އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވީ، ތެހެރާނާއެކު ވެވޭ ކޮންމެ ނިއުކްލިއަރ އެއްބަސްވުމެއްގެ ދަށުން، އީރާނުން މުއްސަނދިކޮށްފައިވާ ހުރިހާ ޔުރޭނިއަމެއް ދޫކޮށްލުމަށާއި، އިތުރަށް ޔުރޭނިއަމް މުއްސަނދިކުރުން މަނާކުރުމަށް އެމެރިކާއިން ޝަރުތުކުރަންޖެހޭނެ ކަމަށެވެ.
އާދީއްތަ ދުވަހު ޖެރުސަލީމްގައި ދެއްވި ތަގުރީރެއްގައި އޭނާ ވަނީ ބޭނުންވާ ބައެއް ޝަރުތުތައް ބަޔާންކުރައްވާފައެވެ. އޭގެ ތެރޭގައި "މުއްސަނދިކޮށްފައިވާ ހުރިހާ މާއްދާއެއް އީރާނުން ބޭރުކުރަންޖެހޭނެ" ކަމަށާއި "ޔުރޭނިއަމް މުއްސަނދިކުރުމުގެ އެއްވެސް ގާބިލުކަމެއް ހުރެގެން ނުވާނެ" ކަމަށް ވިދާޅުވިއެވެ.
އޭނާ މިހެން ވިދާޅުވެފައި މިވަނީ، އަންގާރަ ދުވަހު ސުވިޒަލޭންޑުގައި ބޭއްވުމަށް ހަމަޖެހިފައިވާ ދެވަނަ ބުރުގެ މަޝްވަރާތަކަށް އީރާނާއި އެމެރިކާގެ އޮފިޝަލުން ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ.
އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާ ބެހޭގޮތުން މަޝްވަރާކުރަން ތައްޔާރަށް އޮތްނަމަ، ނިއުކްލިއަރ އެއްބަސްވުމަކަށް އައުމަށްޓަކައި ދޫދިނުންތަކެއް ދިނުމަށް އީރާނުން ވިސްނާނެ ކަމަށް އެ ގައުމުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު މަޖީދު ތަޚްތު-ރަވަންޗީ ތެހެރާނުގައި ބީބީސީއަށް ވިދާޅުވިއެވެ.
ނަމަވެސް، ޔުރޭނިއަމް މުއްސަނދިކުރުން މުޅިން ހުއްޓާލުމަކީ އީރާނުން ދެކޭގޮތުގައި ރަތް ރޮނގެކެވެ. އަދި އެއީ ނިއުކްލިއަރ ހަތިޔާރު ފެތުރުން މަނާކުރާ މުއާހަދާގެ ދަށުން އެ ގައުމަށް ލިބިދޭ ހައްގުތަކަށް އަރައިގަތުމެއް ކަމަށްވެސް އީރާނުން ދެކެއެވެ.
އެއްބަސްވުމަކަށް އައުމަށް އެމެރިކާއިން ވަނީ އީރާނަށް ބޮޑެތި ފިއްތުންތަކެއް ކުރިމަތިކުރުވާފައެވެ. އަދި މެދުއިރުމަތީގައި އެމެރިކާގެ އަސްކަރީ ގާބިލުކަން އިތުރުކޮށް، އެމެރިކާގެ އެންމެ ބޮޑު މަނަވަރު ހިމެނޭހެން ދެ އެއަރކްރާފްޓް ކެރިއަރު އެ ސަރަހައްދަށް ވަނީ ފޮނުވާފައެވެ.
އެމެރިކާގެ އިތުރު ކަނޑުގެ ސިފައިން އެ ސަރަހައްދުގައި ކުރިމަތިވެދާނެ ކޮންމެ ނުރައްކަލަކުން ދިފާއުވާނެ ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ސްލޮވާކިއާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އީރާނަށް ސީދާ ހަމަލާދިނުމުގެ ބަދަލުގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް "އިސްކަންދެއްވަނީ ޑިޕްލޮމަސީއަށާއި މަޝްވަރާކޮށްގެން ހައްލެއް ހޯދުމަށް" ކަމަށެވެ.
ޓްރަމްޕްގެ ހާއްސަ މަންދޫބު ސްޓީވް ވިޓްކޮފް އާއި ދަނބިދަރިފުޅު ޖެރެޑް ކުޝްނަރ، ޖެނީވާއަށް ދަތުރުކުރައްވާ އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ ހިމެނޭހެން އީރާނުގެ މަންދޫބުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
"އީރާނާއެކު ކާމިޔާބު އެއްބަސްވުމެއް ހެދުމަށް މިހާތަނަށް އެއްވެސް މީހަކަށް ކާމިޔާބުވެފައެއް ނުވޭ، އެކަމަކު އަހަރެމެން އެކަމަށް މަސައްކަތް ކުރާނަން،" ރޫބިއޯ ވިދާޅުވިއެވެ.
