ޕީއެންސީ ޕީޖީ ތެރޭ އޮތީ މައްސަލަ ޖެހިފައި ކަމަށާއި، ވަރަށް އަވަހަށް އެ ޕާޓީގެ 14 މެންބަރުން ޕާޓީން ވަކިވާނެކަމަށް ވިދާޅުވެ، ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ދެއްކެވި ވަހަކަ ދޮގުކޮށް ޕީއެންސީ މެންބަރުން ދިފާއަށް ނިކުމެއްޖެއެވެ.
އައްބާސް ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ގޮނޑި ގެއްލުނަސް ހެޔޮ ކަމަށް ނިންމަވައި ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ޕީއެންސީގެ 13 ނުވަތަ 14 މެންބަރުން ގައުމާއި ރައްޔިތުންގެ ހައްގުގައި ޕާޓީން ވަކިވާނެކަން ޔަގީން ކަމަށެވެ. އެ ގޮތުން، ބުދަ ދުވަހު ބޭއްވި ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕު (ޕީޖީ) ބައްދަލުވުމުގައި ގިނަ މެންބަރުންތަކެއް ސަރުކާރާ މެދު ކަންބޮޑުވުން ފާޅުކުރެއްވި ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.
އެ ވާހަކަތަކާ އެކު ޕީއެންސީގެ ގިނަ މެންބަރުންތަކެއް އަންނަނީ މިއަދު އެ ވާހަކަތަކަށް ރައްދުދެއްވަމުންނެވެ. އޭގެ ތެރޭގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހް ވެސް ހިމެނިވަޑައިގަންނަވައެވެ. އެ ބޭފުޅުން ވަނީ އައްބާސްގެ ތުހުމަތުތައް ދޮގުކުރައްވާފައެވެ.
އައްބާސްގެ ވާހަކަތައް ދޮގުކުރައްވައި ޕީއެންސީ ޕީޖީގެ ސީނިއާ ޑެޕިއުޓީ ލީޑަރު އިބްރާހިމް ޝުޖާއު ވިދާޅުވީ، ހަގީގަތާ ހިލާފު ވާހަކަ ފަތުރައިގެން ޕީއެންސީގެ ޕީޖީ ބަލިކަށިކުރެވޭނެ ކަމަށް ދެކުމަކީ މޮޔަކަމެއް ކަމަށެވެ.
މީގެ އިތުރުން ވެސް ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ ގިނަ އަދަދެއްގެ މެންބަރުން ގެންދަވަނީ އައްބާސްގެ ތުހުމަތުތަކަށް އިންކާރުކުރައްވަމުންނެވެ. އަދި، ސަރުކާރާއި ރައީސް މުއިއްޒާ އެކުގައި ތިއްބެވިކަމުގެ ޔަގީންކަން އަރުވައި ޕޯސްޓް ކުރައްވަމުންނެވެ.