ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހުތަކުގެ ސަބަބުން ކައުންސިލްތަކުގެ އިހްތިޔާރުތައް މަދުވާގޮތަށް ގެނެވުނު ބަދަލުތައް ބާތިލުކުރުމަށް އެދި އިދިކޮޅު އެމްޑީޕީން މިއަދު ހައިކޯޓުގައި ދައުވާ އުފުލައިފިއެވެ.
އެމްޑީޕީން ބުނާ ގޮތުގައި މި އިސްލާހުތަކަކީ ޤާނޫނުއަސާސީގެ 230 ވަނަ މާއްދާއާ ޚިލާފު، އަދި ރައްޔިތުންނަށް ޤާނޫނުއަސާސީން ލިބިދީފައިވާ އަސާސީ ހައްގުތަކާއި މުދަލާ ގުޅުންހުރި ހައްގުތައް ގެއްލޭފަދަ ބަދަލުތަކެކެވެ.
އިސްލާހުތަކުގެ ސަބަބުން ކައުންސިލްތަކަށް ކުރެވޭނެ ވިޔަފާރީގެ ދާއިރާތައް ހަނިވެގެންދާއިރު ކައުންސިލްތަކުގެ ފަސް އަހަރުގެ ދައުރުގެ އެންމެ ފަހު އަހަރުގައި އެލްޖީއޭ އަދި ފިނޭންސް މިނިސްޓްރީގެ ހުއްދައާ ނުލައި މުވައްޒަފުން ނުނެގޭނެ ގޮތަށް ވަނީ އައު އިސްލާހުގެ ތެރެއިން ނިންމާފައެވެ.
މީގެ އިތުރުން ކައުންސިލްތަކުގެ ދަށުގައިވާ ބިންބިމާއި ފަރުފަޅު ކުއްޔަށް ދޫކުރުމާއި އައު ތަރައްގީގެ މަޝްރޫއުތައް ފެށުމަށްވެސް މިބިލުގެ ސަބަބުން ހުރަސްއެޅިގެންދާނެއެވެ.
މި ބަދަލުތަކުގެ ސަބަބުން ކައުންސިލްތަކަށް ގާނޫނީގޮތުން މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމަށް ދަތިވެ، ލާމަރުކަޒީ ނިޒާމުގެ ބާރު ކެނޑިގެންދާނެކަމަށް އެމްޑީޕީން ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން، މި އިސްލާހުތައް ބާތިލުކޮށްދިނުމަށް އެދި ހައިކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ ގިނަ ކައުންސިލްތަކުން އިއުތިރާޒުކުރަމުންދަނިކޮށް، ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީގުކުރެއްވުމާ ގުޅިގެންނެވެ.