ޓްރަމްޕް ވަކިވެވަޑައިގެންނެވި 2015 ވަނަ އަހަރުގެ ނިއުކްލިއަރ އެއްބަސްވުމުގެ ދަށުން، އިގްތިސާދީ ގޮތުން އަޅާފައިވާ ހަރުކަށި ފިޔަވަޅުތައް އުވާލުމުގެ ބަދަލުގައި، އީރާނުގެ ނިއުކްލިއަރ ހަރަކާތްތައް މަދުކުރުމަށާއި ބައިނަލްއަގުވާމީ އިންސްޕެކްޝަންތަކަށް ފުރުސަތު ދިނުމަށް އީރާނުން އެއްބަސްވެފައިވެއެވެ.
އެންމެ ފަހުގެ މަޝްވަރާތަކުގެ ކުރިން ތަޚްތު-ރަވަންޗީ ބީބީސީއަށް ވިދާޅުވީ، ދޫދިނުމަށް ތައްޔާރަށް އޮތްކަމުގެ ހެއްކެއްގެ ގޮތުން، 60 އިންސައްތައަށް މުއްސަނދިކޮށްފައިވާ ޔުރޭނިއަމްގެ ކޮންސެންޓްރޭޝަން ދަށްކުރުމަށް ތެހެރާނުން ހުށަހަޅާފައިވާ ކަމަށެވެ.
ހަތިޔާރު އުފެއްދުމާ ގާތް މިންވަރަކަށް ޔުރޭނިއަމް މުއްސަނދިކުރުމުގެ ސަބަބުން، އިސްލާމީ ޖުމްހޫރިއްޔާއިން ނިއުކްލިއަރ ހަތިޔާރު އުފެއްދުމާ ދިމާލަށް މިސްރާބު ޖަހާފައިވާ ކަމަށް ކުރެވޭ ޝައްކުތައް ވަނީ އިތުރުވެފައެވެ. ނަމަވެސް އީރާނުން އަބަދުވެސް އެކަން ދޮގުކުރެއެވެ.
"ދަތިކުރުމުގެ ފިޔަވަޅުތަކާ ބެހޭގޮތުން ވާހަކަދައްކަން އެމީހުން ތައްޔާރުނަމަ، އަހަރެމެންގެ ޕްރޮގްރާމާ ގުޅުންހުރި މި މައްސަލައާއި އެހެނިހެން މައްސަލަތަކާ ބެހޭގޮތުން މަޝްވަރާކުރަން އަހަރެމެން މިތިބީ ތައްޔާރަށް،" ތަޚްތު-ރަވަންޗީ ބީބީސީއަށް ވިދާޅުވިއެވެ. ނަމަވެސް މީގެ މާނައަކީ ހުރިހާ ފިޔަވަޅުތަކެއް ނުވަތަ ބައެއް ފިޔަވަޅުތައް އުވާލުންތޯ އޭނާ ސާފެއް ނުކޮށްދެއްވައެވެ.
އަދި 400 ކިލޯއަށްވުރެ ގިނަ މުއްސަނދިކޮށްފައިވާ ޔުރޭނިއަމް ގައުމުން ބޭރަށް ފޮނުވާލުމަށް އީރާނުން އެއްބަސްވާނެތޯވެސް އޭނާ ވިދާޅެއް ނުވެއެވެ.
ވޮޝިންޓަނުން ތެހެރާނާއެކު އެއްބަސްވުމަކަށް އައުމަށް މަސައްކަތް ކުރަމުންދާއިރު، ނަތަންޔާހޫ ވިދާޅުވީ ދާދިފަހުން ވައިޓް ހައުސްގައި ބޭއްވި ބައްދަލުވުމެއްގައި ޓްރަމްޕްގެ އަރިހުގައި މިކަމާ މެދު އޮތް "ޝައްކުތައް" ހިއްސާކުރައްވާފައިވާ ކަމަށެވެ.
"އަހަރެން ބުނިން އެއްބަސްވުމަކަށް އަންނަނީނަމަ، އޭގައި ބައެއް މުހިންމު ބައިތައް ހިމެނެންޖެހޭނެ ކަމަށް... އެއީ ހަމައެކަނި އިސްރާއީލުގެ ސަލާމަތަށް ނޫން، މުޅި ދުނިޔޭގެ ސަލާމަތަށްޓަކައިވެސް މުހިންމު ކަންތައްތަކެއް ކަމަށް އަހަރެމެން ގަބޫލުކުރަން،" ނަތަންޔާހޫ ވިދާޅުވިއެވެ.
އިސްރާއީލުގެ މައިގަނޑު އެއް ޑިމާންޑަކީ، އިސްރާއީލަށް ހަމަލާދިނުމަށް ބޭނުންކުރާ އީރާނުގެ ބެލިސްޓިކް މިސައިލް އުފެއްދުން ހުއްޓުވުމެވެ.މިހާތަނަށް ތެހެރާނުން ވަނީ އެ ގައުމުގެ ބެލިސްޓިކް މިސައިލް ޕްރޮގްރާމާ ބެހޭގޮތުން އެމެރިކާގެ އޮފިޝަލުންނާއެކު މަޝްވަރާ ކުރުމަށް އިންކާރުކޮށްފައެވެ.
މީގެ އިތުރުން، ހަމާސް އާއި ހިޒްބުﷲ ހިމެނޭގޮތަށް މެދުއިރުމަތީގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތްތަކަށް އީރާނުން ދޭ އެހީތެރިކަން ހުއްޓާލުމަށް އިސްރާއީލުން ކުރިންވެސް ވަނީ ގޮވާލާފައެވެ.