ޔަހޫދީންގެ މަކަރުވެރިކަމާއި އަނިޔާވެރިކަމާއި ނުބައިކަމަށް އިންސާނުންނާއި ޖަނަވާރުން އަދި ކިއެއް ގަސްގަހާގެހިވެސް ހެކިވާނެއެވެ. ނަމަވެސް ހުޅަގުގެ އިންސާނީ ހައްޤުތަކުން ފުރިފައިވާ ކަމަށް ދަޢުވާކުރެވޭ މި ތަހްޒީބީ ޒަމާނުގައިވެސް ޔަހޫދީންފަދަ ހިތްތަކެއްވާ އިންސާނުން މަދެއްނޫނެވެ މިބައިމީހުންގެ ހިއްތަކުންވަނީ އިންސާނިއްޔަތުކަން ފޮހެވިފައެވެ. ހިތާމައަކީ މުސްލިމް މުޖްތަމަޢުތަކުގައިވެސް ޔަހޫދީންގެ ސިފަތަކުން ޞިފަލިބިގެންވާ މީހުން އުޅެމުންދާކަމެވެ. ޔަހޫދީން އިހުގެ އުންމަތްތަކުން ވާރުތަކުރި ވާރުތަމުދާ ހޯދައިގެން އޭގެމައްޗަށް ދިރިއުޅުން ބިނާކޮށްގެން އުޅޭމީހުން މަދެއްނޫނެވެ. އަޅުގަންޑުމެންގެ މި ސައްތައިން ސައްތަ މުސްލިމް މުޖްތަމަޢުގައިވެސް މެއެވެ. ކޮންމެ ރަށެއް ވަކިވަކިން ބަލާލި ކަމުގައިވިއަސް މި ކަމުގެ ހަޤީގަތް ފެނެއެވެ.
މީސްތަކުންގެ ތެރެއިން އެތައްބަޔަކު އެއެއްޗެއްގެ އަވާގައި ޖެހިފައިވާ ސިޙުރަކީ ޔަހޫދީން ފިރުޢައުނުގެ ޒަމާނުން އަދި ސުލައިމާން عليه السلام ގެ ޒަމާނުގައި ޝައިތާނުން ކިޔާއުޅުނު ތަކެތިން ޔަހޫދީން އެ ސިޙްރުތައް އުނގެނި އެބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް އެ ވާރުތަކުރަމުން ވާރުތަކުރަމުން މި އުއްމަތާ ހަމައަށްވެސް އެ ވާރުތަކުރުވި އެބައިމީހުންގެ ތަރިކައެކެވެ.
އޭގެ ނުބައިކަން ބަޔާން ކުރައްވާ ނަބިއްޔާ صلى الله عليه وسلم ހަދީޘް ކުރައްވާފައިވެއެވެ: اجْتَنِبُوا السَّبْعَ المُوبِقَاتِ» ، قَالُوا: يَا رَسُولَ اللَّهِ وَمَا هُنَّ؟ قَالَ: «الشِّرْكُ بِاللَّهِ، وَالسِّحْرُ، وَقَتْلُ النَّفْسِ الَّتِي حَرَّمَ اللَّهُ إِلَّا بِالحَقِّ، وَأَكْلُ الرِّبَا، وَأَكْلُ مَالِ اليَتِيمِ، وَالتَّوَلِّي يَوْمَ الزَّحْفِ، وَقَذْفُ المُحْصَنَاتِ المُؤْمِنَاتِ الغَافِلاَتِ
أخرجه البخاري (2766)
