މުދާ އުފުލާ ވޭނެއްގެ ފަހަތުން
ސައުތު ބްރިސްބޭން ގައި ހުރި ކުޑަ ގުދަނެއްގެ ތެރެއިން، ކުރު ސޯޓަކާއި ޓީޝާޓެއް ލައިގެން ތިބި ދެ މީހަކު، ޓްރޮލީތަކެއްގައި ފޮށިގަނޑުތަކެއް ނެރެގެން ކާރު ޕާކިންގ ސަރަހައްދަކަށް ގެންދަނީއެވެ. އެ ދެ މީހުން، ވަރަށް ހަމަޖެހިލައިގެން ތިބެ، އެކަކު އަނެކަކާ ވާހަކަ ދައްކަމުން، މި ފޮށިގަނޑުތައް ބަރުކުރަމުން ގެންދަނީ އެތަނުގައި ޕާކުކޮށްފައި އޮތް ހުދު ކުލައިގެން މުދާ އުފުލާ ޒާތުގެ ވޭނަކަށެވެ.
އެ ދެ މީހުން އުފުލަމުން ގެންދިޔަ ފޮށިގަނޑުތައް ބަލާލުމަށް "ފޯ ކޯނާރސް" ގެ ޓީމުން ގާތްވެލުމުން، އެއީ މެންޗެސްޓަރ ސިނގިރޭޓް ފޮށިގަނޑުތަކެއްކަން ވަރަށް ސާފުކޮށް ފެންނަން ހުއްޓެވެ. މި ސިނގިރޭޓްތަކަކީ އެއްވެސް ޓެކްސްއެއް ދެއްކުމެއްނެތި، ޤާނޫނުގައި ބުނާ މިންގަނޑުތަކަށް ޕެކިންގ ނުފެދޭ އަދި ސިއްޙީ އެއްވެސް އިންޒާރެއް ޖެހުމެއްނެތި، އޮސްޓްރޭލިއާއަށް ވަގަށް ސްމަގްލްކޮށްފައިވާ ވަގު ސިނގިރޭޓްތަކެއްކަން ޔަޤީންވިއެވެ.
މި ސިނގިރޭޓް ފޮށިގަނޑުތައް ވޭންއަށް ބަރާކޮށްގެން، އެ ސަރަހައްދާއި މާ ދުރުނޫން ހިސާބެއްގައި ހުރި ކުޑަ ގުދަނަކަށް މަޑުކޮށް، އޭގެތެރެއިން ބައެއް ފޮށިގަނޑުތައް އެގުދަނަށް ވެއްދި މަންޒަރު ފޯ ކޯނާރސް ގެ ޓީމަށް ފެނިފައިވެއެވެ. ސްމަގްލްކޮށްފައި ހުންނަ މިފަދަ ސިނގިރޭޓްތައް އާންމު ގޮތެއްގައި ގުދަން ކުރަނީ، ފުލުހުންގެ ލޯތަކަށް ޝައްކު ނުވާނެ ގޮތަކަށް، އާއްމު ސަރަހައްދުން ބޭރުގައި ހުންނަ މިފަދަ ކުދިކުދި ގުދަންތަކުގައެވެ.
މި ގުދަން އޮޕަރޭޓްކުރާ ފަރާތަކީ، ބްރިސްބޭންގައި ވަގު ސިނގިރޭޓް ވިއްކާ މަދުވެގެން ހައެއްކަ ފިހާރައަށް، މިފަދަ ވަގު ސިނގިރޭޓް ސަޕްލައިކުރާ ފަރާތެއްކަން ޔަޤީންކުރެވުނެވެ.
މިފަދަ ވަގު ސިނގިރޭޓްތައް މިހާ ހާމަކަން ބޮޑު ގޮތެއްގައި، މިހާ ބޮޑެތި އަދަދުތަކުން އޮސްޓްރޭލިއާއަށް އެތެރެވަނީ ކިހިނެތްތޯއެވެ؟
ސިޑްނީގައި ހުރި މިފަދަ 'ސިއްރު ސަރަހައްދެއްގައި' ބަހައްޓާފައި ހުރި ފޮށިގަނޑުތަކަކާއި ކޮންޓެއިނަރުތަކެއް، އޮސްޓްރޭލިއަން ބޯޑަރ ފޯސް (އޭބީއެފް) ގެ ފަރާތުން ސްކޭންކުރިއެވެ.
