މި ނިންމުމަކީ މިރޭ ބޭއްވުނު އެ ޕާޓީގެ 4 ވަނަ ދައުރުގެ 25 ވަނަ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން ނިންމި ނިންމުމެކެވެ. އެމްޑީޕީގެ މި ކޮންގްރެސްއަކީ ޕާޓީގެ ގިނަ އާންމު މެންބަރުންގެ ހިތުގައި އުފެދިފައިވާ ސުވާލުތަކަށް ޖަވާބު ލިބިގެންދާނެ ފޯރިގަދަ ކޮންގްރެސްއަކަށް ވެގެންދާނެ ކަމަށް ބެލެވެއެވެ.
ކޮންގްރެސްގެ ތެރެއިން އެމްޑީޕީގެ އަސާސީ ގަވާއިދަށް މުހިންމު އިސްލާހުތަކެއް ގެނައުމަށް ވަނީ ނިންމާފައެވެ. މި ބަދަލުތަކަކީ ޕާޓީގެ މުސްތަގުބަލަށް އަސަރުކުރާނެ މުހިންމު ބަދަލުތަކެއް ކަމަށް ފާހަގަކުރެވެއެވެ.
އެމްޑީޕީގެ ކޮންގްރެސް ބޭއްވުމަށް ނިންމާފައިވަނީ ކައުންސިލް އިންތިޚާބަށްފަހު ކަމަށްވުމުން، މި ކޮންގްރެސްގައި ޕާޓީގެ އާ ލީޑަރޝިޕްއާއި އަދި ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ޕާޓީން ގެންގުޅޭނެ ސިޔާސަތުތަކާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ކުރެވިގެންދާނެ ކަމަށް ބެލެވެއެވެ.