ތިޔަބައިމީހުން ގެއްލުންދޭ (ހަލާކުކުރުވާ) ބޮޑު ހަތް ފާފައިން ދުރުހެލިވާށެވެ! (އަޞްހާބުބޭކަލުން) ދެންނެވިއެވެ. ﷲގެ ރަސޫލާއެވެ. އެ ހަތް ފާފައަކީ ކޮބައިތޯއެވެ؟ އެކަލޭގެފާނު ޙަދީޘް ފުޅުކުރެއްވިއެވެ. އެއީ ﷲއަށް ޝަރީކުކުރުމާއި، ސިޙުރު ހެދުމާއި، ﷲ ޙަރާމްކުރައްވާފައިވާ ނަފުސެއް ޙައްގަކާއި ނުލައި ގަތުލުކުރުމާއި ، ރިބާ ކެއުމާއި، ޔަތީމުންގެ މުދާ (ނުޙައްގުން) ކެއުމާއި، މުސްލިމުންނާއި ކާފިރުންނާ ކުރެވޭ ހަނގުރާމައިގެ މައިދާނުން ފިލުމާއި އަދި ޢިއްފަތްތެރި މުސްލިމް އަންހެނުންނަށް ގަޛްފުކުރުމެވެ"
ސިޙުރަކީ އޭގެ ޞާހިބާ ހަލާކުގެ ވަޅުގަނޑަކަށް ދުނިޔެއާއި އާޚިރަތުގައި ވެއްޓޭނެ ޢަމަލެކެވެ ބޮޑެތިފާފަތަކުގެ ތެރެއިން ފާފައެކެވެ، ކުފުރުގެ ދޮރެކެވެ. ޤުރްއާނާއި ސުންނަތުން ސާފުކޮށް ބަޔާންވެގެންވާ ގޮތުގައި ސިޙްރުވެރިއާއަށް އާޚިރަތުގައި އެއްވެސް ނަޞީބެއް ނުވެއެވެ.
ސިޙްރުވެރިންގެ ކައިރިއަށް ބޭނުންތައްފުއްދުމަށް ދިއުމާއި އެބައިމީހުންގެ ވާހަކަތައް ތެދުކުރުމަކީވެސް ނުހަނު ބޮޑުވެގެންވާ ފާފައެކެވެ. ބައެއް ޝަރުޢީ ނައްޞުތަކުން އިނގޭ ގޮތުގައި އެފަދަމީހެއް ކައިރިއަށް ދިއުމާއި އޭނަގެ ބަސް ތެދުކުރަމީ ކުފުރުގެ ޢަމަލެކެވެ.
މިކުށުގެ ނުބައިކަމާއި ގެއްލުން ބޮޑުކަން މިކަމަށް ޝަރީޢަތުގައި ކަނޑެއެޅިފައިވާ ޙުކުމަށް ބެލުމުން ހާމަވެގެންދެއެވެ. ސިޙުރު ޙަރާމްވެގެންވާ ކަމާއިމެދު ޢިލްމުވެރިން އިއްތިފާޤުވެގެންވެއެވެ. ސިޙުރުވެރިއާގެ ޙުކުމާއި ބެހޭގޮތުން ޢިލްމުވެރިން ބަޔާންކުރައްވާފައިވެއެވެ: މުސްލިމަކު ސިޙުރުގެ ޢަމަލެއް ކޮށްފިނަމަ ދީނުންބޭރުވާނެއެވެ، ބައެއް ޢިލްމުވެރިން ޙުކުމް ތަފްޞީލު ކުރައްވާފައިވެއެވެ، އެގޮތުން އެމީހެއްގެ މައްޗަށް ޙުކުމް ބިނާވެގެންވާނީ އެމީހާ ހެދި ސިހުރުގެ ވައްތަރެއްގެ މައްޗަށެވެ އޭނާ އެ ސިޙުރެއް ހެދުމުގައި ޝައިތާނުންނަށް ޤުރުބާން ކުރުމާއި އަޅުވެތިވުމާއި ، ނުވަތަ ދީނުގެ ކަމަކަށް އިހާނެތިކޮށްހިތުން ހިމެނޭނަމަ އެފަދަ މީހާގެ ކުފުރާއިމެދު ޝައްކެއްނުވެއެވެ. ސިޙުރު ހެދުމުގައިވަނީ ހަމައެކަނި ދުން އެރުވުން ފަދަ ކަމެއްނަމަ އެމީހަކުވާނީ ފާސިޤެއްކަމުގައެވެ މިފަދައިން ބައެއް ޢިލްމުގެ އަހުލުވެރީން ބަޔާން ކުރައްވާފައިވެއެވެ.
