ރައްޔިތުންގެ މަޖިލީހަށް ލާމަރުކަޒީ އުސޫލަށް އިސްލާހުގެނައުމަށް ހުށަހަޅާފައިވާ ބިލަކީ ކައުންސިލްތަކުގެ ދައުރު ކުރުކޮށް، ކައުންސިލްތައް ތަޅުއަޅުވާލަން ކުރެވޭ މަސައްކަތެއްކަމަށާއި މިއީ ސަރުކާރުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ނުފޫޒުފޯރުވުމަށް ކުރާ ކަމެއް ކަމުގައި އިދިކޮޅު ޕާޓީ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީއިން ބުނެފިއެވެ.
މިއަދު ބޭއްވުނު ނޫސް ކޮންފެރެންސްގައި ވާހަކަދައްކަމުން ވައިކަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސެއިން ޒިޔާދު ވިދާޅުވެފައިވަނީ ހުށަހެޅިފައިވާ ބިލުގެ ސަބަބުން ކައުންސިލްތަކުގެ މަސައްކަތް ހީނަރުވެ، 5 އަހަރުގެ ދައުރު، 4 އަހަރަށް ބަދަލުވެ، ބާކީ އޮތް އަހަރުތެރޭގައި ތަޅުއެޅުވިގެންދާނެ ކަމަށެވެ. އެގޮތުން 19 ވަނަ މަޖިލީހުގައި ގެނެވުނު ބަދަލުތަކާއި އެކު ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް ކައުންސިލްތަކަށް ލިބިފައިވާ ބާރުތަކުގެ ތެރެއިން އެއް ބާރު ކަމުގައިވާ މާލީ މިނިވަންކަމަށް ހުށަހެޅިފައިވާ ބިލުގެ ސަބަބުން ބޮޑެތި ގޮންޖެހުންތައް ކުރިމަތި ވާނެ ކަމުގައި މެމްބަރު ޒިޔާދު ވިދާޅުވިއެވެ.
އަދި ހަމައެއާއިއެކު ގާނޫނުގެ އެއް މާއްދާއަށް ފަހު އަނެއް މާއްދާއަށް ކުދި ބަދަލުތައް ގެންނަމުން ގޮސް މިހާރުވެސް ކައުންސިލްތަކުގެ ބާރު ކެނޑިފައިވާކަމަށާއި، އިހުތިސޯސު ކަނޑައެޅުމުގެ ބާރުވެސް މިހާރު ކައުންސިލްތަކަށް ނޯންނަކަމުގައި ވިދާޅުވިއެވެ. މިފަދައިން ކަންތައް ކުރެވިގެންދަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކަމަށާއި މިއީ އެމްޑީޕީގެ ސަރުކާރުން ލާމަރުކަޒީ ނިޒާމަށް ގެނެވިފައިވާ ހެޔޮ ބަދަލުތައް ނައްތާލައި ސަރުކާރުގެ އަތްދަށަށް ކައުންސިލްތައް ގެނައުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި ފާހަގަކޮށްފައެވެ.
އިތުރު ކަމެއްގެ ގޮތުގައި މެމްބަރު ޒިޔާދު ވަނީ ކައުންސިލަރުންގެ އަދަދާއި ރަށްތަކުގައި އަތޮޅު ކައުންސިލް ގާއިމުކުރަންޖެހޭ ކަމާއި މެދު ސުވާލު އުފައްދައި މަޖިލިސް ތަޅުމުގައި މިކަމާއި ގުޅޭ މަޝްވަރާތައް ހިނގަމުންދާކަމުގައި ފާހަގަކޮށްފައެވެ.
މިނޫސް ކޮންފެރެންސްގައި ވާހަކަދައްކަވަމުން މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު އަދި ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ވަނީ މި އިސްލާހު ނުގެނެ ސަރުކާރަށް ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބުނުކުރެވޭނެ ކަމުގައި ވިދާޅުވެފައެވެ. އަދި ސަރުކާރުގެ ވެރިން މިއިންތިހާބާއި ދިމާކޮށް ވަޒީފާތައް ބެހުމުގެ ހިޔާލު ގެންގުޅޭކަމަށާއި ސަރުކާރުގެ ވިސްނުންހުރީ ކައުންސިލްތައް ބަނދެފައި ބެހެއްޓުމުގެ ވިސްނުން ކަމުގައިވެސް ނިޔާޒް ވިދާޅުވިއެވެ.
ނިޔާޒްގެ ވާހަކައިގައި ސަރުކާރަށް ފާޑުކިޔުން އަމާޒުކޮށް ވިދާޅުވެފައިވަނީ ވެރިކަމަށް 2 އަހަރު ނިމިގެންގޮސްފައިވާއިރު، ރަށްތަކަށް ސަރުކާރުން ގެނެސްފައިވާ ތަރައްގީއެއް ނެތްކަމަށާއި، ކުރެވިފައިވާ މަސައްކަތްތައް ކޮށްފައިވަނީ ކައުންސިލްތަކުންކަމުގައެވެ.
ނޫސް ކޮންފެރެންސްގައި އެމްޑީޕީގެ އިސް މެމްބަރުން ވަނީ މި އިސްލާހު ގެނައުމާއި މެދު އެމްޑީޕީއިން ދެކޮޅުހެދި ކަމުގައި ވީނަމަވެސް، މިރޭ ބާއްވަން ހަމަޖެހިފައިވާ ލާމަރުކަޒީ ކޮމިޓީގައި މިކަމާއި ބެހޭގޮތުން ސަރުކާރުން ބޭނުންވާ ގޮތް ނިންމާނެކަމުގައި އިޝާރާތްކޮށްފައެވެ.