ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ވައިޑް-ބޮޑީ މަތިންދާ ބޯޓުގެ ދަތުރުތައް ދެކުނު އެފްރިކާއަށް ފެށުމުގެ މަސައްކަތް ފަށައިފިއެވެ.
މިގޮތުން އެ ގައުމުގައި މޯލްޑިވިއަންގެ އެޖެންޓުންގެ ގޮތުގައި މަސައްކަތްކުރާނެ ފަރާތްތައް ހޯދުމަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ.
މޯލްޑިވިއަންއިން ބުނީ، އެ ކުންފުނީގެ ފްލީޓުގައި ހިމެނޭ އޭ330-200 ވައިޑް-ބޮޑީ މަތިންދާ ބޯޓުގެ ދަތުރުތައް ދެކުނު އެފްރިކާއަށް ފެށުމަށް ނިންމާފައިވާ ކަމަށެވެ. މިކަމަށްޓަކައި ދެކުނު އެފްރިކާގައި ޖެނެރަލް ޕެސެންޖަރ ސޭލްސް އޭޖެންޓް (ޖީއެސްއޭ) އެއް ހަމަޖެއްސުމަށް ޝައުގުވެރިވާ ފަރާތްތަކަށް މިހާރު ވަނީ ފުރުސަތު ހުޅުވާލާފައެވެ.
މި މަޤާމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން އީއޯއައި ފޯމު ފުރިހަމަކުރުމަށްފަހު އީމެއިލް މެދުވެރިކޮށް ހުށަހެޅުމަށް އެ ކުންފުނިން އަންގާފައިވެއެވެ. މި ފުރުސަތަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ ޖުލައި ހަތަރު ވަނަ ދުވަހުގެ ރޭގަނޑު 23:59 އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވަޢުދެއްގެ ގޮތުގައި ހިމެނޭ ވައިޑް-ބޮޑީ މަތިންދާ ބޯޓު މޯލްޑިވިއަންގެ ފްލީޓަށް ގެނެސްފައިވަނީ މިއަހަރުގެ ޖަނަވަރީ މަހުގައިއެވެ. މި މަތިންދާ ބޯޓަކީ 264 ފަސިންޖަރުންނަށް ޖާގަ ލިބޭ އެއަރބަސް އޭ330-200 ވޭރިއަންޓްގެ މަތިންދާ ބޯޓެކެވެ.
މިވަގުތު މޯލްޑިވިއަންގެ ވައިޑް-ބޮޑީ މަތިންދާ ބޯޓުން ދަތުރުކުރަމުންދަނީ ޗައިނާގެ ތިން މަންޒިލަކަށެވެ. އެއީ ބެއިޖިން، ޝަންގހާއި އަދި ޗެންޑޫއެވެ. އެއަރލައިނުން މަޢުލޫމާތު ދޭގޮތުގައި މިއަހަރުގެ ތެރޭގައި އިތުރު ވައިޑް-ބޮޑީ މަތިންދާ ބޯޓެއް ގެނައުމުގެ މަސައްކަތް ކުރަމުންދާ އިރު، ޔޫރަޕްގެ އިތުރު މަންޒިލްތަކަށް ދަތުރުތައް ފުޅާކުރުމަށްވެސް ދަނީ މަސައްކަތްކުރަމުންނެވެ.