މިގޮތަށް ހުރި ކޮންޓެއިނަރުތަކުގެ ތެރެއިން ކޮންޓެއިނަރެއްގައި، ވަރަށް އާދައިގެ ގޮތަކަށް، ކަޅު ރަބަރު ޕެކިން އަޅާ ބަންދުކޮށްފައި ހުރި ފޮށިގަނޑުތަކެއް ހުއްޓެވެ. މި ރަބަރު ޕެކިންތައް ނައްޓާލުމުން، އެ ފޮށިގަނޑުތަކަކީ ސީދާ މެންޗެސްޓަރ ވަގު ސިނގިރޭޓްކަން ހާމައަށް ފެންނާން ހުއްޓެވެ. އެ ކޮންޓެއިނަރުގައި އެކަނި 10 މިލިއަން މެންޗެސްޓަރ ސިނގިރޭޓް ސްޓިކް (500،000 ފޮށި) ހުއްޓެވެ.
މިތަނުގައި ސްމަގްލްކޮށްފައި ހުރި ވަގު ސިނގިރޭޓް ފޮށިތައް ދައްކާލަމުން، އޭބީއެފް ގެ އެސިސްޓެންޓް ކޮމިޝަނަރ ޓޯނީ ސްމިތު ބުނެފައިވަނީ އެތަކެއްޗަކީ އޭގެ އެންމެ ހަފްތާއެއްހާ ދުވަސްކުރިން ވަގަށް އެތެރެކޮށްފައިވާ ތަކެތިކަމަށެވެ. ވަގު ސިނގިރޭޓްތައް ބްލެކްމާކެޓްގައި އެތައް މިލިއަން ޑޮލަރެއްގެ ވަގު ވިޔަފާރި ހިންގާއިރު، އެތަކެތި އެތެރެކުރި މީހުންނަށް ލިބޭނީ ލައްކައެއް ނުވަތަ ދޮޅުލައްކައެއްހާ ޑޮލަރުކަމަށް އޭނާ ބުންޏެވެ.
ސްމިތު ބުނެފައިވާ ގޮތުގައި މިއަހަރު މިހާތަނަށް 268 ޓަނުގެ ދުންފަތާއި، 1.2 ބިލިއަން ސިނގިރޭޓް ސްޓިކް ވަނީ އޮސްޓްރޭލިއާއަށް ސްމަގްލްކުރަން އުޅެނިކޮށް އަތުލައިގަނެވިފައެވެ. މިތަކެތި ޤާނޫނީ ތަރަހައިގެ ތެރޭގައި އެތެރެކޮށް ވިއްކައިފިނަމަ؛ އެއީ ދައުލަތަށް ރެވެނިއުގެ ގޮތުގައި 2.3 ބިލިއަން ޑޮލަރު ލިބިގެންދާނެއެވެ.
"މިފައިސާއަކީ ދައުލަތުގެ ރައުސުލްމާލަށް، ޓެކްސްގެ ގޮތުގައި ވަންނަންޖެހޭ ފައިސާ. އެކަމަކު މިފައިސާ ދައުލަތުގެ ނިޒާމުގެ ތެރެއަށްނުވަދެ، މިފައިސާ ބޭނުންކޮށް ޚަރަދުކުރަމުން ގެންދަނީ، މާފިއާ ގޭންގުތަކުން، ނުރައްކާތެރި، ތަފާތު ޖިނާޢީ ބޮޑެތި ޖަރީމާތައް ހިންގުމަށެވެ."
"މީގައި އެންމެ ދެރަ އަދި ނުރައްކާތެރިކަމަކީ، މި ހުރިހާ ފައިސާއެއް ދައުލަތުގެ ރައުސުލްމާލުގެ ތެރެއަށް ނުވަނުމެއްނޫން! އެފައިސާ ނުރައްކާތެރި އެތަކެއް ޖަރީމާތަކެއް ހިންގުމަށް ބޭނުންކުރުން. މާފިއާ ގޭންގުތަކުން މިފައިސާ ބޭނުންކޮށްގެން މަސްތުވާތަކެތީގެ ވިޔަފާރި ހިންގުމާއި، ހަތިޔާރާއި، އިންސާނީ ވަގުފާރި ފަދަ ބޮޑެތި ޖަރީމާތަކަށް ޚަރަދުކުރަމުން ގެންދޭ. މިއީ އެތައް ބަޔަކު ނުރައްކަލަށް ހުށަހެޅިގެންދާ ބޮޑެތި ޖަރީމާތަކެއް. މިއީ އެންމެ ބޮޑަށް ދެރަވެ އަދި މިކަމުގައި އޮތް ނުރައްކާތެރިކަމަކީ" ވަރަށް އަސަރާއެކު ސްމިތު ބުނެފައިވެއެވެ.
ނުނިމޭ....................