވިއަންގެ ފްލީޓަށް ފަސްވަނަ އޭޓީއާރު މަތިންދާބޯޓު އިތުރުކޮށްފިއެވެ. 

މި ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާފައިވަނީ އިއްޔެ ހަވީރުއެވެ. މިއީ 46 މީހުންގެ ޖާގައިގެ އޭޓީއާރު 42-600 ވޭރިއަންޓްގެ މަތިންދާބޯޓެކެވެ.

ބޯޓަށް މަރުހަބާ ކިޔުމަށް ޓަކައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހާއްސަ ހަފްލާއެއް ބާއްވާފައިވާއިރު، މި ހަފްލާގައި ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު ތޯރިގް އިބްރާހީމްއާއި، މޯލްޑިވިއަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިޔާސްއާއި، އައިލެންޑް އޭވިއޭޝަން، އެމްއޭސީއެލް އަދި އިމިގްރޭޝަންގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ހަފްލާގައި ވާހަކަދައްކަވަމުން ވަޒީރު ތޯރިގް އިބްރާހީމް ވިދާޅުވީ، މޯލްޑިވިއަން އަށް ޒަމާނީ ބަދަލުތައް ގެނައުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި މިއަހަރު ފަހުކޮޅު މޯލްޑިވިއަންގެ ދަތުރުތައް ދުރު މަންޒިލްތަކަށް ފެށުމަކީ އުއްމީދެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މޯލްޑިވިއަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިޔާސް ވިދާޅުވީ، އައު އޭޓީއާރު ބޯޓުގެ ސަބަބުން އެއާލައިންގެ އޮޕަރޭޝަނަށާއި ފަސިންޖަރުންނަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. އޭގެ ތެރޭގައި ޓެކްނިކަލް ރިލައިބިލިޓީ އިތުރުވުމާއި، އޮންޓައިމް ޕަރފޯމަންސް ރަނގަޅުވުން ހިމެނޭކަން އޭނާ ފާހަގަކުރެއްވިއެވެ.

ޑޭޝް 8 އަދި އޭޓީއާރުގެ ޗީފް ޕައިލެޓް އަބްދުﷲ ނާފިޒް ވިދާޅުވީ، އައު އޭޓީއާރު ބޯޓު ގެނައުމަކީ ކުންފުންޏަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ.

މޯލްޑިވިއަންގެ ފްލީޓުގައި މިހާރު 25 މަތިންދާބޯޓު ހިމެނެއެވެ. މީގެ ތެރޭގައި ވައިޑް-ބޮޑީ އެއަރބަސް އޭ330، ނެރޯ-ބޮޑީ އެއަރބޑީ އެއަރބަސް އޭ320، އޭޓީއާރު، ޑޭޝް 8 އަދި ޑޭޝް 6 މަރުކާގެ މަތިންދާބޯޓުތައް ހިމެނެއެވެ.

މި އައު މަތިންދާބޯޓު އިތުރުކުރުމަކީ ޚިދުމަތް ފުޅާކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް މޯލްޑިވިއަން އިން ފާހަގަކުރިއެވެ. އަދި މިއީ ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ދާއިރާއަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަން ވެސް ފާހަގަކުރެވެއެވެ.

މޯލްޑިވިއަނުގެ ފްލީޓުގައި މިހާރު ވެސް ހަތަރު އޭޓީއާރް ބޭނުންކުރެއެވެ. އެއީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ވެރިކަމުގައި ޖެނުއަރީ 2023ގައި ގެނައި އޭޓީއާރު-72ގެ ދެ ބޯޓާއި، އެ އަހަރުގެ އޭޕްރީލްގައި ގެނައި އޭޓީއާރު-42 ބޯޓަކާއި، މި ވެރިކަމުގައި މިދިޔަ އަހަރުގެ މެއި މަހު ގެނައި އޭޓީއާރު-42ގެ ބޯޓެކެވެ.

ޑޮމެސްޓިކް ދަތުރުތަކަށް ބޭނުންކުރާ ބޯޓު ފްލީޓު، ޑޭޝް މަރުކާއިން، އޭޓީއާރަށް ބަދަލުކުރުމަކީ މޯލްޑިވިއަންގެ އަމާޒެއް ކަމަށް އެ ކުންފުނިން މީގެ ކުރިން ބުނެފައިވެއެވެ.