އެމްޑީޕީގެ އިސް ބޭފުޅުން - - ފޮޓޯ: އެމްޑީޕީ

ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެންނަނީ ލާމަރުކަޒީ ނިޒާމް ވުޖޫދުން ފޮހެލަން: އެމްޑީޕީ

އާއިޝަތު އަނާ ރަޝީދު
 
18 ދުވަސް ކުރިން

ދިވެހި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަކީ ލާމަރުކަޒީ ނިޒާމު ވުޖޫދުން އެއްކޮށް ފޮހެލުމުގެ ނިޔަތުގައި ކުރާ ކަމެއް ކަމުގައި މޯލްޑިވްސް ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފިއެވެ. 

މިއަދު އާއްމުކޮށްފައިވާ ނޫސް ބަޔާނެއްގައި އެމްޑީޕީން ބުނެފައިވަނީ މަޖިލިސް ތަޅުމަށް ހުށަހަޅާފައިވާ ބިލަކީ ކަނޑައެޅިގެން ލޯކަލް ކައުންސިލްތަކުގެ ބާރު އެއްކޮށް ކަނޑުވާލުމަށް ކުރާ ކަމެއް ކަމުގައެވެ. އަދި މިބިލަށް ތާއިދު ނުކުރުމަށާއި މިބަދަލު ގަބޫލުނުކުރާކަމަށްވެސް މިޕާޓިން ވަނީ ބުނެފައެވެ. 

އެގޮތުން މަޖިލީހަށް ހުށަހަޅާފައިވާ ބިލަކީ ކައުންސިލްތަކުގެ މާލީ މިނިވަންކަން އެއްކޮށް ގެއްލި، ކައުންސިލްތައް ބާރުވެރިކުރުމަށް އެމްޑީޕީ އިން ކޮށްފައިވާ މަސައްކަތާއި ދެކޮޅުކަމެއް ކަމުގައި ފާހަގަކޮއްފައިވެއެވެ. އަދި ކައުންސިލްތަކަށް ހޯދައިދީފައިވާ މިމިނިވަންކަމަކީ ރައްޔިތުންނަށް ވެސް އަދި ވަކި ރަށްތަކަށްވެސް ލިބިގެން ދިޔަ ކުރިއެރުމެއް ކަމުގައި އެމްޑީޕީއިން ވަނީ ފާހަގަކޮށްފައެވެ. 

 ނޫސް ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި ލާމަރުކަޒީ އުސޫލަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ޕީއެންސީގެ ސަރުކާރުން ދައުލަތުގެ ހުރިހާ ބާރުތައް ބޭނުންކޮށްގެން ކުރާ ކަމެއް ކަމަށާއި އެމްޑީޕީއިން މިކަން ހަރުކަށިކޮށް ކުށްވެރިކުރެއެވެ. 

އަދި ލާމަރުކަޒީ އުސޫލަށް ބަދަލު ގެނައުމަށް ސަރުކާރުން ކުރާ މަސައްކަތާއި ދެކޮޅަށް ހުރިހަަ ކައުންސިލްކުންވެސް އަދި އެންމެހާ ރައްޔިތުންވެސް އިހުތިޖާޖު ކުރުމަށް އެމްޑީޕީ އިން ވަނީ ގޮވާލާފައެވެ.