ސިޙުވެރިއާގެ މައްޗަށް ހައްދު ޤާއިމްކުރުމަކީ ވެރިންގެ މައްޗަށްވާ ކަމެކެވެ. ޖުމްހޫރު ޢިލްމުވެރިންގެ ބަސްފުޅަކީ ސިޙްރުވެރިއާގެ ހައްދަކީ ޤަތުލުކުރުމެވެ. ޢިލްމުގެ އަހުލުވެރީންގެ ތެރެއިން ބައެއް ބޭކަލުން ދެކިލައްވާ ގޮތުގައި ސިޙްރުވެރިއާ ތައުބާއެއް ނުވެއެވެ.
ސިޙުރުގެ ތެރޭގައި އެތަކެއް ވައްތަރުތަކެއްވެއެވެ، އިންސާނާ މަރައިލާ ، ބަލިކޮށްލާ ސިޙުރާއި ، ފިރިމީހާ އަބިމީހާއާއި ދުރުކޮށްލާ ސިޙްރާއި ، އަވައްޓެރީންނާއި ، އެއްބަޑު އެއްބަފާ މީހުންނާއި ގާތްތިމާގެ މީހުންނާއި ދުރުކޮށްލާ ސިޙްރާއި ، ގެއާއި ގެދޮރު ސުންނާފަތި ކުރުވާ ސިޙްރުވެއެވެ، އަދި މި ޒަމާނުގައި މިވަނީ ސިޙްރުގެ ވައްތަރުތައް ގިނަވެ ތަފާތުވެފައެވެ. މިއީ މިއަދު ނުހަނު ސަމާލުކަން ދޭންޖެހޭ ކަމެކެވެ. ރައްކާތެރިކަމާއި ސަލާމަތްކަން ލިބިގަތުމަށް ދީނުގައި ބަޔާންވެފައިވާ ކަންތައް ތަކުގައި ގަދައަށް ހިފަހައްޓަން ޖެހެއެވެ.
ސިޙުރުން ސަލާމަތްވުމަށް ދީނުގައި އައިސްފައިވާ ބައެއްކަންތައް ބަޔާން ކޮށްލާނަމެވެ، ދުޢާ އަކީ މާތް ﷲ އަޅުގަނޑުމެން އެންމެން މި ވަބާއިން ރައްކާތެރިކުރެއްވުން.
ސިޙުރުން ރައްކާތެރިވުމަށް އަންނަނިވި ކަންތައްތައް ކޮންމެ މުސްލިމަކަށް ކުރެވިދާނެއެވެ
ހެނދުނާއި ހަވީރުގެ ޒިކުރުތައް ކިޔުން
ބަޤަރާ ސޫރަތް ކިޔެވުން
ގެއިން ނުކުތުމާއި ވަނުމުގައި ދުޢާކިޔުން
ރޭގަނޑުގައި އާޔަތުލް ކުރްސި ކިޔެވުން
إخلاص, فلق , ناس ތިން ސޫރަތް ކިޔެވުން
އަޖުވާ 7 ކަދުރު ކެއުން، އަޖުވާ ކަދުރު ނުލިބޭ ނަމަ ކޮންމެ ކަދުރަކުންވެސް 7 ކަދުރު ކެއުން
ޖަމާޢަތުގައި ނަމާދުތަކަށް ރައްކާތެރިވުން ޚާއްޞަކޮށް ފަތިސް ނަމާދަށް
ރައްކާތެރިކަމަށް ވާރިދުވެފައިވާ ދުޢާތައް ކުރުން.